ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގެ ފަހު ދުވަސްތައް ގުނަމުންދާއިރު ކުރިއަށްއޮތީ ބަނަ ދުވަސްތަކެއްތޯ ނުވަތަ އުޖާލާ ދުވަސްތަކެއްތޯ ކަނޑައަޅާނީ ރައްޔިތުންނެވެ. އަންނަ އަހަރުގެ ރިޔާސީ އިންތިހާބުން އެކަން ސާފުވެގެން ދާނެ ކަން ރައީސް ސާލިހަށް ވެސް އެނގިވަޑައިގަންނަވާނެއެވެ.
ވޭތުވެދިޔަ ހަތަރު އަހަރުގެ ކާމިޔާބީ ފާހަގަކޮށް ހަމަހަމަ ކަމާއެކު ވެރިކަމެއް ކުރެވުނު ކަމަށް ސަރުކާރުގެ އިސްވެރިން ބުނަމުން ގެންދެއެވެ. ރައީސް ސާލިހަށް ގޯސްތަކެއް ހެދުނު ކަމަށް އަމިއްލަފުޅަށް އިއުތިރާފް ނުވިއެއް ކަމަކު މަންޒަރު ބަލަން ތިބި މީހުން ގަބޫލުކުރާ ގޮތުގައި ވެރިކަމުގައި ބޮޑެތި ގޯސްތަކެއް ހެދިއްޖެއެވެ.
އެގޮތުން އެންމެ ފުރަތަމަ ހެއްދެވުނު ގޯހަކީ އެމަނިކުފާނުގެ ދުވަސްވީ އެކުވެރިޔާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ބާކީ ކުރުމަށް ބަހާއި އަމަލުން މަސައްކަތް ކޮށް އެކަމުގައި އަރިސް މެމްބަރުން ޝާމިލް ކުރުމެވެ. އެ މަސައްކަތުގައި އެމަނިކުފާނަށް އެހީތެރިކަން ފޯރުވައިދެނީ އެމަނިކުފާނު އިތުބާރުކުރައްވާ ވަޒީރުންނެވެ. ވަޒީރުންނާއި އެކު މަޝްރޫއުތަކަށް ދަހިވެތިވެ ފެންބޮވައިގަނެފައިވާ މަޖިލިސް މެމްބަރުންނާއި ކުންފުނި ތަކުގެ އިސް ވެރިންނެވެ.
ރައީސް ނަޝީދަކީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް ކަމާއި އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ސިޔާސަތުތައް އެކުލަވާލައި ރައްޔިތުންނަށް އޭރުގައި ދަތިވި ގިނަ ކަންކަން ހާސިލްކޮށްދިނުމަށް މަސައްކަތް ކުރެއްވި ރައީސްއެއް ކަމަށް ޕާޓީގެ އާއްމު މެމްބަރުން ގަބޫލުކުރެއެވެ.
ރައީސް ސާލިހަށް ހެދުނު ދެވަނަ ގޯހަކީ އެމަނިކުފާނުގެ ވެރިކަމުގައި އެންމެ އެކުވެރި ރައީސް ނަޝީދުގެ ފުރާނަ ދިފާއުކުރުމުގައި އިހުމާލުވެ އެމަނިކުފާނަށް ދެވުނު ބޮމުގެ ހަމަލާ އަށް އިންސާފު ގާއިމްކޮށްދިނުމުގައި ފެއިލް ވުމެވެ. ވެރިކަމަށް ހަތަރު އަހަރު ވެގެންދިޔައިރު އަދި މިހާތަނަށް ރައީސް ނަޝީދަށް އިންސާފު ހޯދައިދެވިފައިނުވާ ކަމަކީ ރައީސް ނަޝީދާއި އެމްޑީޕީގެ އާއްމު މެމްބަރުންނާއި އިދިކޮޅާއި ރާއްޖޭގެ ގިނަ ރައްޔިތުން ކަންބޮޑުވާ ކަމެކެވެ.
ތިންވަނައަށް ރައީސް ސާލިހު ހެއްދެވި ގޯހަކީ ވަކި ގައުމެއްގެ ހާރިޖިއްޔާ އަށް ބަރޯސާވެ އެ ގައުމުގެ ބަސް އެހުމެވެ. އިންޑިއާ ރުއްސުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށް އިންޑިއާ ބޭނުން ބަދަލުތައް ވެރިކަމުގެ ނިޒާމަށް ގެނެސް އިންޑިއާގެ އަޅުވެތިކަމަށް ގައުމު ދީލާލި ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އެގޮތުން އިންޑިއާ އިން ބުނާ ގޮތަށް ހުރިހާ ކަމެއް ކުރަމުން ގެންދިއުމެވެ.
ހަތަރުވަނަ ގޯހަކަށް ޗާގޮސްގެ މައްސަލައިގައި ރާއްޖޭގެ ސްޓޭންޑް ބަދަލު ކުރުން ހިމެނެއެވެ. ޗާގޮސްގެ މައްސަލައިގައި ރާއްޖެއިން ގެންގުޅުނު ސްޓޭންޑް ބަދަލު ކުރުމާއި ގުޅިގެން ގިނަ ބަޔެއްގެ ފާޑުކިޔުންތައް ސަރުކާރަށް ދަނީ އަމާޒު ވަމުންނެވެ.
ފަސްވަނަ ގޯހަކީ ކޮވިޑްގެ ދުވަސްވަރުގައި ހިންގި ވެންޓިލޭޓަރުގެ ހިޔާނާތް ނުބެލުމާއި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތުހުމަތު ކުރެވޭ ވަޒީރަކު އެމަނިކުފާނުގެ ކެބިނެޓްގައި ހިމެނުމެވެ.
ހަވަނަ ގޯހަކީ ގައުމުގެ އިގްތިސާދު ހީނަރުވެފައިވަނިކޮށް ޓެކްސް ބޮޑުކުރުމެވެ. ޓެކްސް ބޮޑުކުރުން ވެސް މަތިކުރީ ރައްޔިތުންނަށް އެހީވުމަށެވެ. ޓެކްސް ބޮޑުކުރަނީ ރައްޔިތުންނަށް ޓަކައި މަޝްރޫއުތައް ހިންގުމަށްކަމަށް އެމަނިކުފާނުގެ އަރިސް ވަޒީރުން ދަނީ ބުނަމުންނެވެ.
ޓެކްސް ބޮޑުކުރުމަށް އެންމެ އެކަށީގެންވަނީ 2024 ވަނަ އަހަރު ކަމަށް ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ބުނެފައިވަނިކޮށް ރައީސް ސާލިހު މެމްބަރުންނަށް މަޖުބޫރު ކޮށްގެން މެމްބަރުން ލައްވައި ގަދަ ބާރުން ޓެކްސް ބިލު ފާސްކުރީއެވެ. ބިލު ފާސްކުރުމަށް ފަހު ބިލާއި ދެކޮޅަށް ވޯޓްދިން މެމްބަރުންނަށް ފިޔަވަޅު އެޅުމަށްވެސް ނިންމެވީއެވެ.
ސަރުކާރުން ވެރިކަމަށް އައުމަށް ދެއްކި ވާހަކަތައް މިއަދު ހަނދާން ނެތް ފަދައެވެ. ވައްކަމާއި ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް ކަމަށް ބުނި ވާހަކައެވެ. ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދޭނެ ވާހަކައެވެ. ނަޒާހަތްތެރި މަޖިލީހެއް އެކުލަވާލާ ތަރައްގީކޮށްދޭނެ ކަމުގެ ވާހަކައެވެ.
ހަތްވަނަ ގޯހަކީ އަންނައަހަރަށް ލަފާކުރާ ދައުލަތަށް ނުކަތާވަރުގެ ބޮޑު ބަޖެޓެއް ހުށައަޅައި ރައްޔިތުންނާއި ދިވެހި ދައުލަތް ދަރާ ވިކި ހުސްކޮށްލުމެވެ. 42 ބިލިއަން ރުފިޔާވެސް މަދުވެގެން އިތުރު 601 މިލިއަން ރުފިޔާ އިތުރުކޮށް ހިންގާނެ މަޝްރޫއުއެއް ނެތި ބޮޑު ބަޖެޓެއް ފާސްކުރީ ރައްޔިތުންނަށް ހިޔާނާތް ތެރިވުމުގެ މަތިވެރި މަގްސަދުގައި ކަމަށް ވެދާނެއެވެ.
އަށްވަނަ ގޯހަކީ ޖުޑީޝަރީ އިސްލާޙުކުރުމަށް ވީ ވައުދުގެ މަތިން ހަނދާން ނައްތާލުމެވެ. ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލު ކުރުމާއި ޖޭއެސްސީ އިސްލާހު ކުރުމުގެ ވާހަކައަކީ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އެންމެ ބާރަށް ދެއްކެވި ވާހަކައެވެ.
މި ދެންނެވި ގޯސްތަކުގެ އިތުރުން ވެސް ރައީސް ސާލިހުގެ ސަރުކާރުގައި ގާތް ތިމާގެ މީހުން މަގާމުތަކަށް ލުމަކީ ވެސް އެމަނިކުފާނުގެ ހުދުމުހުތާރުކަން އިތުރަށް ދޭހަވެދާ ކަމެއްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ސަރުކާރުގެ މިއަދުގެ ހާލަތަށް ޒިންމާ ނަގަންޖެހޭ ކަމަށް ރައްޔިތުންގެ ގިނަބަޔަކު ބުނަމުންގެންދަނީ މާލީ ވަޒީރާއި އިގްތިސާދީ ވަޒީރެވެ. ސަބަބަކީ މާލީ ހާލަތު ގޯސްވެގެން ދިޔައިރުވެސް މާލީ ވަޒީރު ހާލަތު ރަނގަޅުކަމަށް ބުނެފައިވާތީ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
އިގްތިސާދު ހަލާކުވަމުންދާ ކަމަށް އިދިކޮޅާއި އެތެރޭންނާއި ބޭރުން ގޮވަމުންދާއިރު އިގްތިސާދު ކުރިއަރަމުންދާ ކަމަށް އިގްތިސާދީ ވަޒީރު ހަރު އަޑުން ވިދާޅުވެފައިވާ ކަމަށް ރައްޔިތުންގެ ތެރެއިން ބަޔަކު ދަނީ ބުނަމުންނެވެ.
ނުވަވަނަ ގޯހަކީ އަމިއްލަ ޕާޓީ ތެރޭގައި ހަމަނުޖެހުން ހިންގުމަށް ޖާގަ ދިނުމެވެ. އެމްޑީޕީ ތެރޭގައި ފިތުނަ އާއި ފަސާދަ އާއްމުވެ މެމްބަރުން އެކަކު އަނެކަކަށް ކުށްކުށުގެ ތުހުމަތުގެ އިނގިލި ދިއްކޮށް ޒާތީ ވާހަކަތައް ދެކެވެމުންދާއިރު އެކަން ބަދަލު ކޮށް އެކަން ދިފާއު ކުރުަމަށް އިސް ލީޑަރުގެ ހައިސިއްޔަތުން ރައީސް ސާލިހު އެއްވެސް މަސައްކަތެއް މިހާތަނަށް ކޮށްފައިނުވާ ކަމަށް އާއްމު މެމްބަރުން ދަނީ ބުނަމުންމެވެ.
މީގެ އިތުރުން އެމަނިކުފާނުގެ ތާއީދާއެކު ޕާޓީގެ އިސް މަގާމުތަކަށް އިންތިހާބުވެގެން އައި މެމްބަރުންނަށް ޕާޓީ ހިންގާނުލެވި މިއަދާ ހަމައަށް މަޑުޖެހިފައިވާ ވާހަކައަކީ ޕާޓީގެ އާއްމު މެމްބަރުން ހިތްދަތިކަމާއެކު ދައްކަމުންދާ ވާހަކަ އެވެ. އެމްޑީޕީގެ އެތެރޭގެ މައްސަލަތައް ހައްލުނުކޮށް ޕާޓީގެ ޕްރައިމަރީއަކަށް ދާނަމަ ޕާޓީ ތެރޭގައި ހަމަނުޖެހުން ބޮޑުވާނެ ކަމަށް ސިޔާސީ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
2023 ވަނަ އަހަރުގެ އިންތިހާބު ބޯމަތިވަމުންދާއިރު އަދި މިހާތަނަށް ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކު އިއުލާން ކުރެވިފައިނުވުމަކީ ވެސް ޕާޓީގެ ހަމަނުޖެހުން ބޮޑުވުމަށް ދިމާވެފައިވާ މައްސަލައެވެ. އިދިކޮޅުގެ ފަރާތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަށް ރިޔާސީ ޓިކެޓް ހަވާލުކޮށްފައިވާއިރު އެމަނިކުފާނު ގެންދަވަނީ އިންތިހާބުގެ ތައްޔާރީތައް ވަމުންނެވެ. ނަމަވެސް ވެރިކަން ކުރާ އެމްޑީޕީ ފެންނަނީ އިންތިހާބަށް އަދި މިހާތަނަށް މާ ބޮޑު މަސައްކަތްތަކެއް ކުރަމުންނުދާ ކަމެވެ.
މިއަދު ރާއްޖޭގެ ރައްޔިތުން ގަބޫލުކުރާ ގޮތުގައި އެމްޑީޕީގެ ވެރިކަން މިވަނީ ފެއިލްވެފައެވެ. ރާއްޖޭގެ ރައްޔިތުން 2018 ވަނަ އަހަރު އުއްމީދު ކުރީ ހެޔޮ ވެރިކަމެއް ކުރުމަށް ކަމަށް ގިނަބަޔަކު ގަބޫލުކުރި ނަމަވެސް ފާއިތުވީ ހަތަރު އަހަރުގެ ތެރޭގައި ހެޔޮވެރިކަމެއް ކުރަން ނޭނގުނު ތަނުގައި ރައްޔިތުން ނިކަމެތި ކޮށްލާ ރައްޔިތުންނަށް ގޮސްހުސްކޮށްލި ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ހަމަހަމަ ހަތަރު އަހަރުގެ ވާހަކަ ދެކެވޭއިރު ހަމަހަމަކަމާއެކު ރައްޔިތުންނަށް ހިދުމަތް ކޮށްދޭން ނޭނގުނު ވާހަކަ ދައްކަނީ ހުދު އެމްޑީޕީގެ އާއްމު މެމްބަރުންނެވެ. އިދިކޮޅުގެ މެމްބަރުންވެސް ފާހަގަ ކުރަނީ މިވެރިކަމުގައި ތަފާތު ކުރުންތައް ގެންގުޅޭ ވާހަކައެވެ. އަމިއްލަ ޕާޓީ މީހާ އަށް ވެސް ޕާޓީ ތެރެއިން ގޮތެއް ހޯދައިނުދޭ ތަނުގައި ސަރުކާރުން ކޮށްދޭން ޖެހޭ ކަންތައްތައް ކޮށްނުދޭ ވާހަކަތަކަކީ ސޯޝަލް މީޑިއާގެ ފަލަ ސުރުހީގައި މި ސަރުކާރު އައިފަހުން ދެކެވެމުންދާ ވާހަކައެވެ.
ދެވަނަ ދައުރެއް ސޯލިހަށް ދޭން އެމްޑީޕީ މެމްބަރުން ނުރުހޭ އަޑުތައް ޕާޓީ ތެރޭގައި ފެތުރިފައިވާއިރު ރައީސް ނަޝީދަށް ތާއީދު ކުރާ އެމްޑީޕީ މެމްބަރުން ބުނަމުންގެންދަނީ ރައީސް ނަޝީދު ދެވަނަ ދައުރަކަށް ނިކުތުމަށް އެ މެމްބަރުން އެދޭ ކަމަށެވެ. ހަމަ އެއާއެކު ރައީސް ސާލިހަށް ތާއީދު ކުރާ އެމްޑީޕީގެ މެމްބަރުން ރައީސް ނަޝީދަށް ނަފުރަތުކުރާ ކަމަށާއި އެ މެމްބަރުން ރައީސް ނަޝީދު ވާދަކުރަން ނޭދޭ ކަމަށް ރައީސް ނަޝީދަށް ތާއީދު ކުރާ މެމްބަރުން ދަނީ ބުނަމުންނެވެ.


One Response
ރަން އަކުރުން ލިޔެވިފައިވާ އާޓިކަލް އެއް