ކުޑަ ދެ ކުދިން މަރާލާފައިވާ މައްސަލައިގައި ސައުތު ކޮރެއާއިން އަންހެނަކު ހައްޔަރުކޮށްފިއެވެ.
42 އަހަރުގެ އަންހެނަކު ސައުތު ކޮރެއާއިން ހައްޔަރުކޮށްފައިވާއިރު، އެނާގެ ދަރިންގެ ހަށިތައް ފެނިފައިވަނީ ނިއުޒިލެންޑުގައި އޮތް އޯކްޝަނެއްގައި ވިއްކާލި ހެދުން އަޅާ ފޮށިތަކެއްގެ ތެރެއިންނެވެ. ސައުތު ކޮރެއާއިން ހައްޔަރު ކުރެވިފައިވާ އަންހެން މީހާއަކީ ފޮށިތަކެއްގެ ތެރެއިން ފެނިފައިވާ ދެ ކުދިންގެ މަންމަކަމަށް ބޭރުގެ ނޫސްތަކުން ރިޕޯޓު ކުރެއެވެ.
ދެކުދިން މަރާލިކަމަށް ތުހުމަތު ކުރެވި ހައްޔަރު ކުރެވިފައިވާ އަންހެން މީހާއަކީ، ނިއުޒިލެންޑުގައި އުޅެ ބޮޑުވެފައިވާ ކޮރެއާ މީހެކެވެ. ނިއުޒިލެންޑުގެ ފުލުހުން ލަފާ ކުރާގޮތުން އެނާ ކޮރެއާއަށް ފިލައިގެން ގޮސްފައިވަނީ 2018 ވަނަ އަހަރުގެ ތެރޭގައި އެ ދެކުދިން މަރާލައި ފޮރުވުމަށް ފަހުއެވެ. އަދި ކޮރިއާއަށް ވަނުމަށްފަހު ފިލައިގެން އުޅެފައިވާކަމަށްވެސް ބުނެފައިވެއެވެ.
ކޮރެއާގެ ފުލުހުން މިހާރު މަސައްކަތް ކުރަމުންދަނީ ގާނޫނީ އިމުގެ ތެރެއިން އެނާގެ މައްޗަށް އިންސާފު ގާއިމު ކުރުމަށް އަނބުރާ ނިއުޒިލެންޑަށް ފުރުވާލުމަށެވެ.
މަރާލާފައިވާ ދެކުދިންގެ ހަށިތައް ފެނިފައިވަނީ ނީލަމެއްގައި ވިއްކާލާފައިވާ ބައިވަރު މުދާތައް ގަތް އާއިލާއަކަށެވެ. އަދި ގިނަ ދުވަސްތަކެއް ވެފައިވާތީ މި ކޭސްއަކީ ވަރަށް ދަތި މަރުހަލާތަކެއް ކަޑައްތު ކުރަންޖެހޭނެ މައްސަލައެއް ކަމަށް މައްސަލައާއި ހަވާލުވެގެންހުރި ނިއުޒިލެންޑުގެ ފުލުހުންގެ އޮފިޝަލަކުވަނީ މީޑިއާތަކާއި މައުލޫމާތު ހިއްސާކޮށްފައެވެ.
ނިއުޒިލެންޑު ފުލުހުން ބުނެފައިވާގޮތުން ހަށިތައް ފެނުނުތާ ގިނަ ދުވަސްތަކެއް ނުވެ މީހަކު ހައްޔަރު ކުރެވިފައިވަނީ މި މައްސަލަ ކޮޅެއްގައި ޖެއްސުމަށް ކޮރިއާގެ ފުލުހުންނާއި އެ ގައުމުގެ ރައްޔިތުންގެ އެއްބާރުލުމުގެ ސަބަބުންނެވެ.

