ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖިންސީ ކުށުގެ މައްސަލަތަކުގައި ދެން ރައްކާތެރިކަމުގެ އަމުރު ނުރެވޭނެ!

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ޖިންސީ ކުށުގެ މައްސަލަތަކާގައި ކުށުގެ ޝިކާރައަށްވާ މީހާއަށް ރާއްކާތެރިކަން ލިބޭ ގޮތަށް ”ރައްކާތެރި ކަމުގެ އަމުރު ނެރެވޭ ގޮތަށް ކަނޑައަޅައި ”ޖިންސީ ކުށުގެ މައްސަލަތަކާގުޅޭ ޝަރީޢަތްކުރުމާބެހޭ ގަވާއިދު“ ގެޒެޓު ކޮށްފިއެވެ.

މި ގަވައިދަކީ ޖިންސީ ކުށުގެ ޤާނޫނުގެ ދަށުން ކުރެވޭ ދަޢުވާތަކާގުޅޭ ޝަރީޢަތް ހިންގުމުގައާއި، އެ ޤާނޫނުގެ ދަށުން ޝަރުޢީ ކޯޓުތަކާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމުގެ އުސޫލުތައް ބަޔާންކޮށް، އެ ޤާނޫނުގެ 66 ވަނަ މާއްދާގެ (ށ) ގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެވެ.

މި ގަވާއިދުގެ މަގުސަދަކީ

(ހ) ޖިންސީ ކުށުގެ ޤާނޫނުން ޖިންސީ ކުށްތަކާގުޅިގެން ޢަމަލުކުރުމަށް އެކަށައެޅިފައިވާ ޚާއްޞަ ނިޒާމުގެ ދަށުން ކޯޓުތަކުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާ ގުޅޭ އުސޫލުތައް ބަޔާންކުރުން؛

(ށ) ޖިންސީ ކުށުގެ ޤާނޫނުގެ ދަށުން ރައްކައުތެރިކަމުގެ އަމުރު ނެރުމުގެ އުސޫލުތައް ބަޔާންކުރުން؛

(ނ) ޖިންސީ ކުށުގެ ޤާނުނުގެ ދަށުން ޖިންސީ ކުށްތަކާ ގުޅޭ ޝަރީޢަތް ކުރުމުގެ އުސޫލުތައް ބަޔާންކުރުން؛

ރައްކައުތެރިކަމުގެ އަމުރު

ގަވައިދުގައި ބުނެފައިވާ ގޮތުގައި ޖިންސީ ކުށުގެ ޤާނޫނުގެ 60 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، އެ ޤާނޫނުގެ ދަށުން ކުށެއް ކަމުގައި ކަނޑައަޅައިފައިވާ ކުށެއްގެ ތުހުމަތުގައި ހިންގާ ތަޙުޤީޤެއް ހިންގޭނީ ނުވަތަ ޝަރީޢަތެއް ކުރެވެނީ އެ ކުށުގެ ތުހުމަތުކުރެވޭ މީހާ ބަންދުގައި ބަހައްޓައިގެން ނޫން ގޮތެއްގައި ކަމުގައިވާނަމަ، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށާގުޅޭ ޝަރީޢަތް ނިމުމާހަމައަށް، ކުށުގެ ޝިކާރައަށްވީ މީހާއާ ގުޅޭގޮތުން، މި ބަޔާންކުރާ ކަންކަން ނުވަތަ އޭގެ ތެރެއިން ވަކި ކަމެއް ނުވަތަ ވަކި ކަންތައްތަކެއް ނުކުރުމަށް އޭނާގެ މައްޗަށް ރައްކައުތެރިކަމުގެ އަމުރެއް ކޯޓަށް ކުރެވިދާނެއެވެ.

ގަވައިދުގައި ކަނޑައަޅާފައިވާ އެ ކަންކަމަކީ

1 ކުށުގެ ޝިކާރައަށްވީ މީހާ، ދިރިއުޅޭ ގެއަށް ނުވަތަ މަސައްކަތްކުރާ ތަނަށް ނުވަތަ ވަޒީފާ އަދާކުރާ ތަނަށް ނުވަތަ ކިޔަވައިދޭ ތަނަށް ނުވަތަ ކިޔަވަންދާ ތަނަށް ނުވަތަ އެނޫންވެސް އޭނާ އާންމުކޮށް ޒިޔާރަތްކުރާ ތަނަށް، ވަދެނުކުތުމަށް ހުރަސްއެޅުން؛

2 ކުށުގެ ޝިކާރައަށްވީ މީހާ ފަހަތުން ހިނގުމާއި، އޭނާ ދާ ތަންތަނަށް ދިއުމާއި، އޭނާ ހުއްޓުވުމާއި، އޭނާއަށް ގޯނާކުރުމާއި، އޭނާއަށް ވަށްބަހުން ޙަމަލާ ދިނުން؛

3 ކުށުގެ ޝިކާރައަށްވީ މީހާ ކަނޑައެޅިގެން ސާފުބަހުން އޭނާގެ ރުހުން ދީގެން މެނުވީ، އޭނާ ދިރިއުޅޭ ގެއަކަށް ނުވަތަ އޭނާ ހުރި ތަނަކަށް، ވަނުން ނުވަތަ އެ ތަނެއްގައި އުޅުން؛

4 ފޯނު މެދުވެރިކޮށް ނުވަތަ ސިޓީ މެދުވެރިކޮށް ނުވަތަ އީމެއިލް މެދުވެރިކޮށް ނުވަތަ އެސް.އެމް.އެސް މެދުވެރިކޮށް ނުވަތަ އެނޫންވެސް ގޮތަކުން ކުށުގެ ޝިކާރައަށްވީ މީހާއާ އެއްވެސް މުޢާމަލާތެއް ކުރުން؛

5 ކުށުގެ ޝިކާރައަށްވީ މީހާއަށް، ޖިސްމާނީގޮތުން ނުވަތަ ޖިންސީގޮތުން އެއްވެސް އަނިޔާއެއް ކުރުން؛

6 ކުށުގެ ޝިކާރައަށްވީ މީހާއަށް ޖިންސީގޮތުން ނުވަތަ ޖިސްމާނީގޮތުން އެއްވެސް އަނިޔާއެއް ކޮށްފާނެކަމުގެ ބިރުދެއްކުން؛

7 ކުށުގެ ޝިކާރައަށްވީ މީހާގެ އެއްވެސް މުދަލަކަށް ގެއްލުމެއް ދިނުން، ނުވަތަ އެފަދަ ގެއްލުމެއް ދީފާނެކަމުގެ ބިރުދެއްކުން؛

8 ކުށުގެ ޝިކާރައަށްވީ މީހާ ބިރުގެންނެވުމުގެ ގޮތުން، ނުވަތަ އޭނާ ލަދުގެންނެވުމުގެ ގޮތުން ނުވަތަ އޭނާއަށް ނަފްސާނީގޮތުން އަނިޔާ ކުރުމުގެ ގޮތުން އެއްވެސް ޢަމަލެއް ކުރުން ނުވަތަ އެފަދަ ޢަމަލެއް ކޮށްފާނެކަމުގެ ބިރުދެއްކުން؛

9 ކުށުގެ ތުހުމަތުކުރެވޭ މީހާ ނުކުރުމަށް އަންގާ އެއްވެސް ކަމެއް އެހެން މީހަކު މެދުވެރިކޮށް ނަމަވެސް، އެ އަމުރު ނިސްބަތްވާ ފަރާތުން ކުރުވުން.

ގަވައިދުގައި ބުނެފައިވާ ގޮތުގައި ރައްކައުތެރިކަމުގެ އަމުރެއް ކުރެވޭނީ އަމުރު ރައްދުވާ ފަރާތުގެ މައްޗަށް ޖިންސީ ކުށުގެ ޤާނޫނުގެ ދަށުން ތުހުމަތުކުރެވޭ ކުށެއް ތަޙުޤީޤު ކުރެވެމުންދާ ހާލަތުގައި ނުވަތަ އެފަދަ ދަޢުވާއެއް އުފުލިފައިވާ ހާލަތުގައި އެ މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓަކުންނެވެ. އަދި ރައްކައުތެރިކަމުގެ އަމުރު ތުހުމަތު ކުރެވިފައިވާ މީހާގެ ބަހެއް ހޯދުމަކާ ނުލައި، ގަވއިދުގައި ބަޔާންކޮށްފައިވާ އަމުރެއް ކޯޓަށް ކުރެވިދާނެއެވެ.

ގަވައިދުގައި ބުނެފައިވާ ގޮތުގައި ރައްކައުތެރިކަމުގެ އަމުރެއް ކޯޓުން ކޮށްފިނަމަ، އެ އަމުރު ކުރި ކޯޓުން އެ އަމުރު ނިސްބަތްވާ ފަރާތަށް އަމުރު ރައްދުކޮށްދޭންވާނެއެވެ. އަދި އަމުރު ނިސްބަތްވާ ފަރާތް ހުރީ އެހެން ރަށެއްގައި ނަމަ، އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުން އަމުރު ނިސްބަތްވާ ފަރާތާ އަމުރު ހަވާލުކުރުމަށްޓަކައި އެ މެޖިސްޓްރޭޓް ކޯޓަކަށް އަމުރު ފޮނުވަންވާނެއެވެ.

ރައްކައުތެރިކަމުގެ އަމުރަށް އެދޭ ވަގުތު، ތުހުމަތުކުރެވިފައިވާ މީހާގެ ތަޙުޤީޤު ނިމިފައިނުވާނަމަ، އެ އަމުރަށް އެދި ކޯޓަށް ހުށަހަޅާނީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުންން ކަމަށް ގަވައިދުގައި ވަނީ ބުނެފައެވެ. އަދި ތުހުމަތުކުރެވުނު ކުށުގެ ތަޙުޤީޤު ފުރިހަމަކޮށް، އެ ކުށުގެ ދަޢުވާ އުފުލުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފައިވާނަމަ، އެ އަމުރަށް އެދޭނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުންނެވެ.

ޖިންސީ ކުށުގެ މައްސަލަތަކާގުޅޭ ޝަރީޢަތްކުރުމާބެހޭ ގަވާއިދުގެ ދަށުން ކޯޓުން ބަލަން ޖެހޭ މައްސަލަތައް

1 ޖިންސީ ކުށުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ކުށެއްގެ ތުހުމަތުކުރެވިފައިވާ މިހާގެ ތަޙުޤީޤު މަރުޙަލާގައި ލިބޭ މަޢުލޫމާތަށް ބަލާއިރު، ރައްކައުތެރިކަމުގެ އަމުރަކަށް އެދެންޖެހޭ ފަދަ ހާލަތެއް އޮތްކަމަށް ބެލެވިދާނެ އެކަށީގެންވާ ސަބަބުތަކެއް ހުރިކަމަށް ފުލުހުންނަށް ޤަބޫލުކުރެވިގެން ހުށަހަޅާ މައްސަލަތައް؛

2 ޖިންސީ ކުށުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ކުށެއްގެ ތުހުމަތުކުރެވިފައިވާ މީހާގެ ތަޙުޤީޤު ފުރިހަމަކޮށް އެ ކުށުގެ ދަޢުވާ އުފުލުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފައިވާ މަރުޙަލާގައި ނުވަތަ ޝަރީޢަތުގެ މަރުޙަލާގައި، ކުށުގެ ތުހުމަތުކުރެވިފައިވާ މީހާއާ ގުޅިގެން ކުށުގެ ޝިކާރައަށްވީ މީހާ އިތުރު ޝަކުވާއެއް ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅުމުގެ ސަބަބުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅާ މައްސަލަތައް؛

3 ޖިންސީ ކުށުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ކުށެއްގެ ތުހުމަތުކުރެވިފައިވާ މީހާގެ ތަޙުޤީޤު ފުރިހަމަކޮށް، އެ ކުށުގެ ދަޢުވާ އުފުލުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފައިވާ މަރުޙަލާގައި ނުވަތަ ޝަރީޢަތުގެ މަރުޙަލާގައި، ކުށުގެ ތުހުމަތުކުރެވިފައިވާ މީހާއާ ގުޅިގެން ކުށުގެ ޝިކާރައަށްވީ މީހާ އިތުރު ޝަކުވާއެއް މިނިސްޓްރީއަށް ހުށަހަޅައިފައިވާ ކަމުގެ މަޢުލޫމާތު އެ މިނިސްޓްރީން ދިވެހި ފުލުހުންގެ ޚިދުމަތާ ހިއްސާކުރުމުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅާ މައްސަލަތައް؛

ރައްކައުތެރިކަމުގެ އަމުރާ މެދު ގޮތެއް ނިންމުން

ގަވައިދުގައި ބުނެފައިވާ ގޮތުގައި ރައްކައުތެރިކަމުގެ އަމުރަކަށް އެދި ކޯޓަށް ހުށަހެޅިއްޖެނަމަ، އެ ހުށަހެޅުމެއް ހުށަހެޅޭތާ ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި އެ އަމުރު ކުރުމާމެދު ކޯޓުން ގޮތެއް ނިންމަންވާނެއެވެ. މި މުއްދަތު ގުނާނީ ރަސްމީ ބަންދު ދުވަސްތައް ހިމަނައިގެންނެވެ.

މީގެއިތުރުން ރައްކައުތެރިކަމުގެ އަމުރާމެދު ކޯޓުން ނިންމާ ގޮތަކީ އެ އަމުރު ކުރުންކަމަށްވާނަމަ، އެ އަމުރުގެ އަސްލެއް އަމުރު ރައްދުވާ ފަރާތަށް ވީ އެންމެ އަވަހަކަށް ކޯޓުން ފޯރުކޮށްދޭންވާނެއެވެ. އަމުރު ރައްދުވާ ފަރާތަކީ 16 އަހަރާއި 18 އަހަރާ ދެމެދުގެ ކުއްޖެއްނަމަ، އެ ކުއްޖެއްގެ މަންމަ ނުވަތަ ބައްޕަ ނުވަތަ ޒިންމާދާރު ބަލަދުވެރިއަކު ނުވަތަ އެނޫންވެސް އެފަދަ ކުއްޖަކު ބެލެހެއްޓުމާ ހަވާލުވެ ހުރި ފަރާތަކާ ނުވަތަ ކުއްޖާގެ މަޞްލަޙަތުގައި މަސައްކަތްކުރާ ފަރާތަކާ އެ އަމުރުގެ އަސްލެއް ފޯރުކޮށްދޭންވާނެއެވެ.

މީގެއިތުރުން ޖިންސީ ކުށުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ ދަށުން އެއްވެސް އަމުރެއް ކޮށްފި ހިނދެއްގައި، އެ އަމުރަކާމެދު ހިތްހަމަ ނުޖެހޭ ފަރާތުން ނުވަތަ އަމުރެއް ނުކޮށްފިނަމަ އެ ނިންމުމަކާމެދު ހިތްހަމަނުޖެހޭ ފަރާތުން އިސްތިއުނާފުކުރުމަށް އެދި މައްސަލަ ހުށަހަޅައި، މައްސަލަ ރަޖިސްޓަރީވާ ތާރީޚުން ފެށިގެން 10 ދުވަހުގެ ތެރޭގައި މައްސަލައާމެދު ކޯޓުން ގޮތެއް ކަނޑައަޅަންވާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: