ހދ ނޭކުރެންދޫގައި ޤާާއިމްކުރުމަށް ސަރުކާރުން ވައުދުވެފައިވާ، އިންޑަސްޓްރިއަލް ޕްރިޒަންގެ ފޭސް 1 ގެ މަސައްކަތް ކުރުމަށް ޔުނިކް ޗޮއިސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފި އެވެ.
މިއަދު ހޯމް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ، ހޯމް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަބްދުއްރަޙްމާން ޞަލާޙް ރަޝީދު އެވެ. އަދި ޔުނިކް ޗޮއިސް ގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ރިޔާޒް އަލީ އެވެ.
ހދ. ނޭކުރެންދޫ ގައި އެޅުމަށް ހަމަޖެހިފައިވާ އިންޑަސްޓްރިއަލް ޕްރިޒަންގެ ފޭސް 1 ގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ހޯމް އެފެއަރޒް އާއި ޔުނިކް ޗޮއިސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު މިއަދު ސޮއިކޮށްފި. 1/2 pic.twitter.com/VHSCKyDrUv
— Home Ministry, MV (@HomeMinistrymv) October 8, 2022
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ، މިއަދުގެ މުޖުތަމައުގައި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުން އިތުރުވަމުންދާއިރު އެފަދަ ޒުވާނުން އަނބުރާ މުޖުތަމައުއަށް ގަނައުމަށް ވަރުގަދަ މަސައްކަތް ތަކެއް ކުރަން ޖެހެއެވެ.
”އެކަމަށް އޮތް އެންމެ ބޮޑު އެއް ހައްލެއް ކަމަށް އަޅުގަނޑަށް ގަބޫލްކުރެވެނީ މިއަދު ދުނިޔޭގައި ގައުމުތަކުގައި ކާމިޔާބު ކަމާއިއެކުގައި ތަންފީޒުކުރަމުން ގެންދާ އިންޑަސްޓްރިއަލް ޕްރިޒަނެއް ރާއްޖޭގައި ވެސް ގާއިމް ކުރެވުން. ނޭކުރަންދޫ ޕްރިޒަންއަކީ އިންޑަސްޓްރިއަލް ޕްރިޒަން އެއް. އޯޕަން ޕްރިޒަން ސިސްޓަމްގެ ތެރޭގައި ހިންގާނީ. އެކަމަށްޓަކައި މިހާރު ވަނީ ގިނަ މަސައްކަތްތަކެއް ކުރެވިފައި.“ އިމްރާން ވިދާޅުވި އެވެ.
މީގެ އިތުރުން ނޭކުރެންދޫގައި ޤާއިމްކުރުމަށް މި ހަވާލުކުރެވުނު ޖަލުގެ މަސައްކަތް ނިމުމާއިއެކު، ރާއްޖޭގެ ކުށުގެ ވެއްޓަށް އެދެވޭ ހެޔޮ ބަދަލުތަކެއް އަންނާނެކަމަށްވެސް އިމްރާން ވިދާޅުވިއެވެ.
ނޭކުރެންދޫ ޖަލުގެ މަސައްކަތް ނުނިމި ލަސްވާ ސަބަބާއިމެދު، މީގެ ކުރިން މަޖިލީހުގެ ޖަލްސާއެއްގައި މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ޖަލުގެ މަސައްކަތް ލަސްވާ ސަބަބެްއްކަމަށް އިމްރާން ވިދާޅުވީ، ސަރުކާރުގެ ބަޖެޓުގައި ހިމެނި ފައިސާގެ އަދަދު މަދުވުމެވެ. މިއަހަރުގެ ބަޖެޓުގައި އެ މަސައްކަތަށް ކަނޑައަޅާފައި އޮތީ 10 މިލިޔަން ރުފިޔާ ކަމަށާއި އަންނަ އަހަރަށް ވެސް ހިމަނާނީ 10 މިލިޔަން ރުފިޔާކަމަށްވެސް އިމްރާން ވިދާޅުފައިވެއެވެ.
ނޭކުރެންދޫގައި އަޅާ ޖަލުގެ މަސައްކަތް އަންނަ އަހަރުގެ ނިޔަލަށް ނިންމައިލެވޭނީ ޖަލުގެ ވަށާފާރުގެ މަސައްކަތާއި ޖަލު ކުރެހުމުގެ މަސައްކަތް އެކަނި ކަމަށްވެސް އިމްރާން ވަނީ ވިދާޅުވެފައެވެ.

