ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ޝިރުކު ކުރައްވާކަމަށް ބައެއް ދީނީ އިލްމުވެރިން ޤަބޫލުކުރައްވާކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ވިދާޅުވެއްޖެ އެވެ.
އިސްލާމީ ފަތުވާދޭ މަޖިލީހެއް އެކުލަވާލުމަށް އެދި މަޖިލީހަށް ހުށަހަޅާފައިވާ މައްސަލއަށް ބަހުސް ކުރައްވަމުން އާދަމް ޝަރީފު ވިދާޅުވީ، އިނދިރޭސި ވިލާތުގެ ރާނީ އެލިޒެބަތް އަވަހާރަވުމާއި ގުޅިގެން އެކަމަނާގެ ޖަނާޒާއަށް ރައީސް ޞާލިހު އިނގިރޭސިވިލާތަައް ވަޑައިގެން ބައިވެރިވުމުން، އެއީ ރައީސުލް ޖުމަހޫރިއްޔާ ކޮށްގެން ނުވާނެކަމެއް ކަމަށް ބައެއް ދީނީ އިލްމުވެރިން ޤުރުއާނުން އާޔަތްނަންގަވައިގެން ވިދާޅުވަމުން ގެންދަވާކަމަށާއި އަދި ބައެއް އިލްމުވެރިން އެއީ މައްސަލައެއްނޫންކަމަށް ދެކިލައްވާކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން، ފަތުވާ މަޖިލިސް އެކުލަވާނުލެވި އޮއްވާ ޤައުމުގެ ވަލީއުލް އަމުރުގެ ބޮލުގައި ޝިރުކު ކުރާކަމުގެ ތުހުމަތުވެސް އަޅުވަމުންދާކަމަށް މެންބަރު ވިދާޅުވިއެވެ.
“ޚާއްސަ މަޖިލީސް އެކުލަވާނުލައި އޮއްވާ އަނެއްކާ ދިމާވާކަމަކާއި ގުޅިގެން ރައީސުލް ޖުމހޫރިއްޔާއަށްވެސް، ސީދާ ރައީސުލް ޖުމަހީރިއްޔާ ޝިރުކު ކުރާކަމަށް އެބަ ބައެއް ދަންނަ ބޭކަލުން ވިދާޅުވޭ.“ މެންބަރު ޝަރީފް ވިދާޅުވިއެވެ.
އެހެންކަމުން، ދީނީ ޚިލާފުވުންތަކުގައި ގޮތްނިންމުމަށް އިސްލާމީ ފަތުވާ ދޭ މަޖިލީސް އަވްސްގޮތެއްގައި އެކުލަވާލުމަކީ ވަރަށްވެސް މުހިއްމު ކަމެއްކަމަށް މެންބަރު ޝަރީފް ފާޙަގަކުރެއްވިއެވެ.
ރާނީ އެލިޒެބަތްގެ ޖަނާޒާގައި ރައީސްގެ ދެކަނބަލުން ބައިވެރިވުމާއެކު ދީނީ އިލްމުވެރިންގެ އިތުރުން ރައްޔިތުންގެ ފާޑު ކިޔުންވެސް ސަރުކާރަށް އަމާޒުވިއެވެ. އަދި ޢައިރު މުސްލިމެއްގެ ޖަނާޒާގައި ބައިވެރިވުމާއި މެދު ޚިޔާލު ތަފާތުވުންތަކެއް އުފެދި ރައީސް ޞާލިހުއަށް ނުރުހުމުގެ ބަސްތައް ވަނީ އަމާޒުވެފައެވެ.

