23 އޮގަސްޓު 2019 ގައި މޮރިޝަސްގެ ފަރާތުން، ދިވެހިރާއްޖެ އާއި ޗާގޮސްއާ ދެމެދު އޮތް ކަނޑުގެ ސަރަޙައްދުގެ ތެރެއިން ފުށުއަރާ ސަރަޙައްދާ ގުޅޭގޮތުން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (ޓްރައިބިއުނަލް) އަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް ކިއަދު ނިމޭނެ ކަމަށް ބަންޑާރަނައިބުގެ އޮފީހުން ބުނެފި އެވެ.
ބަންޑާރަނައިބުގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި މައްސަލައިގެ ލިޔުމުން ޖަވާބުދާރީވުމުގެ މަރުޙަލާ ނިމުމުން، އާންމުކޮށް ހުޅުވާލައިގެން ބޭއްވޭ މި މައްސަލައިގެ އަޑުއެހުންތައް 17 އޮކްޓޫބަރު 2022 އިން ފެށިގެން 24 އޮކްޓޫބަރު 2022 އާ ހަމައަށް، ޓްރައިބިއުނަލްގައި ކުރިއަށް ދެއެވެ. އަދި 24 އޮކްޓޫބަރު 2022 ގައި މައްސަލައިގެ އަޑުއެހުންތައް ނިންމާލުމަށްފަހު، މި މައްސަލަ ބައްލަވާ ޓްރައިބިއުންލަގެ ސްޕެޝަލް ޗެމްބަރުގެ ފަރާތުން މައްސަލައާ ގުޅޭ އިތުރު ކަމެއް ސާފުކުރަން ނެތްނަމަ ދެން އޮންނާނީ މި މައްސަލައިގައި ގޮތެއް ކަނޑައެޅުން ކަމަށް ބަންޑާރަނައިބުގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ޗާގޯސްގެ މައްސަލައިގައި ދިވެހިރާއްޖެއިން މީގެކުރިން ގެންގުޅުނު ”ސްޓޭންޑް“ ބަދަލުކޮށްފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކާއި ގުޅިގެން ބަންޑާރަނައިބުގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ޗާގޯސްގެ މައްޗަށް އޮތް މޮރިޝަސްގެ ސިޔާދަތީ ބާރާ ބެހޭ ގޮތުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން 2019 ގައި ނިންމެވި ނިންމެވުމުގައި، އިނގިރޭސިވިލާތުން އެ ތަން މޮރިޝަސްއާ ޙަވާލުކުރަންޖެހޭ ކަމަށް ނިންމާފައިވާ ކަމަށެވެ.
އެ ނިންމުމާ ގުޅުވައިގެން އދ ގެ ޖެނެރަލް އެސެމްބްލީގައި ދޭ ވޯޓުގެ މައްސަލައާއި، ރާއްޖޭގެ ސަރަހައްދީ އިން ކަނޑައެޅުމާ ގުޅޭ ގޮތުން ޓްރައިބިއުނަލްގައި މިހާރު ކުރިއަށްދާ މައްސަލައަކީ ތަފާތު ދެ މައްސަލައެއް ކަމަށް ބަންޑާރަނައިބުގެ އޮފީހުން ނެރުނު ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ. އަދި އދ ގެ ޖެނެރަލް އެސެބްލީގައި ރާއްޖެއިން މޮރިޝަސްއާ އެއްކޮޅަށް ވޯޓު ލުމަކީ، ރާއްޖެއިން މޮރިޝަސްއާ ދެކޮޅަށް ޓްރައިބިއުނަލުގައި ވަކާލާތުކުރަމުން ގެންދާ މައްސަލަގައި ޖަވާބުދާރީވަމުންއައިސްފައިވާ އެއްވެސް ކަމަކަށް ނުވަތަ ސްޓޭންޑަށް އެއްވެސް ބަދަލެއް ގެންނާނެ ނުވަތަ އަންނާނެ ކަމެއް ނޫން ކަމަށް ވެސް ބަންޑާރަނައިބުގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ބަންޑާރަނައިބު ފާހަގަ ކުރައްވާފައިވާ ގޮތުގައި އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން ފެބްރުއަރީ 2019 ގައި ނެރުނު ”އައި.ސީ.ޖޭ. އެޑްވައިޒަރީ އޮޕީނިއަން އޮން ލީގަލް ކޮންސީކުއެންސަސް އޮފް ދަ ސެޕަރޭޝަން އޮފް ޗާގޮސް އާކިޕެލަގޯ ފްރޮމް މޮރިޝަސް އިން 1965 “ އަށް ބަލާއިރު، އެ އޮޕީނިއަންގައި އިނގިރޭސިވިލާތުން ޗާގޮސް އިސްތިއުމާރުކޮށްފައިވާ ކުރުމަށް ނިމުމަކަށް ގެނެސް އެތަން ވީ އެންމެ އަވަހަކަށް މޮރިޝަސްއާ ޙަވާލުކުރަންޖެހޭކަމަށް ކަނޑައަޅުއްވާފައިވެއެވެ. އަދި މި އައި.ސީ.ޖޭ. އޮޕީނިއަންއާ ގުޅިގެން، 06 މަސްދުވަހުގެ ތެރޭގައި ޗާގޮސް މޮރިޝަސްއާ ޙަވާލުކުރުމަށް ގޮވާލައި ޔޫއެން ޖެނެރަލް އެސެމްބްލީގެ ރިޒޮލިއުޝަނެއްވެސް 22 މެއި 2019 ގައި ފާސްކޮށްފައިވެއެވެ.
އެ ރިޒޮލިއުޝަން ނެރެފައިވަނީ 116 ޤައުމުގެ ތާއިދާއެކުގައިކަމާއި، އެ ރިޒޮލިއުޝަނާ އިދިކޮޅަށް ރާއްޖެއިން ވޯޓުލާފައިވަނީ، ދިވެހިރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފް 200 ނޯޓިކަލް މޭލަށްވުރެ އިތުރުކުރުމަށް ދިވެހިރާއްޖެއިން ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފް (ސީ.އެލް.ސީ.އެސް.) އަށް 26 ޖުލައި 2010 ގައި ހުށަހެޅި ހުށަހެޅުމަށް މޮރިޝަސްއިން އިޢުތިރާޟުކޮށް، 24 މާޗް 2011 ގައި ”ފޯމަލް ޕްރޮޓެސްޓް“ ހުށަހަޅާފައިވާކަން ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ.
އެހެންނަމަވެސް، ރާއްޖެއަކީ ޑީކޮލޮނައިޒޭޝަންއަށް އަބަދުވެސް ތާއީދުކުރާ ގައުމަކަށްވެފައި، މިހާރު މޮރިޝަސްއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވަމުން އަންނައިރު، ދިވެހިރާއްޖެއިންވެސް މޮރިޝަސްއާ އެއްކޮޅަށް މި އަހަރުގެ އދ.ގެ ޖެނެރަލް އެސެމްބްލީގައި ވޯޓުލާން ނިންމައި، އެކަން ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅަކުން މޮރިޝަސްގެ ބޮޑުވަޒީރަށް އަންގަވާފައިވާކަން، މިހާރު ޓްރައިބިއުނަލްގައި ހިނގަމުންދާ އަޑުއެހުމުގައި އެޓަރނީ ޖެނެރަލް ފާހަގަކުރައްވާފައިވެއެވެ.
ޔޫއެން ޖެނެރަލް އެސެމްބްލީގައި ބަހުސްކުރެވޭ ވަކި ކަމެއްގައި ވަކި ގޮތަކަށް ވޯޓު ދިނުމަކީ ރާއްޖޭގެ ޚާރިޖީ ސިޔާސަތާ ގުޅިފައިވާ، ކަމެއްކަމަށާއި އަދި ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (މ) އަށް ބަލާއިރު، ޚާރިޖީ ސިޔާސަތު ކަނޑައެޅުމާއި، ހިންގުމާއި، އެ ސިޔާސަތު ހިނގާ ނުހިނގާ ގޮތް ބަލައި، ބޭރު ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއެކު ގުޅުން ޤާއިމުކޮށް ދެމެހެއްޓުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރެއް ކަމަށް ބަންޑާރަނައިބުގެ ބަޔާނުގައި ވަނީ ފާހަގަ ކުރައްވާފައެވެ.
މީގެއިތުރުން ޓްރައިބިއުނަލްގައި މިހާރު ކުރިޔަށްދާ، ދިވެހިރާއްޖެ އާއި ޗާގޮސްއާ ދެމެދު އޮތް ކަނޑުގެ ސަރަޙައްދުގެ ތެރެއިން ފުށުއަރާ ސަރަޙައްދާ ގުޅޭގޮތުން ޓްރައިބިއުނަލްގައި ހިނގަމުންދާ މައްސަލައަކީ ރާއްޖެ ބައިވެރިވެފައިވާ މުޢާހަދާގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ގޮތް ނިންމަންޖެހޭ، މުޅިން ތަފާތު މައްސަލައެއްކަމަށްވާއިރު، އައި.ސީ.ޖޭ. ގެ ނިންމުން ތަންފީޛުކޮށް ޗާގޮސް މޮރިޝަސްއާ ޙަވާލުކުރުމަށް ގޮވާލާ ޤަރާރަށް އދ.ގެ ޖެނެރަލް އެސެމްބްލީގައި ތާއީދުކޮށް ވޯޓު ލުމުގެ ސަބަބުން ޓްރައިބިއުނަލްގައި ކުރިޔަށްދާ މައްސަލައަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް ބަންޑާރަނައިބުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

