ޕީއެސްއައިޕީ މަޝްރޫޢުތަކަށް މިއަހަރު 4.6 ބިލިއަން ރުފިޔާ ހޭދަކުރައްވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަން މިޢްވާން މުޙައްމަދު ވިދާޅުވެއްޖެއެވެ.
މިޢްވާން މިފަދައިން ވިދާޅުވީ، ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭ ގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވުމަށް ސިލްސިލާކޮށް ބާއްވަވަމުން ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުންނެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ، މިއަހަރުގެ އޮގަސްޓް މަސް ނިމުނު އިރު ޕީއެސްއައިޕީ މަޝްރޫޢުތަކަށް ދައުލަތުގެ ބަޖެޓުން، 4.6 ބިލިޔަން ރުފިޔާ ހޭދަކުރެވިފައިވާ ކަމަށާއި، އެއީ ޕިއެސްއައިޕީ މަޝްރޫއުތަކަށް މިއަހަރު ކަނޑައެޅި ބަޖެޓުގެ 76 އިންސައްތަކަމަށެވެ.
މިއުވާން ވަނީ، އެކި ދާއިރާތަކުން ހިންގިފައިވާ ޕީއެސްއައިޕީ މަޝްރޫއުތަކާއި މިހާރު ހިނގަމުންދާ މަޝްރޫޢުތަކާއި އަދި ބީލަން މަރުހަލާއާ ޕްލޭނިންގ މަރުހަލާގައި ހުރި މަޝްރޫއުތަކުގެ ތަފާސް ހިސާބު މަޢުލޫމާތުތައް ނޫސްވެރިންނާ ޙިއްޞާކުރައްވާފައެވެ.
މިގޮތުން، ކަރަންޓާއި، ފެނާއި، ނަރުދަމާ އަދި ބަނދަރުހެދުމާ، ގޮނޑުދޮށް ޙިމާޔަތްކުރުމާ، މަގުހެދުމާ، ބޯހިޔާވަހިކަމާއި ގުޅޭ މަޝްރޫޢުތަކުގެ ތަފާސް ހިސާބު މައުލޫމާތުތައް މިޢްވާން ނޫސްވެރިންނާ ހިއްސާ ކުރެއްވިއެވެ.

