ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙްގެ ސަރުކާރުގައި ރައްޔިތުންނަށް ބޭނުންވާ ކާޑުގެ ބާވަތްތައް ހުސްވި ނަމަވެސް ރިބަން ފަށް ހުސް ނުވާނެ ކަމަށް ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
”މަވެސް ޕީޕީއެމް“ ގެ ނަމުގައި މިރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ޖަގަހަ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސާލިޙްގެ ކޯލިޝަން ސަރުކާރުގެ ލީޑަރުންނަށާއި އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މިއަދުގެ ސަރުކާރުގައި ތިއްބެވި ބޭފުޅުންނަކީ ކޮންކްރިޓް ތަރައްގީ ބޭނުން ނުވާ ކަމަށް ވިދާޅުވެ ވާހަކަފުޅު ދެއްކެވި ބޭފުޅުން ކަމަށެވެ. ނަމަވެސް މިއަދުގެ ސަރުކާރުގައި ތިއްބެވި ބޭފުޅުން އެ މީހުންނަށް ހައްގު ނޫން ފަޙުރު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، އެފަދަ ބަޔަކަށް ދުވަކުވެސް ކަނޑާނެ ރިބަން ފަށް ހުސް ނުވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ މިއަދުގެ ސަރުކާރުގައި އިސްކޮށް ތިއްބެވި ހުރިހައި ބޭފުޅުންނަކީ މީގެކުރިން ވެސް ރާއްޖޭގެ ހަރު މުދާތައް ވިއްކަ ހުސް ކުރަން މަސައްކަތް ކުރި މީހުން ކަމަށާއި އެހެން ކަމުން ހުރި ހުރިހައި ހަރު މުދާތައް ވިއްކާ ހުސްވުމުން މަންމަގެ ފަށްޓަރުބައި ވެސް މި ސަރުކާރުން ވިއްކާލާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
އެމަނިކުފާން ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ރެންވޭ އަދި އައު ސީޕްލޭޏް ޓާމިނަލް ހުޅުވައި ރިބަން ފަށް މިސަރުކާރުން ކެނޑިއިރު ސަރުކާރު ހިންގުމުގައި އިސްކޮށް ތިއްބެވި ބޭފުޅުންނަކީ އިންޑިއާގެ ޖީއެމްއާރުއަށް އެއާޕޯޓް ވިއްކާލަން ބޭނުންވި މީހުން ކަމަށެވެ. އޭގެ ތެރޭގައި އަދާލަތުގެ ޕާޓީގެ ރައީސް އަދި މިހާރުގެ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲއާއި ޖޭޕީގެ ލީޑަރު ގާސިމް ވެސް ހިމެނޭ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ރައީސް ނަޝީދުގެ ސަރުކާރުގައި އިންޑިއާގެ ޖީއެމްއާރުއަށް ވީއައިއޭ ދިގު މުއްދަތަކަށް ކުއްޔަށް ދީފައިވާ އެއްބަސްވުން ބާތިލް ކުރުމަށް ޑރ މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި މަސައްކަތް ކުރިއިރު އެކަމުގައި އިމްރާންއާއި، ގާސިމް އިބްރާހީމްގެ އިތުރުން ޑރ ހަސަން ސައީދުއާއި އޭރު ޑީއާރުޕީގެ ލީޑަރަކަށް ހުންނެވި އަހުމަދު ތަސްމީން އަލީ ވެސް އުޅުއްވި ކަމަށެވެ. ނަމަވެސް ފަހުން ވިސްނުން ބަދަލުވެ ޖީއެމްއާރުގެ އެއްބަސްވުން ބާތިލް ކޮށްފިނަމަ ރާއްޖެއަށް ބޭރުގެ އިންވެސްޓަރުން ނައަންނާނެ ކަމަށް ވިދާޅުވެ ޖީއެމްއާރުގެ އެއްބަސްވުން ދަމަހައްޓަން އެ ބޭފުޅުން ބޭނުންވި ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
އެގޮތުން ޖީއެމްއާރުއަތުން އެއާޕޯޓް އަތުލުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށްޓަކައި ރައީސް ވަހީދުއާއިއެކު ރައީސް އޮފީހުގައި ބައްދަލުވުމެއް ބޭއްވުނު ކަމަށާއި އެ ބައްދަލުވުމުގައި އެމަނިކުފާނާއި ޑރ ހަސަން ސައީދު ފިޔަވައި އެހެން ހުރިހައި ބޭފުޅުން ބޭނުންވީ ޖީއެމްއާރުގެ އެއްބަސްވުން ބާތިލް ނުކޮށް ކުރިއަށް ދާން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި ވިދާޅުވީ ޖީއެމްއާރުގެ އެއްބަސްވުން ބާތިލް ކުރުމަށް ރައީސް ވަހީދުއާއިއެކު ބޭއްވި ބައްދަލުވުމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން ވަޑައިގެންނެވީ ޖީއެމްއާރު އަތުގައި އެއާޕޯޓް ބޭއްވުމަށް ދެކޮޅު ހައްދަވައި އެމަނިކުފާނާއި ޑރ ހަސަން ސައީދު ބައްދަލުވުން ދޫ ކުރައްވައި ނިކުމެ ވަޑައިގެންނެވި ފަހުް ކަމަށެވެ. އެހެން ކަމުން މިހާރުގެ ސަރުކާރުގައި ތިއްބެވި ހުރިހައި ބޭފުޅުންނަކީ ވެސް އެއާޕޯޓް އިންޑިއާގެ ޖީއެމްއާރުއަށް ވިއްކާލަން އެއްބަސްވި ބޭފުޅޫންގެ ގޮތުގައި ރައީސް ޔާމީން ސިފަ ކުރެއްވިއެވެ.
މީގެއިތުރުން ރައީސް ޔާމީން ވަނީ ދިވެހިރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ރައީސް ސާލިޙްގެ ސަރުކާރުން މަސައްކަތް ކުރައްވާ ކަމަށް ޗަންޕާ ހަސަން އަފީފްއާއި، ގާސިމް އިބްރާހީމްގެ އިތުރުން ސަން ޓްރެވަލް އަހުމަދު ސިޔާމް ގަބޫލު ކުރައްވާތީ އެކަމަށް ވެސް ފާޑުވިދާޅުވެފައެވެ. އެގޮތުން އެމަނިކުފާންގެ ސަރުކާރުގައި ޗަންޕާގެ ރިސޯޓްތަކަށާއި ގާސިމް އިބްރާހީމްގެ ވިލާ ކުންފުނީގެ ރިސޯޓްތަކުގެ އިތުރުން ސަން ސިޔާމްގެ ރިސޯޓުތައް ބޯއިކޮޓް ކުރަން ގޮވާލީ މިއަދުގެ ސަރުކާރުގައި އިސްކޮށް ތިއްބެވި ބޭފުޅުންކަން ގާސިމްއާއި، ޗަންޕާ އަފީފުގެ އިތުރުން ސިޔާމް ހަނދުމަފުޅު މެތިފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ އެމްޑީޕީއާއި މިއަދުގެ ސަރުކާރުގައި އިސްކޮށް ތިއްބެވި އެއްވެސް ބޭފުޅަކީ ދުވަހަކު ވެސް ރާއްޖޭގެ ފަތުރުވެރި ކަމަށް ހެވެއް އެދިގެން މަސައްކަތް ކުރެއްވި ބައެއް ނޫން ކަމަށާއި އެގޮތުން ފަތުރުވެރި ކަމުގެ ބޮޑެތި ފެއާތަކުގައި ރާއްޖޭގެ ފަތުރުވެރިކަން ބޯއިކޮޓް ކުރުމަށް ގޮވައިލައި ބޯޑުތައް ހިފައިގެން މިއަދުގެ ސަރުކާރުގައި އިސްކޮށް ތިއްބެވި ބޭފުޔުޅުން މަސައްކަތް ކުރައްވާފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

