މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ފޮތް މައުރަޒު މިއަދު ހުޅުވައިފިއެވެ.
އެމްއެންޔޫގެ ފޮތް މައުރަޒަކީ ހިލޭ ބައިވެރިވެވޭ އަދި ހަމައެކަނި ދިވެހި ލިޔުންތެރިން ލިޔެފައިވާ ފޮތްތައް ކޮންމެ ބަހަކުން ލިޔެފައިވާ ނަމަވެސް ބައިވެރި ކުރެވޭ ގޮތަށް އިންތިޒާމް ކުރެވިފައިވާ މައުރަޒެކެވެ. ފޮތް މައުރަޒުގެ މަގްސަދަކީ ދިވެހި ލިޔުންތެރިންނަށް އެފަރާތްތަކުގެ ހުނަރު އާއްމުންނަށް ދައްކާލެވޭނެ ފުރުސަތު ތަނަވަސްކޮށްދިނުމާއި ފޮތް ވިއްކުމަށް ބޭނުންވާ ލިޔުންތެރިންނަށް އެ ފުރުސަތު ފަހިކޮށްދިނުމާއި ފޮތަށް އަހުލުވެރިކުރުމާއި ފޮތް ކިއުމުގެ ޝައުގުވެރިކަން ދެމެހެއްޓުމާއި އުފެއްދުން ކަމަށް އެމްއެންޔޫ އިން ވަނީ ބުނެފައެވެ.
މިއަދު ހުޅުވުނު ފޮތް މައުރަޒުގައި 22 ފަރާތަކުން ބައިވެރިވެ 1400 އަށް ވުރެ ގިނަ ފޮތް ހިމެނޭ ކަމަށް އެމްއެންޔޫ އިން ވަނީ ބުނެފައެވެ.
ފޮތް މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ފޮތް ޝާއިޢު ކުރުމުގެ ސިޔާސަތެއް އެކުލަވާލެވިފައިވާ ކަމަށް އެމްއެންޔޫ އިން ވަނީ ބުނެފައެވެ. އެ ސިޔާސަތުގެ ދަށުން މުޖުތަމައުގެ ކޮންމެ ފަރުދެއްގެ ފޮތެއްވެސް ސާއިޢު ކޮށްދޭނެ ކަމަށް އެމްއެންޔޫ އިން ވަނީ ބުނެފައެވެ.
ސާއިޢު ކޮށްދޭނެ ގޮތެއް ނެތިގެން ފޮތެއް އާއްމު ނުކުރެވި، އިލްމު ނުފެތުރި ތިބެން ނުޖެހޭނެ ކަމަށާއި ޝާއިޢު ކޮށްދޭން އެދިއްޖެނަމަ ޔުނިވަރސިޓީ އިން މުރާޖާ ކުރުމަށްފަހު ބަލާނީ އެއީ އިލްމީ ގޮތުންނާއި ފެންވަރުގެ ގޮތުން ރަނގަޅު ފޮތެއްތޯ ކަމަށާއި އަދި އެފޮތަކީ ވިކިދާނެ ފެންވަރުގެ ފޮތެއްތޯ ބަލައި އެފެންވަރުގެ ފޮތެއްނަމަ ޔުނިވަރސިޓީ އިން ޝާއިޢު ކޮށްދޭނެ ކަމަށް ވަނީ ބުނެފައެވެ.
މީގެ އިތުރުން ޔުނިވަރސިޓީ ބޫކް ރައިޓިންގ ގްރާންޓްސްގެ ދަށުން ނެރެވޭ ފުރަތަމަ ދެފޮތް ނެރެފައިވެއެވެ.
އެ ދެފޮތް ނެރެދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެވެ.
މިދިޔަ އަހަރު ބޫކް ރައިޓިންގ ގްރާންޓްގެ ތެެރެއިން ޕްރޮޕޯސަލް ހުށައެޅި 14 ފަރާތަކަށް 1 މިލިއަން ރުފިޔާގެ ގްރާންޓްސް ދޫކުރެވިފައިވާ ކަމަށް އެމްއެންޔޫ އިން ވަނީ ބުނެފައެވެ.
އެމް އެންޔޫގެ ފޮތް މައުރަޒު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި އޮކްޓޯބަރު މަހުގެ 11 އިން 13 އަށް ގައުމީ ޔުނިވަރސިޓީގެ މައި އިދާރާގައެވެ.

