ކުށްކުރުން އިތުރުވެ، މުޖުތަމައު ތެރޭގައި ބިރުވެރިކަން އިތުރުވެފައިވާ ކަމަށް ބުނެ ގާނޫނުތައް ތަންފީޒުކުރުން ހަރުދަނާ ކުރުމަށް ގޮވާލާ އިދިކޮޅުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ބަލައިނުގަނެ މިއަދު ބޭރުކޮށްލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި މައްސަލަ ހުށަހަޅުއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރެވެ.
މި މައްސަލަ ބަލައިގަތުމާ މެދު މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި ހާޒިރުވެތިއްބެވި 40 މެންބަރުންގެ ތެރެއިން 25 މެންބަރުން ވޯޓު ދެއްވީ މައްސަލައަށް ބަހުސް ކުރަން ނުފެންނަ ކަމަށެވެ. މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ އެންމެ ހަތް މެންބަރުންނެވެ.
”ކުށްކުރާ މީހުންނަށް އަދަބު ނުދިނުމާއި އެފަދަ މީހުންގެ މައްޗަށް ގާނޫނު ނުހިންގުމާއި ރައްޔިތުންގެ އާންމު މަސްލަހަތާ ގުޅުން ހުންނަ ކަންކަމުގައި ވަގުތުން އަޅަން ޖެހޭ ފިޔަވަޅު ނޭޅުމުގެ ސަބަބުން ރައްޔިތުންގެ ކެތްތެރިކަން ކޮޅުން ލައި، ކުށް ކުރާ ފަރާތްތަކަށް އާންމުން އަނިޔާކޮށް، ގަން ހިންގުން ފަދަ ކަންކަން އާންމުވަމުންދާއިރު، ސަރުކާރުން އެކަށީގެންވާ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން މުޖުތަމައުގައި ބިރުވެރިކަން އިތުރުވަމުންދާތީ،“ އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވެ އެވެ.
މި މައްސަލައިގައި ވަނީ މަސްތުވާތަކެތީގެ މައްސަލައާއި މާރާމާރީފަދަ މައްސަލަތައް އިތުރުވާއިރު ފިޔަވަޅު ނޭޅޭތީ ރަށްރަށާއި ސިޓީތައް ހަލާކުގެ ތެރެއަށް ވެއްޓެމުން އަންނަ ކަން ފާހަގަކޮށްފަ އެވެ.

