ގުޅީފަޅު ހިއްކުމަށާއި، ސީޕޯޓު ތަރައްގީ ކުރުމަށް 959.2 (ނުވަސްތޭކަ ފަންސާސް ނުވައެއް ޕޮއިންޓް ދޭއް މިލިޔަން) ރުފިޔާ އަންނަ އަހަރަށް ކަނޑައަޅައި މަޖިލީހަށް ހުށަހެޅި ދައުލަތުގެ ބަޖެޓުގައި ހިމަނައިފިއެވެ.
ފިނޭންސް މިނިސްތަރ އިބްރާހިމް އަމީރު މަޖިލީހަސް ހުށަހެޅި މަޖިލީހުގެ ބަޖެޓުގައި ބުނެފައިވާ ގޮތުގައި ގުޅީފަޅުގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް ޕޯޓާއި، މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލާ ބްރިޖުގެ މަސައްކަތްތައްމިވަނީ ފެށިފައެވެ.
މި މަޝްރޫއުތަކަކީ އިގުތިސާދީ ވިލުންވެރިކަން އިތުރުކުރުމަށް އެޅޭ މުހިންމު ބިންގަލެއްގެ ގޮތުގައި ވަނީ ފާހަގަ ކުރައްވާފައެވެ. މިކަމުން މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އަންނަ އަހަރު ބޮޑު ހައްލެއް ލިބިގެންދާނެކަން ބަޖެޓުގައި ފާހަގަ ކުރައްވާފައިވާއިރު ދިވެހިރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވެފައި އޮންނަ ގައުމެއްކަން ވެސް ވަނީ ފާހަގަ ކުރައްވާފައެވެ. އަދި އިމްޕޯޓް މުދާ ހެޔޮއަގުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށާއި މުދަލުގެ އަގުތަކަށް އަންނަ ބަދަލު ކުޑަކުރުން މުހިންމުކަން ބަޖެޓުގައި ވަނީ ފާހަގަ ކުރައްވާފައެވެ. ބަޖެޓުގައި ބުނެފައިވާ ގޮތުގައި މިކަން ހާސިލުކުރުމަށް ޕޯޓު އެފިޝަންޓްވުމަކީ މުހިންމުކަމެއްކަން ވަނީ ފާހަގަ ކުރައްވާފައެވެ.
ބަޖެޓުގައި ފާހަގަ ކޮށްފައިވާ ގޮތުގައި އިގުތިސާދީ ވިލުންވެރިކަން އިތުރުކޮށް، ސިންދަފާތުކުރުމަށް ދަނޑުވެރިކަމާއި މަސްވެރިކަމަށް ކުރާ އިންވެސްޓްމަންޓްތައް ވަނީ އިތުރުކުރެވިފައެވެ. މިގޮތުން، ދަނޑުވެރިންނަށް ދިމާވެފައި ހުރި ދަތިތައް ހައްލުކޮށްދީ، އުފައްދާ ތަކެތި ފަސޭހައިން ބާޒާރަށް ނެރެވޭނެ އެއް މަގަކީ އެގްރޯނެޓްކަން ބަޖެޓުގައި ވަނީ ފާހަގަ ކޮށްފައެވެ. އަދި އެކުންފުނިން، ރަށްރަށުގައި ގާއިމްކުރެވޭ ޑިސްޓްރިބިއުޝަން ސެންޓަރުތައް ހަދާފައިވާކަން ބަޖެޓުގައި ވަނީ ފާހަގަ ކޮށްފައެވެ.
މީގެއިތުރުން އަވިން އުފައްދާ ހަކަތައިން ފިނިކޮށްދޭ ކޯލްޑް ސްޓޯރޭޖްތައް ހަދަމުންދާކަން ފާހަގަކޮށް ބަޖެޓުގައި ފާހަގަ ކޮށްފައި ވަނީ އެމަސައްކަތް މިހާރު ހިނގަމުންދާ ކަމަށެވެ. އަދި މަސްކިރުމުގައި ހުރި ދަތިތައް ހައްލުކުރުމަށް، އިތުރު ކޯލްޑް ސްޓޯރޭޖް ފެސިލިޓީތައް ގާއިމުކުރުމަށް ބަޖެޓުގައި ހިމަނާފައިވެއެވެ. ހަމަ އެހެންމެ، މިފްކޯއިން މަސްގަންނަ އަގު ހިފެހެއްޓުމަށް ދޭ ސަބްސިޑީއަށް 250 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވެއެވެ.

