ރާއްޖޭގެ ވެރިކަން ކުރީން ކުރައްވާފައިވާ ކުރީގެ ހަތަރު ރައީސުން މިވަގުތު ރާއްޖޭގައި އެބަތިއްބެވި އެވެ. އެއީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުއާއި ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދުގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްވެ.
މި ދެންނެވި ހަތަރު ރައީސުންގެ ވެރިކަމުގައި ރާއްޖޭގެ ރައްޔިތުންގެ ހިތްތަކުގައި ރުޅިވެރިކަމާއި ނަފްރަތު އުފެދުނު އެތައް ކަމެއް ވެރިކަމުގެ ތެތޭގައި ވަނީ ކުރައްވާފައެވެ. އެގޮތުން ރައީސް މައުމޫންގެ ވެރިކަމަކީ އެމަނިކުފާނުގެ މުށުތެރޭގައި ދައުލަތުގެ ހުރިހައި ބާރެއް އޮތް ވެރިކަމެކެވެ. ގިނަ ބޭފުޅުން ވިދާޅުވާ ގޮތުގައި ރައީސް މައުމޫންގެ ވެރިކަމަކީ ހުދުމުހުތާރު އަނިޔާވެރި ބޭއިންސާފުން އެތައް ބަޔަކަށް އެތައް އަނިޔާތަކެއްދީ ހިންގި ވެރިކަމެކެވެ.
އެހެން ކަމުން 2008 ވަނަ އަހަރު ގ. ކެނެރީގޭ މުހައްމަދު ނަޝީދު ދިވެހިރާއްޖޭގެ ވެރިކަމަށް ގެނައީ ހުދުމުހުތާރު ވެރިކަމެއްގެ ތެރެއިން ދިވެހި ރައްޔިތުންނަށް ލިބުނު ހިތްދަތިކަމާއި އަނިޔާއާއި ބޭއިންސާފުން ޖަލަށް ލެވުނު އެތައް ބަޔަކަށް އިންސާފް ހޯދައި ދިނުމުގެ އުންމީދުގައެވެ. ނަމަވެސް ރައީސް ނަޝީދު އެމަނިކުފާނަށް އެ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ކަންތައްތަކެއްގެ ތެރެއިން އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމާއި ހިސާބަށް ވެސް ރައީސް މައުމޫންގެ ވެރިކަމުގެ ތެރޭގައި އަނިޔާ ލިބުނު ހަމަ އެންމެ ރައްޔިތަކަށް ވެސް އިންސާފް ހޯދައި ދެވިފައެއް ނުވެއެވެ. އަދި އިންސާފް ހޯދައި ދިނުމަށް ކުރެވުނު ހަމަ އެންމެ މަސައްކަތެއް ވެސް ނެތެވެ. ނަމެއްގައި ރިޔާސީ ކޮމިޝަނެއް އުފެއްދި ނަމަވެސް ވީކަމެއް ހަރާމެވެ.
ރައީސް ނަޝީދު އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމުން ދެން ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ޑރ މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގެ ވާހަކަ ދެއްކުމުގެ މާބޮޑު ބޭނުމެއްނެތެވެ. ސަބަބަކީ ވަހީދު ވެރިކަމަށް ވަޑައިގަތީ އެއްވެސް ވަޢުދެއްވެގެން، ނޫންނަމަ މެނިފެސްޓޯއެއް ހިފައިގެނެއް ނޫނެވެ. އަދި ރައީސް ވަހީދުގެ ވެރިކަމަކީ ގިނަ ދިވެހި ރައްޔިތުން ބަލައިގަތް ވެރިކަމެއް ނޫނެވެ. އެހެން ކަމުން ރައީސް ވަހީދުގެ ވެރިކަމުގެ ވާހަކަ ދޫކޮށްލާނަމެވެ.
ރައީސް ވަހީދުގެ ހަލަބޮލި ވެރިކަމަށް ފަހު ދެން ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވީ މއ.ކާމިނީ ހުޅަނގުގޭ އަބްދުﷲ ޔާމީންއެވެ. ރައްޔިތުންނަށް އެތައް ވަޢުދެއް ވެވަޑައިގެންނެވިއެވެ. ތަރައްގީއާއި ތަހުޒީބުގެ ދުނިޔޭގައި ރާއްޖެ ރަންޒަމާނަކަށް ގެންގޮސްދެއްވާނެ ކަމުގެ ވަޢުދެވެ، ރާއްޖޭގެ ހުރިހައި ރައްޔިތުންގެ މެދުގައި އަދުލު އިންސާފް ގާއިމްކޮށް މާޒީގެ ތެރެއިން ރައްޔިތުންނަށް ލިބިފައިވާ އަނިޔާތަކަށް އިންސާފް ހޯއްދަވައި ދެއްވައި ދައުލަތުގެ މުދަލާއި ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކުރާނެ ކަމުގެ ވާހަކަ ދެއްކެވިއެވެ.
ނަމަވެސް ރައީސް ޔާމީންގެ ވެރިކަން ފެށިގެން މާގިނަ ދުވަހެއް ނުވެ އެމަނިކުފާންގެ ވެރިކަމުގެ ތެރޭގައި ވައްކަމާއި ކޮރޮޕްޝަނާއި ފަސާދަ އާންމުވެ އަދުލު އިންސާފަކީ ވަކިބަޔަކަށް ހަމައެކަނި އޮންނަ އެއްޗަކަށް ވެގެން ދިޔައެވެ. އެމަނިކުފާނުގެ ވެރިކަމާއި ދެކޮޅަށް ނިކުތް ކޮންމެ މީހަކަށް ވެސް ދެއްކެވީ ޖަލުގެ ކުޑަ ގޮޅިއެވެ. ވަކި މީހަކަށް ނުބައްލަވައެވެ. ބޭބެ އާއި ބޭބެގެ ދަރިންކޮޅަށް ވެސް ދެއްކެވީ ޖަލުގެ ކުޑަ ގޮޅިއެވެ. ލޭގެ ގުޅުމަށް ވެސް ބައްލަވައެއް ނުލައްވައެވެ. ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ރައީސް ޔާމީންގެ ދެމަފިރި ކަނބަލުން މަސައްކަތް ކުރެއްވީ މުޅި ދިވެހި ދައުލަތް އެ ދެމެފިރިކަނބަލުންގެ އަންބޮނޑިއަށް ލައްވާށެވެ. މިއަދު އެކަމަށް ބާރުދޭ ވާހަކަތައް ދައްކަވަނީ އޭރުވެސް އަދި މިހާރުވެސް އެމަނިކުﷲާނުގެ އަރިހޔގައި މަސައްކަތްކރައްވާ ބޭފުޅުންނެވެ. ގޭގެ ބޮޑުފެންޑާގައި މިލިއަނުން ފައިސާ ގުނަން ތިއްބެވި ވާހަކައެވެ. އެވެސް މެޝިނެއްގެ އެހީއެއްނެތި އަތުންނެވެ. ކަޅުދަބަހަށް ލައިގެން އެއްތަނުން އަނެއްތަނަށް އުފުލި ވާހަކައެވެ.
ކޮންމެއަކަސް ރައީސް ޔާމީންގެ ވެރިކަމުގައި ރައީސް ނަޝީދުއާއި ރައީސް މައުމޫންއަށް ޖަލުގެ ކުޑަގޮޅި ދެއްކެވިއެވެ. ރައީސް ނަޝީދު ދިވެހިރާއްޖޭގެ ފަނޑިޔާރަކު ވަގަށް ނެންގެވި ފަދައިން އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ތަޅުއެޅުވި ފަދައިން ރައީސް ޔާމީން ވެސް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަންގަވައިގެން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ދިވެހި އަސްކަރީއްޔާގެ ބެލުމުގެ ދަށަށް ގެންގޮސް އެންމެ ފަހުން އެ ދެ ފަނޑިޔާރުންނަށް ވެސް ޖަލުގެ ކުޑަ ގޮޅި ދެއްކެވިއެވެ.
ހަގީގަތަކީ ކޮންމެ ބަޔަކުވެސް އިދިކޮޅުގައި ތިބޭ އިރު، ރައީސްއަށާއި ސަރުކާރުގެ ވެރީންނަށް ފާޑު ކިޔައި، “ޖަރީމާ” ތަކަށް އިންސާފު ހޯދައިދޭނެ ކަމަށް ބުނެއެވެ. ގެއްލިފައިވާ ރައްޔިތުންގެ ހައްގުތަކަށް އިންސާފު ހޯދައިދޭނެ ކަމަށް ބުނެއެވެ. ނަމަވެސް ވެރިކަން ލިބުމުން މިހުރިހާ ކަމެއް ބަދަލުވެގެން ދެއެވެ.
މިއަދު ދިވެހިރާއްޖޭގެ ފަސް ވަނަ ރައީސްގެ ގޮތުގައި އިންތިހާބް ވެވަޑައިގެން ވެރިކަމުގެ ތަޙްތުގައި އިންނެވި ހިންނަވަރު ނޫރާނީއާގޭ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގައިތުމަށް ވެވަޑައިގެންނެވި ވައުދުތަކުގެތެރޭގައި ދައުލަތުން ވައްކަން ކޮށްފައިވާ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ހޯދައި ދެއްވުމަށާއި، ގެއްލިފައިވާ ނޫސްވެރިޔާ ރިލްވާންއަށް ވީގޮތެއް ހޯއްދަވާނެ ކަމަށާއި، ޑރ.އަފްރާޝިމްގެ މަރުފަދަ ގޮތްނޭނގޭ މަރުތަކުގެ ހަޤީގަތް ހޯއްދަވައި ދެއްވާނެ ކަމަށް ވައުދުވެވަޑައިގަތެވެ.
ސުވާލަކީ މިވައުދުތައްވެސް ދާނީ އެހެން ސަރުކާރުތަކުންވެސް އިންސާފު ހޯއްދަވައި ދެއްވާނެކަމަށް ވެވަޑައިގެންނެވި ވައުދުތަކަށް ވީގޮތަށް ފަނުފުލުންތޯއެވެ؟ ޤައުމެއްގެ ހަޔާތުގައި ހިންގާ ބޮޑެތި ޖަރީމާތަކަށް އިންސާފު ނުހޯދޭހާ ހިނދަކު އެގައުމަކަށް ހަޤީގީ ޑިމޮކްރެސީއެއް ނާންނާނެއެވެ. ބޮޑެތި ޖަރީމާތަކަށް އިންސާފު ހޯދައިނުދީ ފާއިތުވާ ކޮންމެ ދުވަހަކީ ޖަރީމާ ހިންގުމަށް ދެވޭ ހިތްވަރެކެވެ. ކޮންމެ ވެރިއަކުވެސް އައިސް ހިތުހުރި ގޮތަކަށް ވެރިކަން ކޮށްފަ ދާންވީއެވެ. ކިތަންމެ ބަޔަކަށް އަނިޔާ ދިނަސް، ކިތަންމެ ބަޔަކު ނުހައްގުން ޖަލަށް ލިޔަސް، ކިތަންމެ ފައިސާއެއް ވަގަށް ނެގިއަސް، ސުޕްރީމް ކޯޓާއި މަޖިލިސް ފަދަ ހުރުމަތްތެރިވެގެންވާ މުއައްސަސާތައް ތަޅުއަޅުވައި ހިސޯރު ކުރިއަސް ކުރެވޭ ކަމެއް ނޯވެއެވެ. ހޯދައިދެވޭ އިންސާފެއް ނޯވެއެވެ.
ވަގުންނާއި، ކުށްވެރީންނާއި، އަނިޔާވެރީންނާއި، މާފިއާ މީހުން އައިސް ސިޔާސީ ޕާރޓީ ހަދައި ޤައުމުގެ މުސްތަގްބަލް ގަނެލަން ނިކުތީމާ ރައްޔިތުންނަކަށް ކުރެވޭނެ މާބޮޑު ކަމެއް ނޯވެއެވެ. ފައިސާ ހުރީ މިދެންނެވި އަނިޔާވެރީންނާއި މާފިޔާ މީހުން އަތުގައެވެ. ރައްޔިތުން ވަރަށް ނިކަމެއްޗެވެ. މިފަދަ ބޭއިންސާފު ހުއްޓުވޭނީ ސަރުކާރަށެވެ. ސަރުކާރުން ފާރަވެރިވެ، ދުރާލައި މިފަދަ ކަންކަން ނުހުއްޓުވައި ތިބުމަކީ ފަހުން އެފަދަ ކަންކަން ހުއްޓުވަން އުނދަގޫވާނެ ކަމެކެވެ.
މިނިކާ ވަގު ކާނެވަރަކަށް ކައިގެން، ގައިގަ ވަރު ޖައްސާނެ ވަރަކަށް ވަރު ޖައްސަންދެން ބަލަން ތިބުމަކީ ސަރުކާރުން ކޮށްގެންވާނެ ކަމެއްނޫނެވެ. އިންސާފަކީ ރައްޔިތުންގެ ހައްގެކެވެ. ވަކި ބައެއްގެ ސިޔާސީ މަސްލަހަތަށްވުރެ ރައްޔިތުންގެ ހައްގު އިސްވާނެއެވެ. ވީމާ ދިވެހި ރައްޔިތުންގެ ގެއްލިފައިވާ ބޮޑެތި ހުރިހާ ހައްގުތައް ހޯދައިދީ، ހިންގާފައިވާ ބޮޑެތި ބޭއިންސާފަށް އިންސާފު ހޯދައި ދިނުމަކީ ރައީސް ސޯލިހްގެ މިވަގުތުގެ އެންމެ ބޮޑު އެއް ވާޖިބެވެ. މޫނަކަށް ކަނދުރާއަކަށް ބެލުމެއް ނެތި އިންސާފު ހޯދައިދޭން ޖެހެއެވެ. ވަގުތު ފާއިތު ވަނީއެވެ. މަނިކުފާނު 2023 ބޭނުންނަމަ މެކުހަށް ޖައްސަވާށެވެ. މިވަގުތު އެ ނޫން އެހެން ގޮތެއް ނެތެވެ.


One Response
ތިޔަވެރިންގެ ޓެސްޓް ޕޭޕަރ