މި މަހުގެ 19 ގައި ގަތަރުގައި ފަށާ ވޯލްޑް ކަޕް, ދައުލަތުގެ މީޑިއާ ޕީއެސްއެމް މެދުވެރިކޮށް ހިލޭ ފެންނާނެ ކަމާމެދު ސުވާލު އުފެދިފައި ވަނިކޮށް އެ ކުންފުންޏަށް 12.3 މިލިއަން ރުފިޔާ ދިނުމަށް ފިނޭންސް މިނިސްޓްރީން ނިންމައިފި އެވެ.
1986 ވަނަ އަހަރުން ފެށިގެން، މެދުކެނޑުމެއް ނެތި ވޯލްޑް ކަޕްގެ މެޗުތައް ދައުލަތުގެ މީޑިއާއިން ދައްކަމުން އައީ އެއްވެސް އަގެއް ދެއްކުމަކާއި ނުލަ އެވެ. ނަމަވެސް މި އަހަރު ސުވާލުތަކެއް އުފެދުނީ، ރާއްޖެއަށް ވޯލްޑް ކަޕްގެ މެޗުތައް ދެއްކުމުގެ ރައިޓްސް ކޭބަލް ޓީވީގެ ހިދުމަތް ދެމުން އަންނަ މީޑިއާނެޓުން ގަނެފައިވާތީ އެވެ. އެއް މިލިއަން ޑޮލަރަށް ރައިޓްސް ގަނެ، މީޑިއާނެޓުން ވަނީ އޮންނަ އުސޫލުގެ ތެރެއިން ތިން ޗެނަލަކަށް އެ ރައިޓްސް ވިއްކާފަ އެވެ. އެއީ އައިސް ޓީވީ އާއި، ޕްރައިވެޓް މީޑިއާ ރާއްޖެ ޓީވީއަށެވެ. ތިން ވަނަ ޗެނަލެއްގެ ގޮތުގައި ރައިޓްސް ގަތުމަށް ޕީއެސްއެމްއިން މަސައްކަތް ކުރި ނަމަވެސް، އެކަން މީގެ ކުރިން ކާމިޔާބުވާ ގޮތް ނުވީ، އެކަމަށް ދައްކަން ޖެހޭ ފައިސާތައް ހަމަނުޖެހިގެންނެވެ.
ބެޖެޓެއް ނެތްކަމަށް ބުނެ، ވޯލްޑް ކަޕްގެ ރައިޓްސްގެ މައްސަލަތަކެއް ޕީއެސްއެމަށް ދިމާވެގެން އުޅޭކަން މިދިޔަ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ރިޕޯޓުގައި ރާއްޖޭގެ އެހެން މީޑިއާތަކުންނެވެ. އެއާއި އެކު، އޭގެ ސަބަބު ސާފު ކުރުމަށް މަސައްކަތް ކުރި ނޫސްވެރިންނަށް ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަލީ ޚާލިދު ވިދާޅުވީ ވޯލްޑް ކަޕްގެ މެޗުތައް އެ ކުންފުނީގެ ޗެނަލްތަކުން ދެއްކުމަށްޓަކައި މަސައްކަތް ކުރަމުންދާ ކަމަށެވެ.
ޕީއެސްއެމަށް ވޯލްޑް ކަޕްގެ ރައިޓްސް ގަންނަން ޖެހުނީ، ދާދިފަހުން ބްރޯޑްކާސްޓިން ކޮމިޝަނުން ”ލިސްޓެޑް އިވެންޓްސް ނުވަތަ އާއްމުންނަށް ހިލޭ ދައްކަން ޖެހޭ އިވެންޓުތަކުގެ ލިސްޓު“ އިސްލާހުކޮށް އޭގެއިން ވޯލްޑްކަޕް އުނިކޮށްފައިވާތީ އެވެ.
މައްސަލައިގައި ޕީއެސްއެމްއިން ބުނެފައި ވަނީ، މި އަހަރަށް ކަނޑައެޅި ބަޖެޓުގައި އެ ފައިސާ ހަމަޖެހިފައި ނެތް ކަމަށެވެ. އެހެންވެ އެންމެ ފުރަތަމަ ކުންފުނިން ނިންމީ އާއްމުންގެ އަތުން ފީއެއް ނަގައި މެޗުތައް ދެއްކުމަށެވެ. ނަމަވެސް މައްސަލަ ބޮޑުވެ، ފަހުން އެ ނިންމުން ބަަދަލު ކުރީ ސަރުކާރުން އެކަމަށް ބޭނުންވާ ފައިސާ ހަމަޖައްސާނެކަމަށް އެންގުމުންނެވެ.
ރީ ބްރޯޑްކާސްޓިން ވިޔަފާރީގެ ހަމަހަމަކަން ރާއްޖޭގައި ގެއްލިފައިވާ ކަމަށް ބުނެ ޕާލިމެންޓްރީ އިންކުއަރީއެއް ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގެ، ގަވައިދު ކޮމިޓީއަށް ޕީއެސްއެމް ހާޒިރު ކުރުމުން އެކަމާއި ގުޅޭގޮތުން ސުވާލު ކުރެއްވީ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) އެވެ. ޖަވާބުގައި، ޕީއެސްއެމްގެ ސޭލްސް އެންޑް މާކެޓިން ޑިރެކްޓާރ އިބްރާހިމް ނަސްރީން ވިދާޅުވީ ފީފާގެ ހުށަހެޅުން އެންމެ ފުރަތަމަ ލިބުނީ އެކުންފުންޏަށް ކަމަށެވެ. ނަމަވެސް ބަޖެޓެއް ނެތުމުގެ ސަބަބުން ބިޑު ހުށަހެޅުމަށް ފަހު ވެސް، އަލުން އަނބުރަައި ބިޑު ގެންދިއުމަށް މަޖުބޫރުވީކަމަށް އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމެޓީގައި މިއަދު މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޕީއެސްއެމްގެ ސޭލްސް އެންޑް މާކެޓިންގ ޑިރެކްޓަރ އިބްރާހީމް ނަސްރީން ވިދާޅުވީ ރާއްޖޭގައި ވޯލްޑް ކަޕްގެ މެޗުތައް ދެއްކުމަށް ފީފާއިން އެންމެ ފުރަތަމަ ހުށަހެޅީ ޕީއެސްއެމްއަށް ކަމަށެވެ. އެކަމަށް ޕީއެސްއެމްއިން ބިޑް ކުރުމަށް ފަހު ފައިސާ ނެތުމުގެ ސަބަބުން ބިޑް އަނބުރައި ގެނައީ ކަމަށް އޭނާ ވިދާޅުވިއެވެ.
ފާޑުކިއުން އަމާޒުވެފައިވާ މި މައްސަލައިގައި، ފިނޭންސް މިނިސްޓްރީން ޕީއެސްއެމަށް 800،000 ޑޮލަރު ދިނުމަށް ވަނީ ނިންމާފަ އެވެ. އެއީ ދިވެހި ފައިސާއިން ބަލާނަމަ 12.3 މިލިއަން ރުފިޔާ އެވެ. ފައިސާ ހަމަޖެހި، ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ މެޗްތައް ލައިވްކޮށް ޕީއެސްއެމް އިން ގެނެސްދިނުމަށް މީޑިއާނެޓާއިއެކު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ އެވެ. އެގްރިމެންޓުގެ ދަށުން ވޯލްޑ ްކަޕް ކަޕް ދައްކާނީ ޔެސް ޓީވީންނެވެ.
ބަޖެޓުގެ ދަތިކަމުގެ ވާހަކަތައް ޕީއެސްއެމުން ފާހަގަ ކުރި ނަމަވެސް، މި އަހަރަށް ފާސް ކުރި ބަޖެޓުގައި އެ ކުންފުންޏަށް ހަމަޖައްސާފައި ވަނީ 70 މިލިއަން ރުފިޔާ އެވެ. އަދި އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ޕީއެސްއެމަށް ހިމަނާފައި ވަނީ 80 މިލިއަން ރުފިޔާ އެވެ.

