ސަރުކާރާ ދެކޮޅަށް ވާހަކަ ދައްކާ އެމްޑީޕީ މެމްބަރުން ފަރުދާގެ ފުރަގަހުގައި ތިބެގެން ކުރާ ކަންތައް އެނގޭނަމަ އެ މެމްބަރުންނަށް ވާހަކަ ދައްކުމުގެ ފުރުސަތު ވެސް ރައްޔިތުން ނުދޭނެ ކަމަށް ދާންދޫ ދާއިރާގެ މެމްބަރު ޔަގޫބް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ބަޖެޓު ކޮމެޓީގެ ރިޕޯޓަށް ވާހަކަފުޅު ދައްކަވަމުން ޔައުގޫބް ވިދާޅުވީ އެމްޑީޕީގެ މެމްބަރުންގެ ތެރެއިން ސަރުކާރުގެ ހަރަދު ބޮޑުވެގެން ވާހަކާ މެމްބަރުން އެ ވާހަކަ ދައްކަން ލަދު ގަންނަ ްޖެހޭނެ ކަމަށެވެ.
ޔަގޫބް ވިދާޅުވި ގޮތުގައި ސަރުކާރުގެ ހަރަދު ބޮޑުވެގެން ވާހަކަ ދައްކާ އެމްޑީޕީގެ މެމްބަރުންނަކީ ސަރުކާރުން ކުރާ ހަރަދުގެ އެންމެ ބޮޑު މަންފާއެއް ލިބޭ މެމްބަރުން ކަމަށެވެ. އަދި އެ މެމްބަރުން ސަރުކާރަށް ފާޑުވިދާޅުވެ ހަރަދު ކުޑަކުރުމުގެ ވާހަކަ ދައްކާއިރު ފަރުދާގެ ފުރަގަހުގައި ތިބެގެން އެ މެމްބަރުން ކުރާ ކަންކަން އެނގޭނަމަ އެ މެމްބަރުން ވާހަކަ ދެއްކުމުގެ ފުރުސަތު ވެސް ރައްޔިތުން ނުދޭނެ ކަމަށް ޔައުގޫބް ވިދާޅުވިއެވެ.
ޔަގޫބްގެ ވާހަފުޅުގައި ވަނީ އެމްޑީޕީގެ މެމްބަރުންގެ ތެރެއިން ސަރުކާރަށް އެންމެ ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާ މެމްބަރެއް ކަމަށްވާ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބަށް ވަަރށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން އެމްޑީޕީގެ މެމްބަރުންގެ ތެރެއިން އެންމެ ގިނަ ސިޔާސީ މަގާމް އެކިއެކި މީހުންނަށް ހޯއްދަވައި ދެއްވައިގެން އުޅުއްވަނީ އިލްޔާސް ލަބީބް ކަމަށް ޔައުގޫބް ވިދާޅުވިއެވެ. އެހެންކަމުން ސަރުކާރުގެ ހަރަދު ބޮޑުވާވާހަކަ ދައްކަން އިލްޔާސް ލަދު ގަންނަން ޖެހޭނެ ކަމަށް ޔައުގޫބް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީޙުގެ ބުދަ ދުވަހުގެ ޖަލްސާގައި ބަޖެޓު ކޮމެޓީގެ ރިޕޯޓަށް ވާހަކަ ދައްކަމުން އިލްޔާސް ލަބީބް ވިދާޅުވެފައި ވަނީ އަންނަ އަހަރު ބަޖެޓު ޑެފިސިޓު ނުވަތަ ޚަރަދާއި އާމްދަނީގެ ފަރަޤު ބޮޑުވުމުން ދަރަންޏަށް ހޯދަންޖެހޭ ފައިސާގެ އަދަދު 20 ބިލިއަން ރުފިޔާއަށް އަރާނެކަމަށެވެ. 2023 ވަނަ އަހަރު ބަޖެޓުގައި އޮތީ އަންނަ އަހަރު ގާތްގަނޑަކަށް 12 ބިލިއަން ރުފިޔާ ދަރަންޏަށް ހޯދަންޖެހޭނެކަމަށް ކަމުގައިވީ ނަމަވެސް އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އެ އަދަދު 20 ބިލިއަން ރުފިޔާއަށް އިތުރުވާނެކަމަށް ބެލެވޭ ކަމުގައި އިލްޔާސް ވިދާޅުވިއެވެ.

