ބަރުދަން ލުއި ކުރާ ބޭހެއް ކަމަށްވާ ޖަމު ސުރޫތު އަޔޫ ބޭނުން ކުރުމާއި ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ ( އެމްއެފްޑީއޭ) އިން މަނާ ކޮށްފިއެވެ.
ޖަމު ސުރޫތު އަޔޫ އިން ހާޓް އެޓޭކާއި ސްޓްރޯކް ޖެހުމުގެ ފުރުސަތު އޮތް ކަމަށް ވެސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ބަޔާނުގައި ވަނީ ބުނެފައެވެ.
އެމްއެފްޑީއޭ އިން ބުނީ ބަރުދަން ލުއިވާނެ ކަމަށް ބުނެ ސޯޝަލް މީޑިއާ މެދުވެރިކޮށް މިހާރު ރާއްޖޭގައި ވިއްކަމުންދާ ޖަމު ސުރޫތު އަޔޫގައި ޑޮކްޓަރީ ބޭސް ސިބޫޓްރަމިން އާއި ލިޑޯކޭއިން ހިމެނޭ ކަމަށް ދުނިޔޭގެ ގައުމުތަކުން ކޮށްފައިވާ ލެބޯޓްރީ ތަހުލީލުތަކުން ދައްކާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެ ބާވަތް ދުނިޔޭގެ ގައުމުތަކުގައި މަނާ ކޮށްފައިވާ ކަމަށް އެމްއެފްޑީއޭ އިން ވަނީ ބުނެފައެވެ.
100 ޕަސެންޓް ގުދުރަތީ މާއްދާތަކުން އުފައްދާފައިވާ ހާބަލް ޕްރޮޑަކްޓެއްގެ ގޮތުގައި އިސްތިހާރުކޮށްފައިވާ ޖަމު ސުރޫތު އަޔޫ އުފެއްދުމުގައި ހިމެނޭ ލިޑޯކޭއިން އަކީ އައްސި ކުރުމަށް ބޭނުންކުރާ ބޭހެއްކަމުން އެބޭހުގެ ސަބަބުން އިންސާނެއްގެ ހަށިގަނޑަށް ކޮށްފާނެ ނުރައްކާތެރި އަސަރުތައް އަދި މިހާތަނަށް އަންދާޒާ ކުރެވިފައިވެސް ނުވާ ކަމަށް އެމްއެފްޑީއޭ އިން ވަނީ ބުނެފައެވެ.
ސިބޫޓްރަމިން އަކީ އޭގައި ހިމެނޭ ނުރައްކާތެރި ސައިޑް އެފެކްޓް ގެ ސަބަބުން ގިނަ ގައުމުތަކުގައި މަނާކޮށްފައިވާ ބޭހެއް ކަމަށާއި އެބޭހުގައި ހިމެނޭ ސައިޑް އިފެކްޓްތަކުގެ ތެރޭގައި ފުރަމޭ ހަލާކުވުމާއި ހާޓްއެޓޭކް ޖެހުމާއި ސްޓްރޯކް ޖެހުން ހިމެނޭ ކަމަށް އެމްއެފްޑީއޭގެ ރިޕޯޓްގައި ވަނީ ބުނެފައެވެ.
ޖަމު ސުރޫތު އަޔޫ ރާއްޖެ އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުން މަނާ ކޮށް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އިންޓަރނެޓާއި އެނޫންވެސް ގޮތްގޮތުން މިފަދަ އުފެއްދުންތައް ގަންނައިރު ފުރިހަމަ މައުލޫމާތު ހޯދުމަށާއި މިފަދަ ހެލްތު ފްރޯޑް ތަކަށް އާއްމު ރައްޔިތުން ސަމާލުވުމަށް އެމްއެފްޑީއޭ އިން އެދިފައިވެއެވެ.

