ޗާގޮސްގެ ކުރިމަގު ބައްޓަން ކުރުމަށް މޮރިޝަސް އާއި އެކު މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށް އިނގިރޭސިވިލާތުން އެއްބަސްވެއްޖެއެވެ.
ޒަމާންތަކެއް ވަންދެން ޗާގޮސް މޮރިޝަސް އަށް ދިނުމާއި ދެކޮޅު ހެދުމަށް ފަހު ބައިނަލްއަގުވާމީ ބާރުއެޅުންތަކަށް ލެނބި ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން މޮރިޝަސްއާއި ދެމެދު އޮތް ނުތަނަވަސްކަން ނިނުމަކަށް ގެނައުމަށް ވިސްނާފައިވާކަން ހާމަކުރެއްވީ، އިނގިރޭސިވިލާތުގެ ފޮރިން ސެކެޓްރީ ޖޭމްސް ކްލެވަރލީއެވެ.
މޮރިޝަސްއާއި ދެމެދު އުފެދިފައިވާ ހުރިހާ މައްސަލަތަކެއް ހައްލު ކުރުމަށް އެއްބަސްވުމުގެ މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށް ބޭނުންވާކަމަށް ހާމަކޮށް އެނާ ވިދާޅުވީ އެ ދެގައުމުން ކޮންމެ ގޮތަކަށް އެއްބަސްވުންތަކެއް ގާއިމު ކުރިނަމަވެސް، އިނގިރޭސިވިލާތާއި އެމެރިކާ ގުޅިގެން ޑިއޭގޯ ގާރސިއާގައި ހިންގަމުންދާ އަސްކަރީ ހަރަކާތްތަކަށް އެއްވެސް ހީނަރުކަމެއް އަދި ބަދަލެއްވެސް ނާންނާނެކަމަށެވެ.
ކްވެލަވަރލީ ސޮއި ކުރައްވާ ނެރުއްވާފައިވާ ބަޔާނެއްގައި ފާހަގަކުރައްވާފައިވާގޮތުން، މޮރިޝަސް އަދި އެ ގައުމުގެ ދެމެދު ގާއިމު ކުރުމަށް ނިންމާފައިވާ އެއްބަސްވުންތަކުގެ މަޝްވަރާތައް ނިންމާ ސޮއި ކުރުމާއި ހިސާބަށް ވާސިލުވެވޭނީ 2023 ވަނަ އަހަރުގެ ކުރީކޮޅުއެވެ. އަދި މަޝްވަރާތައް ކުރެވިގެންދާނީ ޗާގޯސްގެ މިނިވަންކަމާއި މެދުކަމަށްވެސް އެނާ ވަނީ ފާހަގަކުރައްވާފައެވެ.
ކްލެވަރލީ މި ބަޔާން ނެރުއްވާފައިވަނީ، ކުޑަ ދުވަސްކޮޅަކަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކަމާއި ހަވާލުވެވަޑައިގެންނެވި ލިޒް ޓްރަސް އަދި މޮރިޝަސްގެ ބޮޑު ވަޒީރު ޕްރަވިންދު ޖަގުނާތު އާއި ދެމެދު އދގެ އާންމު މަޖިލީހުގައި ކުރިއަށް ގެންދެވުނެ މަޝްވަރާތަކަކަށް ފަހުއެވެ.
1000 އާއި ގާތް ކުރާ އަދަދެއްގެ ޗާގޯސްގެ ރައްޔިތުން އެ ސަރަހައްދުން ބޭރު ކުރެވިގެންދިޔައީ، 1960 ވަނަ އަހަރާއި 1970އިގެ އަހަރުތަކުގެ ތެރޭގައި، އެ ސަރަހައްދުގައި އިނގިރޭސިވިލާތާއި އެމެރިކާ ގުޅިގެން އަސްކަރީ މަރުކަޒެއް ގާއިމު ކުރުމަށް ކުރި މަސައްކަތްތަކުގެ ތެރެއިންނެވެ. އެހެން ނަމަވެސް ޒަމާންތަކެއް ހޭދަ ވުމަށް ފަހު، އދގެ އެންމެ މަތީ ކޯޓު އައިސީޖޭއިން ވަނީ، އިނގިރޭސިން އެ ސަރަހައްދު ހިފަހައްޓާފައިވަނީ ނުހައްގުންކަމަށް ނިންމައި އެ ތަން މޮރިޝަސްގެ އަތް މައްޗަށް ދޫކޮށްލުމަށް އަންގާފައެވެ.
ޗާގޮސްގެ ސިޔާދަތާ ގުޅޭ މައްސަލައަކީ މީގެ އެތައް އަހަރުތަކެއް ކުރިން އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އުފެދިފައިވާ، އެހެންނަމަވެސް ހައްލުކުރެވިފައިނުވާ މައްސަލައެކެވެ. ގައުމުތައް އިސްތިއުމާރުކޮށްގެން އުޅުނު ޒަމާނުގައި ފަރަންސޭސިންގެ އިސްތިއުމާރުގެ ދަށުގައި މޮރިޝަސް އޮތްއިރު ޗާގޮސްއަށް ވެސް ބާރު ހިންގަމުން ދިޔައީ ފަރަސްސޭސީން ކަމަށް ތާރީހީ ލިޔުންތަކުން ދައްކައެވެ. ނަމަވެސް ފަރެންސޭސީން ކުރަމުންދިޔަ ސިލްސިލާ ހަނގުރާމައިގެ ތެރެއިން ފަރަންސޭސީން ބަލިވެ މޮރިޝަސް އިނގިރޭސިންގެ އިސްތިއުމާރުގެ ދަށަށް ދިއައެވެ.
ފަރަންސޭސީންގެ އަޅުވެތިކަމުން މިނިވަންވި ހިސާބުން މޮރިޝަންސްއިން ގަބޫލު ކުރަމުން ދިޔައީ ޗާގޮސްއަކީ އެ މީހުންގެ ތަނެއްގެ ގޮތުގައެވެ. ނަމަވެސް 1968 ވަނަ އަހަރު އިނގިރޭސިން މޮރިޝަސްއަށް މިނިވަންކަން ދިންއިރު މޮރިޝަސްގެ ދަށުން ޗާގޮސް ވަނީ ވަކިކޮށްފައެވެ. އަދި ޗާގޮސްއަކީ ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީއެއް ކަމަށް އިއުލާންކުރިއެވެ. އެ ދުވަހުން ފެށިގެން މޮރިޝަސްއިން މަސައްކަތް ކުރަމުން އަންނަނީ ޗާގޮސްއަކީ އެ ގަމުގެ ސިޔާދަތީ ބާރު ހިނގާތަނަކަށް ކަނޑައެޅުމަށެވެ.
ޗާގޮސްއަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާތަނެއްގެ ގޮތުގައި ކަނޑައެޅުމަށް މޮރިޝަސްއިން ކުރަމުން ދިޔަ މަސައްކަތްތަކުގެ ދަށުން 2017 ވަނަ އަހަރު އދ. ގެ އާންމު މަޖިލީހަށް މޮރިޝަސްގެ ފަރާތުން ގަރާރެއް ހުށަހަޅައި ޗާގޮސްއަކީ އެގައުމުގެ ސިޔާދަތީ ބާރު ހިނގާތަނެއްގެ ގޮތުގައި ކަނޑައެޅުމަށް އެދުނެވެ. އަދި އެ ގަރާރު މޮރިޝަސްއިން ހުށަހެޅި ގޮތަށް ފާސްވެ 2019 ވަނަ އަހަރު އަނެއްކާވެސް މޮރިޝަސްއާއި އެއްކޮޅަށް އދ. ގެ އާންމު މަޖިލީހުން ގަރާރެއް ފާސްކޮށް ހަމަސް ދުވަހުގެ ތެރޭގައި ޗާގޮސް މޮރިޝަސްއާއި ހަވާލު ކުރުމަށް ފާސްކޮށްފައިވެއެވެ. އދ. ގެ އާންމު މަޖިލީހުން 2019 ވަނަ އަހަރު ޗާގޮސް މޮރިޝަސް އާއި ހަވާލު ކުރުމަށް ނިންމީ އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް(އައިސީޖޭ) އިން ގާނޫނީ ލަފައެއް ހޯދުމަށް ފަހުއެވެ.

