މިއަދަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރު ވެރިކަމަށް 4 އަހަރު ފުރޭ ދުވަހެވެ. މިއަދު ފާހަގަ ކުރަންވީ ކާމިޔާބީ އެއްގެ ގޮތުގައިތޯ ނުވަތަ ނޫންތޯ ކަނޑައަޅާނީ އާއްމު ރައްޔިތުންނެވެ.
ޖަޒީރާ ދިރިއުޅުމުގެ ވައްޓަފާޅިއާ އެކުލެވިގެންވާ މެނިފެސްޓޯ އެއްގައި ހިމެނުނު ވައުދުތަކެއް ރިޔާސީ އިންތިހާބުގެ ދުވަސްވަރު އަޑު ހަރުކޮށް ރައްޔިތުން ހެކިކޮށް ރާއްޖޭގެ އުތުރާއި ދެކުނަށް ކުރި ދަތުރުތަކުގައި އެތަކެއް ފަހަރަކު ތަފާތު މުނާސަބާގައި އެ މެނިފެސްޓޯގައި ހިމެނޭ ވައުދުތަކާއި ކަންކަމުގެ ވާހަކަ ދެކެވުނެވެ.
އޯގާތެރި ސަރުކާރެއް ރައްޔިތުންނަށް ގެނެސްދިނުމުގެ ނިޔަތުގައި ވީ ވައުދުތަކާއި އެކަމުގައި ހިމެނޭ ކަންކަމަށް ނަޒަރު ހިންގާލާއިރުގައި އެންމެ ފުރަތަމަ ސިއްހީ ދާއިރާ އިން ހާސިލްކުރެވުނު ކަންކަމަށް ނަޒަރު ހިންގާލާނަމެވެ.
ސިއްހީ ދާއިރާ ކުރިއެރުވުން:
އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލް އާއި ހދ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި އެމް އާރު އައި ހިދުމަތާއި ހިތުގެ ބަލިތައް ދެނެގަނެ ފަރުވާދޭ ނިޒާމު ސަރުކާރުން ވަނީ ގާއިމްކޮށްފައެވެ.
އަތޮޅުތެރޭގެ 5 ހޮސްޕިޓަލެއްގައި ޑެންޓަލް ހިދުމަތް ގާއިމްކުރެވިފައިވެއެވެ. އަދި އަތޮޅުތަކުގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒު ތަކަށް އެމްބިއުލާންސް ފޮނުވިފައިވެއެވެ. އެގޮތުން އެސްޓީއޯ މެދުވެރިކޮށް 96 އެމްބިއުލާންސް ގެނެސް ވަނީ ރަށްތަކަށް ފޮނުވާފައެވެ. އަދި މިސަރުކާރުން ވަނީ ޕްރައިމަރީ ހެލްތު ކެއަރގެ ހިދުމަތުން ފާހަގަކޮށްލެވުނު ކަންތައްތަކަށް ބަލާއިރު ގައިން ގަޔަށް ނާރާ ބަލިތަކަށް މަގުފަހިވާ ރިސްކް ފެކްޓަރސްތައް ދެނެގަތުމަށް ކުރާ ދިރާސާ ސްޓެޕް ސާރވޭ 2020 ގެ މަސައްކަތް ކޮށް ދިރާސާ ޕަބްލިޝް ކޮށްފައިވެއެވެ.
ސްޓެޕް ސާރވޭގެ ނަތީޖާއަށް ބިނާކޮށް ގައިން ގަޔަށް ނާރާ ބަލިތަކަށް މަގުފަހިވާ ރިސްކް ފެކްޓަރސް ތައް ދެނެގަތުމަށް ކުރާ ދިރާސާ ސްޓެޕް ސާރވޭ 2020 އަދި 2021 ގެ މަސައްކަތް ކޮށް ނަތީޖާ ވަނީ ޕަބްލިޝް ކުރުމަކީ ވެސް މިސަރުކާރުން ކޮށްފައިވާ ކަމެކެވެ.
ކޮމިއުނިޓީ ހެލްތު ވޯކަރުންނާއި ނަރުހުން ޕްރައިމަރީ ހެލްތު ކެއަރގެ ރޮނގުން ތަމްރީނުކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާގެ އެހީއާއެކު ތައްޔާރުކުރެވިފައިވާ ޕްރޮގްރާމްތައް ހިންގާފައިވެއެވެ. އޭގެ ތެރޭގައި ޕެން ޕެކޭޖް ޕްރޮގްރާމްތަކާއި ތަމްރީނުތައް ހިމެނެއެވެ. އެގޮތުން ހއ ހދ ނ ބ ޅ ފ ދ ތ ލ ގއ ގދ އަދި އައްޑޫގައި ފެން ޕެކޭޖް ތަމްރީން ވަނީ ހިންގާފައެވެ. އަދި ކ މާފުށި ކ ހިންމަފުށި ކ ތުލުސްދޫ ގައި ވެސް ވަނީ ޕެން ޕެކޭޖްގެ ތަމްރީނުތައް ކުރިއަށްގެންގޮސްފައެވެ.
ޕްރައިމަރީ ހެލްތު ކެއަރގެ ހިދުމަތްތައް ފުޅާކުރުމަށް ހިނގާނެ ހަރަދުތައް އެންމެ ފުރިހަމަ ގޮތުގައި އަދި އެންމެ އެފިޝެންޓް ގޮތުގައި ބޭނުން ކުރެވޭނެ ގޮތްތައް ދެނެގަނެ އެންމެ ފައިދާ ކުރަނިވި ގޮތެއްގައި އެ ހަރަދުތައް ކުރެވޭނެ ގޮތްތައް ރާވައި ހިންގުމަށް ޕްރައިމަރީ ހެލްތު ކެއަރ އިންވެސްޓްމެންޓް ކޭސް ޑިވޮލަޕް ކުރުމުގެ މަސައްކަތް 2021 ވަނަ އަހަރު ވަނީ ފެށިފައެވެ.
އަތޮޅުތަކުގެ ހޮސްޕިޓަލްތަކުގެ ސްޕެޝަލިސްޓް ޑޮކްޓަރުން އަތޮޅުގެ އެހެން ރަށްރަށަށް ޒިޔާރަތް ކޮށް ބަލިމީހުން ބެލުމުގެ މަސައްކަތް ހިމެނެއެވެ. އެގޮތުން އަންހެނުންގެ ހާއްސަ ޑޮކްޓަރުންނާއި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުންނާއި ސްކޭން ޑޮކްޓަރުން އައުޓްރީޗް ޕްރޮގްރާމްގެ ދަށުން ރަށްރަށުގެ ހޮސްޕިޓަލްތަކަށް ޒިޔާރަތްކޮށް ބަލިމީހުން ބަލާފައިވެއެވެ.
ލެބޯޓްރީގެ ހިދުމަތް ގާއިމްވެފައިނެތް ރަށްރަށުގައި އެ ހިދުމަތް ފޯރުކޮށްދިނުމަށް ސާމްޕަލް އެންމެ ކައިރި ލެބޯޓްރީ އެއް ހުރި މަރުކަޒަކަށް ފެރީ މެދުވެރިކޮށް ފޮނުވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރެވެމުން ދާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މިހާރު ހއ ނ ބ ޅ އއ އދ ވ ފ ދ އަދި ތ އަތޮޅުގައި ވަނީ ލެބޯޓްރީގެ ހިދުމަތް ނެތް ރަށްރަށުން މޮބައިލް ލެބޯޓްރީގެ ހިދުމަތް ދޭން ފަށާފައެވެ.
މީގެ އިތުރުން މި ހިދުމަށް ށ އަތޮޅުގައި މި ނޮވެމްބަރު މަސް ނިމުމުގެ ކުރިން ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ރާއްޖޭގެ ފަސް އަތޮޅުން މިހާރު ސައިކޭޓްރިސްޓުންގެ ހިދުމަތް ލިބެއެވެ. އެ ރަށްތަކަކީ ހދ ކުޅުދުއްފުށި ރ އުނގޫފާރު ލ ގަން ގދ ތިނަދޫ އަދި ސ ހިތަދޫއެވެ.
މިއަހަރުގެ ޖޫން މަހުގެ ތެރޭގައި ސެންޓަރ ފޯ މެންޓަލް ހެލްތުގެ ފަރާތުން އިންޕޭޝަންޓް ކެއަރގެ ހިދުމަތް އައިޖީއެމްއެޗްގައި ވަނީ ދޭން ފަށާފައެވެ.
ހުޅުމާލެ ހޮސްޕިޓަލުގައި ވަނީ މެންޓަލް ހެލްތު ސެންޓަރެއް ހުޅުވާފައެވެ.
ސިއްހީ ދާއިރާ ތަރައްގީ ކުރުމުގައި ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތައް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރެވިފައިވެއެވެ. އެގޮތުން 29 ރަށެއްގެ ސިއްހީ މަރުކަޒާއި ހޮސްޕިޓަލް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ވަނީ މުޅިން ނިމިފައެވެ. 35 ރަށެއްގައި އަމަލީ މަސައްކަތް ކުރިއަށްދާއިރު 6 ރަށެއްގެ ކޮންޓްރެކްޓް ވަނީ ހަވާލު ކުރެވިފައެވެ. އަދި 1 ރަށުގެ މަސައްކަތް ވަނީ އެވޯޑް ކުރެވިފައެވެ.
އާސަންދައިގެ ހިދުމަތް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން އިންޑިއާ އާއި ސްރީލަންކާ އަދި މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް މެރަނާ ގެ ނަމުގައި އާސަންދަ ސްކީމެއް ވަނީ ތައާރަފްކޮށްފައެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ފެންވަރު ރަނގަޅުކުރުމާއި ތަނުގެ ހިންގުން ހަރުދަނާ ކުރުމަށް އެ ހޮސްޕިޓަލަށް މުވައްޒަފުން ވަނީ އިތުރުކުރެވިފައެވެ.
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލާއި އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ވެސް ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ވަނީ މުވައްޒަފުން އިތުރުކޮށްފައެވެ.
ސިއްހީ ދާއިރާ އިން ހާސިލްކުރަން ބޭނުންވި ފުރިހަމަ ކާމިޔާބީ ހާސިލް ކުރެވިފައިނުވާ ކަން ފާހަގަކޮށްލެވެއެވެ.
އެގޮތުން ފަސް ސަރަހައްދުގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލްތައް އަދި މިހާތަނަށް ގާއިމްކުރެވިފައިނުވާ އިރު ބޭހުގެ މެކްސިމަމް ރީޓެއިލް ޕްރައިސް އެއް މިހާތަނަށް ކަނޑައެޅިފައެއް ނުވެއެވެ. ސިއްހީ ހިދުމަތުގެ ބަޖެޓް ބޮޑު ނަމަވެސް އެންމެ އެދެވޭ ފެންވަރުގައި އަތޮޅު ތެރޭގެ ސިއްހީ ހާލަތު ކުރިއަރާފައިނުވާ ކަމަށް އާއްމު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އެގޮތުން ގިނަ ޓެސްޓްތައް ރަށްރަށުގައި ހުންނަ ހޮސްޕިޓަލުތަކުން ހެދެން ނުހުންނާތީ އަތޮޅުތެރޭ މީހުން މާލެ އަންނަން ޖެހެއެވެ. ހޮސްޕިޓަލުގައި ޑޮކްޓަރެއް ހުރިނަމަ ކަމާއި ގުޅޭ އާލަތްތައް ނުވަތަ މެޝިނަރީޒް ގާއިމްކޮށްފައިނުވާ ގިނަ ރަށްރަށް ހިމެނެއެވެ. އެންމެން މާލެ އަންނަން ޖެހެނީ އަތޮޅުތެރޭގައި އެކަށީގެންވާ ފަރުވާ ދިނުމުގެ ނިޒާމެއް ގާއިމްކުރެވިފައި ނެތީމައެވެ.
ތައުލީމީ ދާއިރާގެ އުސްއަލިތައް:
ސެޓެލައިޓް ސްކޫލް ގާއިމް ކުރުމުގެ މަޝްރޫއުގެ ދަށުން ބ ފެހެންދޫ ސްކޫލާއި ވ ތިނަދޫ ސްކޫލް ހިމެނެއެެވެ.
ތައުލީމީ ދާއިރާއިން ދަރިވަރުން ހޯދަމުންދާ ނަތީޖާގެ ފެންވަރު ފާއިތުވެދިޔަ ދެ އަހަރު ތެރޭގައި ރަނގަޅުވެގެން ގޮސްފައިވެއެވެ. އެގޮތުން 2020 އަދި 2021 ވަނަ އަހަރު އޯލެވެލް ހެދި 5683 ދަރިވަރުންގެ ތެރެއިން 700 އަށް ވުރެ ގިނަ ދަރިވަރުންވަނީ ގަދަ 10 ގައި ހިމެނިފައެވެ. އަދި އޭގެ ތެރެއިން 11 ކުއްޖަކުވަނީ ދުނިޔޭގެ ގަދަ 10 ގައި ހިމެނިފައެވެ.
ވޭތުވެދިޔަ 4 އަހަރު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވަނީ މަތީ ސާނަވީ ފެންވަރަށް ކިޔަވައިދޭން ފެށިފައެވެ.
މަތީ ތައުލީމާއި ތަމްރީނު ދިނުމަށް މި ސަރުކާރުން ފާއިތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އެގޮތުން ރައީސްގެ ސްކޮލަރޝިޕް 18 ދަރިވަރަށް ލިބިފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ 100 ދުވަހުގެ ވައުދުގެ ތެރެއިން 2017 އަދި 2018 ވަނަ އަހަރު ހައި އެޗިވާރސް ސްކޮލަރޝިޕް ގެ ދަށުން އޯއީސީޑީ ގައުމުގައި ކިޔެވުމުގެ ފުރުސަތު ނުލިބުނު ދަރިވަރުންގެ ތެރެއިން 174 ދަރިވަރަކަށް އޯއައިސީޑީ ގައުމުގައި ކިޔެވުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ.
ކޮމަންވެލްތު ސްކޮލަރޝިޕް ސްކީމްގައި ކޮންމެ އަހަރަކު 2 ދަރިވަރުންނަށް އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އެއްގައި ކިޔެވުމުގެ ފުރުސަތު ވަނީ ފަހިކޮށްފީފައެވެ.
ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ ޔުނިވަރސިޓީ ތަކާއި ކޮލެޖްތަކުގައި ޑިގްރީ ފެންވަރަށް ހިލޭ ކިޔެވުމުގެ ފުރުސަތު އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހާ ހަމައަށް 15،547 ދަރިވަރަކަށް ހޯދައިދީފައިވެއެވެ.
ސަރުކާރުގެ ފަރާތުން ދަރިވަރުން ކިޔެވުމަށް ދޭ ސްޓޫޑެންޓް ލޯން މިހާތަނަށް 1986 ދަރިވަރަށް ދީފައިވެއެވެ.
ތައުލީމީ ދާއިރާ އިން ފާހަގަކޮށްލެވޭ ބަދަލު ތަކެއް ގެނެވިފައިވީ ނަމަވެސް އަރަބި ތައުލީމަށް ސަރުކާރުގެ އަހައްމިއްޔަތު ކުޑަކަން ދޭހަވެގެންދަނީ އަރަބިއްޔާ ސްކޫލް ކުދިންނަށް ދާއިމީ މާހައުލެއް ގާއިމްކޮށްނުދީ ވަގުތީ އިމާރާތެއްގައި އެސްކޫލް ހިންގުމެވެ. އަދި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި އަރަބިއްޔާ ސްކޫލް ތަރައްގީ ކުރާނެ މަޝްރޫއު ވެސް ހިމެނިފައި ނެތުމެވެ.
އިޖްތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވުނު މަސައްކަތްތައް:
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެލަވަންސް ބޮޑުކުރުމުގެ މަސައްކަތް އެންސްޕާ އާ ހަވާލުކުރެވިގެން ކުރިއަށް ގެންދެއެވެ.
މިންތީގެ ހަމަހަމަކަން ގާއިމް ކުރުމަށްޓަކައި ސިޔާސީ މައިދާނުގައި އަންހެނުން ބާރުވެރިކުރުމަށް ޖެންޑަރ އީކުއަލިޓީ ޕްލޭން މަޖިލީހުން ފާސްކޮށް ލޯންޗްކުރުން
ދައުލަތުގެ ބެލުމުގެ ދަށުގައި ކުދިން ބޭތިއްބުމުގެ އިންތިޒާމްތައް މުރާޖާކޮށް ހަރުދަނާ ކުރުމަށް މަސައްކަތް ކޮށްފައިވެއެވެ.
ސަރުކާރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ނުވަތަ ފަރާތްތަކަށް ދޭ އެލަވަންސް ބޮޑުކުރާނެ ކަމަށް ބުނެފައިވީ ނަމަވެސް މިހާތަނަށް އަދި އެފަރާތްތަކުގެ އެލަވަންސް ބޮޑުނުވާ ކަން ހިތާމައާއެކު ފާހަގަކޮށްލެވެއެވެ.
ފުލުހުންގެ ހިދުމަތް ކުރިއެރުވުމަށް ކުރެވުނު މަސައްކަތްތައް:
މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމް ކުރުމަށް ތައްޔާރުކުރެވިފައިވާ ޕްލޭން ތަންފީޒްކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.
100 އަށްވުރެ ގިނަ ރަށުގައި ނެއިބަރހުޑް ޕޮލިސްގެ ހިދުމަތް ވަނީ ރަސްމީކޮށް ފެށިފައެވެ.
2021 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 9 ވަނަ ދުވަހު ރައީސް ވަނީ ޕޮލިސް ބޯޑު އެކުލަވާލައްވާފައެވެ. އަދި ޕޮލިސް ބޯޑުގެ މަސައްކަތް ފެށިގެން ގޮސްފައިވެއެވެ.
2019 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން މިއަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް 1100 އަށް ވުރެ ގިނަ ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގަނެވިފައެވެ.
ފުލުހުންގެ ހިދުމަތް ހަރުދަނާ ކުރުމަށް މަސައްކަތް ތަކެއް ކުރެވުނު ނަމަވެސް މި ފަހަކަށް އައިސް ވައްކަމާއި ފޭރުމާއި މަސްތުވާތަކެތީގެ މައްސަލަތައް މުޖުތަމައުގެ ތެރޭގައި ދަނީ އިތުރުވަމުންނެވެ.
ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރުމަށް ކުރެވުނު މަސައްކަތްތައް:
ކުޑަކުދިންގެ ހައްގުތައް ކަށަވަރު ކުރުމަށް ޗިލްޑްރެންސް އޮމްބަޑްސް ޕާސަން އޮފީހެއް ވަނީ އުފައްދާފައެވެ.
ކުޑަކުދިންގެ ހައްގުތަކާއި ބެހޭ ގާނޫނެއް 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު ވަނީ އެކުލަވާލެވިފައެވެ.
ކުޑަކުދިން ދައުލަތުން ބަލަހައްޓާ ތަންތަނުގައި ތިބޭ ކުދިން ފިލައިގެން ދިއުމާއި އެތަންތަނުގެ ފުރާޅުމައްޗަށް އެރުމާއި ކުޑަކުދިން ބަލަހައްޓާ ތަންތަނުގެ ގޯތިތެރޭގައި ރޯކުރުން ފަދަ ކަންކަން ވަނީ ވޭތުވެދިޔަ މާޒީގައި ހިނގާފައެވެ. ކުޑަކުދިންގެ މައްސަލަ ހައްލުނުވެގެން ދައުލަތުން ވަނީ ޖެންޑަރ މިނިސްޓަރުވެސް ބަދަލުކޮށްފައެވެ. އެކަން އެހެންދިމާވަނީ އެދެވޭ ގޮތެއްގައި އެކަންކަން ބަލާ މޮނިޓަރ ނުކުރެވޭތީއެވެ.
މީގެ އިތުރުން އިތުބާރު ކުރެވޭ މަގާމެއްގައި ތިބޭ މީހުން، އޭގެ ތެރޭގައި ދޮން ބަފައިންނާއި ޓީޗަރުންނާއި ބޮޑުދައިތައިން ފަދަ ފަރާތްތަކުން ކުދިންނަށް ޖިންސީ ހާނިއްކަ ކުރާ އެތަކެއް މައްސަލަ އެއް ވަނީ ފެންމަތިވެ މައްސަލަ ބަލައިފައެވެ. އެ މައްސަލައިގައި ޝާމިލްވާ ފަރާތްތަކަށް އެކަށީގެންވާ އަދަބެއް ލިބިފައިނުވާކަންވެސް ފާހަގަކުރެވެއެވެ.
މަސްތުވާތައްޗާއި ދެކޮޅަށް ކުރެވުނު މަސައްކަތްތައް:
މަސްތުވާތަކެތީގެ ވަބާއިން މުޖުތަމައު ސަލާމަތް ކުރުމަށް މި ސަރުކާރުން ކުރި މަސައްކަތް ތަކުގެ ތެރޭގައި މާލެ އާއި އަތޮޅު ތެރޭގައި ރިހިބިލިޓޭޝަން ސެންޓަރުތައް ވަނީ ގާއިމްކޮށްފައެވެ. އެގޮތުން އައްޑޫ އާއި ގުޅީފަޅުގައި ރިހިބިލިޓޭޝަން ސެންޓަރު ވަނީ ގާއިމް ކުރެވިފައެވެ.
މީގެ އިތުރުން ޖަލުގައި ތިބި ގައިދީންނަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ފަރާތުން ރިހިބިލިޓޭޝަން ޕްރޮގްރާމް ތައް ހިންގާފައިވެއެވެ.
މަސްތުވާ ތަކެއްޗާއި ދެކޮޅަށް މަސައްކަތް ކުރެވުނު ނަމަވެސް މަސްތުވާތަކެތި ބޭނުން މީހުންގެ އަދަދު ދުވަހަކަށް ދަނީ މަތިވަމުންނެވެ. އަދި މަސްތުވާ ތަކެތީގައި ހައްޔަރުކުރެވޭ ފަރާތްތައް ބައެއް ފަހަރު މުޖުތަމައުގެ ތެރެއަށް ދޫވެގެން ގޮސްފައިވާއިރު އެފަދަ މީހުން ގައުމުން ފިލައިގެން ދިއުމުގެ މައްސަލަތައް ރިޕޯޓްކުރެވިފައިވެއެވެ.

