ދައުރު ނިމެންވާއިރު ތަރައްގީގެ މަޝްރޫއު ނުހިނގާ އެއްވެސް ރަށެއް ނެތުމަކީ ރައީސްގެ އަމާޒެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.
2018 ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި އޭރުގެ ސަރުކާރަށް އިދިކޮޅުގައި އޮވެ އެމްޑީޕީން އެންމެ ބޮޑަށް ފާޑުކީ ބޭނުން ވަނީ ކޮންކްރީޓު ތަރައްގީއެއް ނޫންކަމަށް ބުނެ އެވެ. ރާއްޖޭގެ ރަށްތަކަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށް ދިނުމަށް މިދިޔަ ދައުރުގައި އެއްވެސް ސަމާލުކަމެއް ދީފައިނުވާކަމަށް ސަރުކާރަށް ތާއީދު ކުރާ މެމްބަރުން ބުނެ އެވެ. ވެރިކަމަށް އައުމަށް އެކުލަވާލި ޖަޒީރާ މެނިފެސްޓޯ އާއި އެމްޑީޕީގެ އެޖެންޑާ-19 ގައި ރައްޔިތުންނަށް ދޭން ޖެހޭ ހުރިހާ ހިދުމަތެއް ފުރިހަމަވާނެކަމަށް ބުނެފައި ވެއެވެ.
ރަށްތަކަށް ބޭނުންވާ ރައްކާތެރި ބޯފެނާއި، ރަނގަޅު ނަރުދަމާގެ ނިޒާމެއް އައި ބަނދަރުތައް ރަނގަޅު ފެންވަރެއްގައި ތަރައްގީ ކުރުމަށް ސިޔާސަތުތަކުގައި ބުނެފައި ވެއެވެ. އަދި ސިއްހީ ހިދުމަތާއި، ތައުލީމީ ނިޒާމަށް ގެންނާނެ ކުރިއެރުންތަކާއި ދާއިރާއާއި ގުޅުން ހުރި މަޝްރޫއުތައް ވަނީ ހިމަނާފަ އެވެ.
ސަރުކާރުގެ މަޝްރޫއުތަކާއި ބެހޭ މައުލޫމާތުތައް ހިއްސާ ކުރުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގައި، މިއުވާން ވިދާޅުވީ ކޮންޓްރެކްޓް ހަވާލުކުރެވި މަސައްކަތް ފެށުމުގެ މަރުހަލާގައި 12 ރަށް ހިމެނޭއިރު 11 ރަށެއްގައި މަސައްކަތް ނިމިފައިވާ ކަމަށެވެ. އެގޮތުން ފެނާއި ނަރުދަމާގެ ނިޒާމް 118 ރަށެއްގައި މިހާރުވެސް ކުރިއަށްދާކަމަށް މިއުވާން ވިދާޅުވިއެވެ.
މީގެ ކުރިން ބައެއް ސިޔާސީ މީހުން އެކި ޕްލެޓްފޯމްތަކުގައި ދައްކާ ވާހަކަތަކުގައި ކުރީގެ ސަރުކާރުން ފެނާއި ނަރުދަމާގެ ހިދުމަތް ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ފޯރުކޮށްދިން ކަން ފާހަގަކުރާކަމަށާއި ނަމަވެސް މީގެ ކުރިން ރައްޔިތުންނަށް އެ ހިދުމަތް ފޯރުކޮށްދީފައިވާނަމަ، މިއަދު 118 ރަށުގައި މަސައްކަތް ކުރަމުން ނުދާނެކަމަށް މިއުވާން ވިދާޅުވިއެވެ.
ރާއްޖޭގެ ބައެއް ރަށްރަށުގައި ބަނދަރުތައް ހަދާފައިވީ ނަމަވެސް ރަށުގެ އިގްތިސާދީ ހާލަތު އިތުރަށް ފުޅާވުމާއިގުޅިގެން އެރަށްރަށުގެ ބަނދަރު ބޮޑުކުރުމާއި މަރާމާތުކުރުމަށް އެދެމުން އަންނަ ކަމަށް މިއުވާން ވިދާޅުވިއެވެ. އެގޮތުން ބަނދަރާއި ޖެޓީގެ މަޝްރޫއު މިހާތަނަށް 44 ރަށެއްގައި ނިމިފައިވާއިރު އަމަލީ މަސައްކަތް 37 ރަށެއްގައި ކުރިއަށްދާ ކަމަށާއި 11 ރަށެއްގެ މަސައްކަތް ވަނީ ކޮންޓްރެކްޓް ކުރެވި މަސައްކަތް ފެށުމުގެ މަރުހަލާގައި ކަމަށް މިއުވާން ވިދާޅުވިއެވެ.
މަގު ހެދުމުގެ 5 ޕްރޮޖެކްޓް ވަނީ ނިމިފައިކަމަށާއި 21 ޕްރޮޖެކްޓެއް ކުރިއަށްދާއިރު 3 ޕްރޮޖެކްޓް ވަނީ ކޮންޓްރެކްޓް ކުރެވި މަސައްކަތް ފެށުމުގެ މަރުހަލާގައި ކަމަށް މިއުވާން ވިދާޅުވިއެވެ.
މިއުވާން ވިދާޅުވީ ގޮނޑުދޮށް ހިމާޔާތް ކުރުމަކީ ސަރުކާރުން ވަރަށްބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މަޝްރޫއެެއްކަމަށެވެ. އެގޮތުން ރައީސް ސާލިހު ރަށްރަށަށް ކުރައްވާ ދަތުރުތަކުގައި ރަށްގިރުމުގެ ޝަކުވާ އަކީ ރަށުގެ ރައްޔިތުންގެ އެންމެ ބޮޑު އެއްކަންބޮޑުވުން ކަމަށެވެ.
ރަށްގިރުމުގެ މައްސަލައަށް ދާއިމީ ހައްލު ހޯދައިނުދީ އެކި ސަރުކާރުތަކުން އަޅާނުލައިވާކަމަށް މިއުވާން ވިދާލުވިއެވެ. ރަށުގައި ތަރައްގީގެ މަޝްރޫއުތަކެއް ހިންގި ނަމަވެސް ރަށް ހިމާޔަތް ކުރެވޭނެ ކަމުގެ ޔަގީންކަމެއް ނެތި ރަށަށް އުދަ އަރާ ދުވަސް ދުވަހު ރަށުތެރެއަށް އެކަމުގެ އަސަރުކޮށް ގޮނޑުދޮށް ގިރައިގެން ދިއުމުގެ ސަބަބުން ތަރައްގީގެ މަޝްރޫއު ތައް ހިންގާފައި ހުންނަ ހިސާބުތަކަށް އެކަމުގެ އަސަރުކޮށް އެކަމުގެ ސަބަބުން މަޝްރޫއުތަކުގެ ހަގީގީ ފައިދާ ރައްޔިތުންނަށް ލިބުމަށް ދަތިވާ ކަމަށް ރަށްރަށުގެ ރައްޔިތުން ފާހަގަކުރާ ކަމަށް މިއުވާން ވިދާޅުވިއެވެ.
ގޮނޑުދޮށް ހިމާޔަތް ކުރުމުގެ 12 ޕްރޮޖެކްޓެއް ވަނީ ނިމިފައިކަމަށާއި، 12 ޕްރޮޖެކްޓެއްގެ މަސައްކަތް ކުރިއަށްދާކަމަށާއި 14 މަޝްރޫއެއް ވަނީ ކޮންޓްރެކްޓް ކުރެވިފައިކަމަށް މިއުވާން ވިދާޅުވިއެވެ.
މިއުވާން ވިދާޅުވީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ 11 މަޝްރޫއެއް ޓެންޑަރިންގ ގައި ހިމެނޭކަމަށާއި އަދި އެެހެނިހެން މަރުހަލާތަކުގައި 25 މަޝްރޫއު ހިމެނޭ ކަމަށެވެ.

