ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްވެރިކަމުގެ ސިނާއަތު ކުރިނާރަނީ ކޮންބައެއްގެ އިހުމާލުން؟

މަސްވެރިކަން (ފޮޓޯ/ތ. ގުރައިދޫ މަސްވެރިން ފޭސްބުކް)
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްވެރިކަމަކީ ރާއްޖޭގެ އިގްތިސާދު ހިފެހެއްޓުމުގެ މައި އެއްތަނބުކަމަށް އެންމެންވެސް އިއްތިފާގު ވާނެ ސިނާއަތެކެވެ.

މިދުވަސްވަރު ރަށުތެރޭގައި އެންމެ ބާރަށް ދެކެވޭ ވާހަކައަކީ މަސްވެރިންގެ ހައްގުތައް ގެއްލި މަސްވެރިން މަގުމަތިވެފައިވާ ވާހަކައެވެ.

މަސްވެރިންނަށް ސަރުކާރުން އަޅާނުލާ ވާހަކައެވެ. މިއަދު ކުއްލިއަކަށް މަސްވެރިން ފެނިގެން އުޅެނީ ކީއްވެގެންތޯ މިއީ ވެސް ހިތަށް އަންނަ ސުވާލެކެވެ.

މަސްވެރިކަމަކީ ގައުމުގެ ލޭނާރު ކަމުގައި ބުނެ ނިންމާލުމަކުން ނުފުދެއެވެ. މަސްވެރިންނަށް އެހާރާއި މިހާރު ކުރިމަތިވަމުންދާ ގޮންޖެހުންތަކަށް މަސައްކަތްކޮށް މަސްވެރިކަން ކުރިއެރުވުމަށް އެންމެ އެދެވޭ މަސައްކަތްތަކެއް ކުރެވިފައިވޭތޯ ނުވަތަ ނޫންތޯ މިއީ މިއަދު ކޮށްލުން މުހިއްމު ސުވާލެކެވެ.

މަސްވެރިކަމަކީ ޒަމާނުއްސުރެ ރާއްޖޭގައި އާމްދަނީ ހޯދުމަށް ކުރާ ބުރަ އަދި މުހިއްމު މަސައްކަތެކެވެ. މަސްވެރިކަމުން ނަފާ ދިވެހިރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ކުރެއެވެ. މަސްވެރިކަމަށް ފަހު އެންމެ ބޮޑަށް ކުރިއަރާފައިވާ ސިނާއަތް ކަމަށް ވާ ފަތުރުވެރިކަން ވެސް ވަނީ މަސްވެރިކަމާއި ގުޅިލާމެހިފައެވެ. ސަބަބަކީ ފަތުރުވެރިންނަށް އުފައްދާ ކާބޯތަކެތި ތައްޔާރު ކުރުމުގައި މަހުގެ ބާވަތްތައް ބޭނުން ކުރުމެވެ.

މީގެ އިތުރުންވެސް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ތެރެއިން ގިނަބަޔަކު ރާއްޖެއަށް ޒިޔާރަތް ކުރަނީ ދިވެހި ކަނޑުތަކާއި ފަރުތަކުގެ ހިތްގައިމު މަންޒަރުތައް ދެކިލުމަށެވެ. ނަމަވެސް ހިތާމައަކީ ދިވެހިންނަށް ލިބިފައި މިވާ މަސްވެރިކަމުގެ ނިއުމަތް އެންމެ އެދެވޭ ގޮތެއްގައި ކުރިއެރުވުމަށް މަސައްކަތް ކުރެވިފައިނުވާކަމެވެ.

ރޭގަނޑާއި ދުވާލު، އަތްވާއި ވާރޭގައި ގަދަ ކަނޑުތަކުގައި މަސްވެރިން ބާނާ މަހަށް ހަމައަގު ހޯދައިދިނުމަކީ އަގު ނުކުރެވޭނެ ކަމެކެވެ. ނަމަވެސް މަސްވެރިން ބާނާ މަހަށް ބައިނަލްއަގްވާމީ މުޖުތަމައުގައި ހަމައަގު ހޯދައިދިނުމަކީ ކަނޑައެޅިގެން ކޮށްދޭން ޖެހޭނެ ކަމެއް ދެކެމެވެ. މަސްވެރިންގެ އަގު ވަޒަންކުރުމަށް މަސްވެރިންގެ ދުވަހެއް ބާއްވައި އެވޯޑްތަކެއް ދިނުމަކުން ފުދުނީ ކަމަށް ބެލެވޭކަށްނެތެވެ.

މަސްވެރިންނަށް ދިމާވާ ގިނަގުނަ މައްސަލަތައް ހައްލުކުރުމުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސަރުކާރުން ފެށިގެން މިސަރުކާރާއި ހަަމައަށްވެސް އިހުމާލު ވެފައިވާ ކަން ހާމަވެގެން ގޮސްފިއެވެ.

މަސްވެރިންގެ ހަމައަގާއި ގުޅޭގޮތުން އިދިކޮޅުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލުކުރުމުން އޭގެ ޖަވާބު ނުދެވޭ ތަނުގައި މިސަރުކާރަށްވެސް މަހުގެ ހަމައަގު ނޭނގޭ ކަމަށް އިދިކޮޅުން ތުހުމަތުކޮށްފައިވެއެވެ.

މަސްވެރިކަމުގެ ސިނާއަތަކީ އެންމެ ހަލުވި މިނުގައި ތަރައްގީވެ ކުރިއަރަންޖެހޭ ސިނާއަތް ކަމަށް ގަބޫލުކުރެވޭ މައިގަނޑު ސަބަބަކީ އެވޭލާ ޒަމާނުއްސުރެ މިއަދާ ހަމައަށް ދެގޮތެއް ނެތި އެމަސައްކަތް ކުރުމުގައި މަސްވެރިން ދެމި ތިބުމެވެ.

މަސްވެރިކަމުގެ އެންމެ މުހިއްމުކަން ފެނިގެންދިޔައީ ދުނިޔެއަށް ކުރިމަތިވި ކޮވިޑްގެ ބަލިމަޑު ކަމުގެ ހާލަތުގައި މަސްވެރިން މަސްބޭނި ކަމާއި މަސްކިރުވި ކަމާއި އެކަމުން ދިވެހި ދައުލަތާއި ރައްޔިތުންނަށް ފައިދާ ވެގެން ދިއުމެވެ. އެކަމަކީ މިއަދުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ އިތުރުން ހުރިހާ އެންމެންވެސް ގަބޫލުކުރާ ހަގީގަތެކެވެ.

ދިވެހިރާއްޖޭގެ އެންމެ ބޮޑު ސިނާއަތް ކަމަށްވާ ފަތުރުވެރިކަމުގެ އިގްތިސާދު، ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ހީނަރުވެގެން ދިޔައިރުވެސް މަސްވެރިކަން ކުރިއަށްދިޔައެވެ. އެކަމުންވެސް އިބްރަތެއް ހާސިލްކޮށް މަސްވެރިންނަށް މިހާރަށް ވުރެ ބޮޑަށް އަޅާލައި މަސްވެރިކަން ކުރިއެރުވުމަށް ކުރެވެން ހުރި މަސައްކަތް ކުރަން އެވަތެއްގައި އޮންނަ ސަރުކާރަކަށް ލާޒިމެވެ. ސަބަބަކީ ދިވެހިންގެ ކަނޑުތަކުން ދިވެހިން ބުރަ މަސައްކަތުން ކުރާ މަސައްކަތް ދިވެހިން އިޝްތިހާރު ނުކޮށްފިނަމަ އެކަން ކުރާނެ ދެވަނަ ބަޔަކު ނެތުމެވެ.

މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ފަހި ފުރުސަތުތަކެއް ގާއިމްކުރުމަކީ ސިނާއަތު ކުރިއެރުވުމަށް ވެދެވޭ ވަރަށް ބޮޑު އެހީއެއް ކަމުގައިވެގެންދާނެއެވެ.

މަސްވެރިން ބާނާ މަސް ކިރުވުމާއި މަސްވެރިން ބާނާ މަސްހަލާކުނުވެ ގިނަވަގުތު ބެހެއްޓުމަށް ބޭނުންވާ އައިސް ފަސޭހައިން ލިބެން ހުރުމާއި މަސްވެރިންގެ ދޯނިތަކަށް ބޭނުންވާ ޑީސަލް ފަސޭހައިން ހެޔޮ އަގުގައި ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ.

ތެލުގެ ސަބްސިޑީ މަސްވެރިންނަށް ދޭންޖެހެއެވެ. ތެލުގެ އިތުރުން މަސްވެރިކަމުގެ އުޅަނދުތައް މަރާމާތު ކުރުމާއި މަސްދޯނި ތައް ބަނުމަށް ސަރުކާރުގެ އެއްބާރުލުމާއި އެހީތެރިކަން ކުރިއަށްވުރެ ބޮޑަށް ދިނުމަކީ ސިނާއަތު އިތުރަށް ކުރިއަރާ ދިއުމުގައި ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކެކެވެ.

މަސްވެރިންގެ ޝަކުވާތައް އަޑުއަހައި އެދެވޭ ހައްލު ހޯދައިދިނުމަކީ މަސްވެރިންނަށް ދިމާވާ ދަތިތަކާއި ހުރަސްތައް ކަޑައްތުކުރުމަށް މުހިއްމު ކަމެކެވެ.

މަސްވެރިކަމުގައި ތަފާތު ބާވަތުގެ މަސްބާނައެވެ. ކަނޑުމަހާއި ބޮޑު ކަންނެއްޔާއި ހިބަރާއި ފާނަ އާއި މިހެންގޮސް ތަފާތު އެކި ބާވަތުގެ މަސްވެރިކަން ހިމެނެއެވެ. އެހެންކަމުން މަސްވެރިކަމުގެ ހުރިހާ ބާވަތެއްގެ މީހުންނަށް އެހީތެރިވެ އެމީހުން އެކަން ކުރުމުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރުމަކީ އެސިނާއަތު ފުރިހަމަވުމުގައި ލިބޭ އިތުރު ބާރަކަށް ވެގެންދާނެއެވެ.

މިއަދު ރާއްޖޭގައި ކަނޑުމަސް ދަޅުގައި ބަންދުކުރާ މަދު ފެކްޓްރީ އެއް ހުރިއިރު އެތަންތަނުގެ ހާލަތު ހުރީ އެންމެ ރަނގަޅު ފެންވަރުގައި ނޫންކަން ގިނަބަޔަކު ފާހަގަކުރެއެވެ.

މަސް ބަންދުކުރާ ފެކްޓްރީ ތަކުގެ ހާލަތު ރަނގަޅުކޮށް އިތުރު ފެކްޓްރީ ތައް އަޅައި މަސް ބަންދުކުރުމުގެ ކެޕޭސިޓީ އިތުރުކުރުމަކީ ދިވެހިންގެ މަސްވެރިކަން އެހެން ހަރުފަތަކަށް ގެންދިއުމުގައި ދިމާވާ ހުރަސްތައް ނައްތާލުމަށް އެޅޭ މުހިއްމު ފިޔަވަޅެއް ކަމުގައި ވެގެންދާނެއެވެ. މިސަރުކާރުން މަސްބަންދުކުރާ ކާރުހާނާ ތަކުގެ ކެޕޭސިޓީ އިތުރުކުރާ ވާހަކަ ދެކެވިފައިވީ ނަމަވެސް އަދި މިހާތަނަށް އެކަމުގައި އެންމެ އެދެވޭ މަސައްކަތްތަކެއް ކުރެވިފައިނުވެއެވެ. މަސް ކިރުވޭ އަދަދު އިތުރުކުރުމާއި މަސް ބަންދު ކުރެވޭ އަދަދު އިތުރު ކުރިނަމަވެސް ކިރިޔާ ފުދިލާ ވަރަށް އެކަން ކުރުމުގެ ބަދަލުގައި ފުދި އިތުރުވެ އަދި ބާކީ ވާ މިންވަރަށް ވިސްނައިގެން އެކަން ކުރާނަމަ އެންމެ މަސްދޯންޏަކުން އެއްވެސް މަހެއް ކަނޑަށް އަޅަން ނުޖެހި ހުރިހާ މަހެއްކިރުވައި އޭގެ ލާރި ބަރާބަރަށް އެބަޔަކަށް ލިބިގެން ދާނެއެވެ.

މަސްވެރިން މަތިން ހަނދާން ކުރަންޖެހެނީ ހަމައެކަނި އިންތިހާބަކާއި ދިމާވުމަކުން ނޫނެވެ. މަސްވެރިން ބޭނުންވާ ކަންކަން އިންތިހާބެއް އޮތަސް ނުވަތަ ނެތަސް ކޮށްދިނުމަކީ މަސްވެރިންގެ ހައްގުތައް އެކަށީގެންވާ ގޮތެއްގައި ފުރިހަމަ ކޮށްދިނުމެވެ. މަސްވެރިކަމުގައި ބޭނުންކުރާ ދޮއްޓާއި ކަންވާރާއި ދޯނި ފަހަރުން ގޮސް މަސްވެރިންގެ މަސް ތާޒާކަން މަތީ ރަށަށް ގެންދިއުމަށް ބޭނުންވާ އައިސް އާއި އެނޫނަސް އެކަމާއި ގުޅުންހުރި އެންމެހާ ތަކެތި ލިބުމުގައި ހުރި ދަތިތައް ހައްލުކޮށްދިނުމަކީ ސަރުކާރުންގެ ޒިންމާއެކެވެ. އެޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާ ކުރެވިއްޖެނަމަ މަސްވެރިކަން ކުރިއަރައިގެން ދާނެ ކަމަކީ ކަށަވަރު ކަމެކެވެ،

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: