ފަގީރުކަމަކީ ދުނިޔޭގެ އެތައް ބިލިއަން ބަޔަކަށް އަސަރު ކުރަމުންދާ ހިތާމަވެރި ގޮންޖެހުމެކެވެ.
ދިރާސާތަކުން ދައްކާ ގޮތުން ދުނިޔޭގެ ކޮންމެ ދިހަ މީހަކުން އެކަކު ދިރިއުޅެމުން ދަނީ ފަގީރުކަމުގެ ވަކި ތަކުގެ ތެރޭގައިކަމަށް ވާއިރު، އެތައް ބިލިއަން މީހުން ދިރިއުޅެމުން ދަނީ ދުވާލުގެ ކޮއްތު ފައިސާގެ ގޮތުގައި ތިން ޑޮލަރު ވެސް ހޭދަކުރުމަށް ނުލިބިއެވެ.
ކޮންމެ ގައުމެއްގައި ވެސް ސަރުކާރެއް ނުވަތަ ވެރިކަމެއް ގާއިމު ކުރެވިފައިވާއިރު، ފަގީރުން ދިރިއުޅެމުން ދަނީ އެ ސަރުކާރުތަކުގެ މާ ބޮޑު އަޅާލުމެއް ނެތިއެވެ. އަދި ތިބެނީ ކަންކަމުން އެއް ފަރާތްވެވި، އިގްތިސާދީ ކުރިއެރުމާއި ފާގަތިކަން އެ ފަރާތްތައް ފަހަނަ އަޅައި ދާ މަންޒަރު ބަލަހައްޓައިގެން އެ ކަންކަން ހާސިލު ކުރުމަށް އެޅޭނެ ފިޔަވަޅެއް އަދި ހިނގޭނެ މަގެއްވެސް ނެތިއެވެ. ދިރިއުޅެމުންދަނީ ދަތި ހަޔާތްތަކެކެވެ. ސާފު ބޯނެ ފެން ލިބިގެންދާ މީހުންނަށްވެސް، ދިރިއުޅެން ސާފު، އަރާމު އަދި ރައްކައުތެރި މާހައުލެއް ލިބެން ނުހުރެއެވެ.
ބައެއް ސިއްހީ ހިދުމަތްތައް ލިބެން ހުރި ނަމަވެސް، ސިއްހަތު ބެލެހެއްޓުމައްޓަކައި، ރަނގަޅު ކާބޯ ތަކެތި ލިބޭކަށް ނުހުރެއެވެ. އަދި ހާސިލު ކުރަން ބޭނުން ނަމަވެސް، ތައުލީމާއި ދިމާލަށް މިސްރާބު ޖެހުމުގައިވެސް ބޮޑެތި ގޮންޖެހުންތައް ހުރެއެވެ. މިއަދު ރާއްޖެއިންވެސް މިފަދަ މަންޒަރުތަކެއް ފެންނަމުންދިއުމަކީ، ހިތާމަ ހުރި ކަމެކެވެ.
ދިވެހިރާއްޖޭގައި ގިނަ އަދަދެއްގެ ރެސްޓޯރަންޓު ކެފޭ ހޮޓާ ހުރި ނަމަވެސް، އަދި ކާބޯތަކެތި ވިއްކާ ގިނަ އަދަދެއްގެ ފިހާރަތައް ހުރި ނަމަވެސް، މި ފަހަކަށް އައިސް ގިނަ އަދަދަކަށް ފެންނަމުންދާ ހިތްދަތި އެއް މަންޒަރަކީ، ސައިތައްޓަކަށް ސަލާން ޖަހަމުންދާ މަންޒަރެވެ.
އެކި އުމުރު ފުރައިގެ މީހުން އެކި ދަނޑިވަޅުތަކުގައި އެކި މީހުން ކައިރީ ސައިތައްޓެއް ދިނުމަށް ނުވަތަ ކާލާނެއް އެއްޗެއް ދިނުމަށް އެދިފައި ހުންނާނެކަން ކަށަވަރެވެ. ފެންނަ ފެނުމަށް ރާއްޖެއަކީ މުއްސަންދި ގައުމެއް ނަމަވެސް މި ހާލަތުގައި ދިރިއުޅެމުންދާ މީހުން މިއަދު ގިނަ ވެއްޖެއެވެ. ކޮންމެވެސް ހައްލެއް ހޯދަން ޖެހިފައިވާ ކަމަކީ ހަމަ ޔަގީން ކަމެކެވެ.
އެންމެން ފައިސާއަކަށްވެސް ނޭދެއެވެ. އަދި އެންމެނަކީ މަސްތުވާ ތަކެތީގެ ވަބާގައި ޖެހުމަށް ފަހު މަގުމަތިވި މީހުންނެއް ނޫނެވެ. އެއް ބަޔަކު މަސްތުވާ ތަކެތީގެ ވަބާގައި ޖެހޭނީ މަގުމަތި ވުމަށްފަހުއެވެ.
ފެންނަމުންދާ މި މަންޒަރާއި އެކު ބޮޑެތި ސުވާލުތަކެއް އުފެދެއެވެ. މި ހާލަތުގައި އުޅެމުންދާ ރައްޔިތުން، ބޯ ވިއްސާރައިގައި ހިޔާ ވުމަށް ވަންނާނީ ކޮންތަނަކަށްތޯއެވެ. މަގުމަތީގައި ނުވަތަ ރައްކައުތެރިކަމެއް ނެތް މާހައުލެއްގައި ނިދަން ޖެހޭ ނަމަ، މަސްތުގެ ހާލަތެއްގައި ނޫން ގޮތެއްގެ މަތިން ހަމަ ނިންޖަކީ ހާސިލު ކުރެވޭނެ އެއްޗެއްތޯ؟ އެއްވެސް ހާލަތެއްގައި އެފަދަ އަމަލަކަށް އަޅުގަނޑު ހިތްވަރު ނުދޭނެ އިރު، ހާލުގައި ޖެހިފައިވާ ދިވެހި ދަރިން ފެނުމުން ހަމްދަރުދީވެއެވެ.
އިތުރު ބައިވަރު ކަން ކަން އެބަ ހުރިއެވެ. އާސަންދައިގެ ހިދުމަތަކީ ކޮންމެ ރައްޔިތަކަށްވެސް ލިބެން ހުރި ހިދުމަތެއް ކަމަށްވީނަމަވެސް، އައިޑީ ކާޑަކީވެސް ފައިސާތަކެއް ދައްކައިގެން ހޯދާ އެއްޗެކެވެ. އަދި އައިޑީ ކާޑެއް އޮވެ އާސަންދަ ލިބުނު ނަމަވެސް، ސިއްހީ ބައެއް ކަންކަމަށް އަމިއްލަ ޖީބުން ފައިސާ ދައްކަން ޖެހޭ ފަހަރުވެސް އާދެއެވެ.
ޒަމާން ކުރިއަރައިގެން އައިސް މިއަދު، ކަންމަތީ ފިހާރައިގެ ސޭޓަކީވެސް ޑިގްރީއެއް އޮންނަން ޖެހޭ މީހަކަށް ވާ ހީސާބަށް ރާއްޖޭގެ ތައުލީމީ ކޮލިފިކޭޝަންތައް ކުރިއަރައިގެން ގޮސްފިއެވެ. ޑިގްރީ ހަދާ ރައްޔިތުންގެ އަދަދުތައް މައްޗަށް ދިޔަ ދިޔައިނުން ގޮސް މިއަދު ސަރުކާރުން ހިލޭ ޑިގްރީ ޕްރޮގްރާމްތައްވެސް ފަށައިފިއެވެ. އެހެން ނަމަވެސް ފަގީރުކަންމަތީ ދިރިއުޅެމުންދާ އެތައް ބަޔަކު މިފަދަ ފުރުސަތު ތަކަކީ ހުވަފެނެއް ފަދައެވެ.
ޑިގްރީ ހާސިލު ކުރުމަށް ކޮލެޖައް ދާ ކޮންމެ މީހަކު، ރީތި ސާފު ތާހިރު އަންނައުނުގައި، އައިފޯނަކާއި ލެޕްޓޮޕެއް ވެސް ހިފައިގެންދާއިރު، އެފަދަ ތަނަވަސްކަމެއް ނެތް މީހަކަށް އަދި ޕްރޮގްރާމަކުން ފުރުސަތު ލިބުނު ނަމަވެސް ބޭނުން ހިފޭނެ ގޮތެއްވެސް ނެތެވެ. އެހެން ކަމުން ފަގީރުކަމުގައި ދިރިއުޅެމުންދާ ރައްޔިތުންގެ ކުރިމަގު ވަނީ ބަނަ ވެފައެވެ. ވަޒީފާގެ ފުރުސަތެއްވެސް ލިބެނީ ހާލަކުން ފަހަރުއެވެ.
މިފަދަ ހާލެއްގައި ދިރިއުޅެމުންދާ ރައްޔިތުން ކުރިމަގަކާއިމެދު ނުވިސްނާނެއެވެ. ކޮންމެ ދުވަހަކުވެސް އެ ދުވަހަކު ކެއިން ބުއިމަށް އަދި ދިރި ހުރުމަށް މަސައްކަތް ކުރަން ޖެހިފައިވުމުގެ ސަބަބުން، ވިސްނާނެ ވަގުތައްވެސް ނޯންނާނެއެވެ. މިނިވަން ދިދައެއްގެ ދަށުގައި ދިރިއުޅެމުންދާ ރައްޔިތުންތަކެއް މިފަދަ ހާލަތެއްގައި ޖެހިފައިވީނަމަވެސް، އަޅާލާ ފިކުރު ކުރާނެ ބަޔަކުވެސް ނެތް ފަދައެވެ.
ދިވެހިރާއްޖޭގައި ވައްކަމާއި ފޭރުން ފަދަ ކުށްތައް ގިނަވެދިއުމަކީ، ރައްޔިތުން ފަގީރުވެ މިފަދަ ހާލަތެއްގައި ޖެހިފައިވުމުގެ ނަތީޖާއެވެ. މަގުމަތިވެފައިވާ ކޮންމެ ރައްޔިތަކީވެސް މަސްތުވާތަކެތީގެ ވަބާގެ ބިރުވެރިކަމަށް ހުށައެޅި، ގެއްލި ދިއުމުގެ ފުރުސަތު އޮތް ރައްޔިތެކެވެ. ރާއްޖޭގެ ރައްޔިތުން މަގުމަތިވެފައި ތިބުމަކީ، ހައްލު ކުރަން ޖެހިފައިވާ މުހިންމު މައްސަަލައެކެވެ. ގައުމެއްގައި ހަމަޖެހުމާއި އަމާންކަން ގާއިމު ކުރެވޭނީ އެއް ބަޔަކުގެ ބަދަލުގައި އެންމެނަށްވެސް އަރާމާއި އުފާތައް ލިބިގެންނެވެ.

