ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތުން ގެއްލުމުގެ ބަދަލު ނަގައިދިނުމާއި ބެހޭ އުސޫލެއް!

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގެއްލުމުގެ ބަދަލު ހަމަޖައްސައިދީ ނުވަތަ ގެއްލުމުގެ ބަދަލު ދީ، މައްސަލަތައް ހައްލުކުރުމުގައި އަމަލު ކުރާނެ ހަމަތަކާއި އިޖުރާއަތުތައް ބަޔާންކުރުމަށް ޓަކައި އުސޫލެއް އެކުލަވާލައި އަމަލު ކުރަން ފަށައިފިއެވެ.

ގެއްލުމުގެ ބަދަލު ދިނުމުގެ އުސޫލެއް އެކުލަވާލިއިރު، ކޮންމެ ވެރިކަމެއް ނިމުމާއި އެކު ކުރީ ސަރުކާރުތަކުން ބާތިލުކޮށްފައި ހުންނަ އެއްބަސްވުންތަކަށް ގެއްލުމުގެ ބަދަލު ހޯދަން ހުށަހަޅާކަން ފާހަގަކުރެވެ އެވެ. އެގްރިމެންޓާއި އެއްގޮތަށް މަސައްކަތް ކުރިޔަށް ނުގެންދާތީ، ނުވަތަ އުސޫލުން ބޭރުން މަސައްކަތް ކުރުމުގެ ސަބަބުން ބާތިލު ކުރި މިފަދަ އެއްބަސްވުންތަކަށް ބަދަލު ހޯދުމަށް ހުށަހެޅުމުން މި ވެރިކަމުގައި ގިނަ ބަޔަކަށް ބަދަލު ނަގައިދީފައި ވެއެވެ.

ގެއްލުމުގެ ބަދަލު ހަމަޖެއްސުން ނުވަތަ ގެއްލުމުގެ ބަދަލު ދީ މައްސަލަ ހައްލު ކުރުމުގައި އަމަލު ކުރާނެ އުސޫލުތަކާއި، އިޖުރާއަތުތައް ބަޔާން ކުރާ އުސޫލެ އެކުލަވާލައި ވަނީ އަމަލު ކުރަން ފަށާފަ އެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެކުލަވާލި މި އުސޫލުގެ ބޭނުމަކީ ސަރުކާރާއި އަމިއްލަ ފަރާތަކާއި ދެމެދު ވެފައިވާ އެކިއެކި އެއްބަސްވުންތަކާއި މެދު ގާނޫނާއި ގަވައިދާއި ސަރުކާރުން އާންމުކޮށް އަމަލު ކުރަމުން ދާ އުސޫލުތަކާއި ހިލާފަށް އަދި އެއްވެސް ހަމަހަމަކަމެއް އިންސާފުވެރިކަމެއް ނެތި ވަކި މީހަކަށް ނުވަތަ ބަޔަކަށް އަމާޒުކޮށްގެން ސަރުކާރުން އަމަލު ކުރުމުގެ ސަބަބުން ގެއްލިފައިވާ ވިޔަފާރީގެ ފުރުސަތުތަކަށް ބަދަލު ހަމަޖައްސައި މާލީ ގެއްލުން ލިބިފައިވާނަމަ އެފަދަ ގެއްލުންތަކަށް އަދުލުވެރިކަމާއި ހަމަހަމަކަމާއި އެކު އުފުލަންޖެހިދާނެކަމަށް އަންދާޒާކުރެވޭ މާލީ ބުރަ ވީވަރަކުން ކުޑަކުރުމެވެ.

މި އުސޫލު އެކުލަވައިލި ސަބަބަކީ، ދައުލަތުގެ މަޝްރޫއުތަކުގައި ގެއްލުމުގެ ބަދަލު ދިނުމުގެ ނިޒާމުގެ ނަޒާހަތްތެރިކަން ހަރުދަނާކުރުމަށް ހާއްސަ ކުރެވިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުން އެކުލަވައިލައި ނެރުނު ”ހުދު ކަރުދާސް“، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާ ކުރުމަށްފަހު، އެ ދިރާސާ ނިންމި ގޮތުގެ ރިޕޯޓު ރައްޔިތުންގެ މަޖިލީހުން
ފާސްކޮށްފައިވާތީ، ދައުލަތުގެ މަޝްރޫއުތަކުގައި ގެއްލުމުގެ ބަދަލުދިނުމަށް ކޯޓުން ބޭރު މަރުހަލާތަކުގައި މައްސަލަ ޙައްލުކުރުމަށް ފުރުސަތު ދޭވަނެކަމަށް ބަޔާންކޮށް، ދައުލަތުން
ބަދަލުދިނުމުގެ ކަންކަން ކަނޑައެޅިފައިވާ ވަކި އުސޫލެއްގެ ދަށުން ކުރިޔަށް ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ލަފާދީފައިވުމެވެ.

އުސޫލުގެ މަގްސަދުތަކުގެ ތެރޭގައި ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ކޮށްފައިވާ ވިޔަފާރީގެ އެކިއެކި މުޢާމަލާތްތަކާމެދު ސަރުކާރުން އަމަލުކުރި ގޮތުގައި، ފާޅުކަން ބޮޑު ބޭއިންސާފެއް އޮންނަ ހާލަތުގައި، ގެއްލުމުގެ ބަދަލުގެ ގޮތުގައި ޝަރީއަތުން ބޮޑެތި އަދަދުތައް ނަގައިދިނުމުގެ ފުރުސަތު އޮންނާތީ، އެފަދަ މައްސަލަތަކުން ދައުލަތަށް ލިބިދާނެކަމަށް އަންދާޒާކުރެވޭ ބޮޑު ގެއްލުމަކުން ބަރީއަވުން ހިމެނެ އެވެ.

މި އުސޫލުގެ ދަށުން ހައްލު ކުރާނެ މައްސަލަތައް:
(ހ) މި އުސޫލުގެ ދަށުން ޙައްލުކުރާނީ ، ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު ކޮށްފައިވާ ވިޔަފާރި މުޢާމަލާތްތަކަށް ހަދައިފައިވާ އެއްބަސްވުންތަކުގެ ތެރެއިން، 7 އޮގަސްޓު
2008 އިން ފެށިގެން މި އުސޫލަށް އަމަލުކުރަން ފަށާ ތާރީހާއި ދެމެދު،އެ އެއްބަސްވުމަކާއި މެދު އަންނަނިވި ގޮތްތަކުންކުރެ ގޮތަކަށް ސަރުކާރުން އަމަލުކުރުމުގެ ސަބަބުން އުފެދިފައިވާ މައްސަލަތަކެވެ.

(1) އެއްބަސްވުން ބާޠިލުކުރުން؛
(2) އެއްބަސްވުމާ އެއްގޮތަށް ޢަމަލުނުކުރުން؛
(3) އެއްބަސްވުމާ ޚިލާފުވުން؛
(4) ރަސްމީ ހުއްދައެއް ދޫނުކުރުން ނުވަތަ ހުއްދައެއް ބާތިލު ކުރުން

މި އުސޫލުގެ ދަށުން ހައްލު ކުރާނީ، ކޯޓަކަށް ނުވަތަ ދައުލަތުގެ މުއައްސަސާއަކަށް ނުވަތަ މައްސަލަ ހައްލު ކުރުމަށް ކަނޑައަޅައިފައިވާ ރަސްމީ އިދާރާއަކަށް ހުށަހަޅައިގެން ނުވަތަ ސަރުކާރުގެ މުއައްސަސާއެއްގެ ސަމާލުކަމަށް ލިޔުމުން ގެނައުމަށްފަހު ހައްލެއް ނުލިބި 3 އަހަރު ފާއިތުވެފައިވާ މައްސަލަތަކެވެ. އަދި އުސޫލަށް އަމަލު ކުރަން ފަށާއިރު، އެއްބަސްވުން ބާތިލުކޮށްފައިވާ މައްސަލައެއް ނުވަތަ ވިޔަފާރިއާ ގުޅޭ މައްސަލައެއް، ކަމާބެހޭ މިނިސްޓްރީއަށް ނުވަތަ ކަމާބެހޭ އިދާރާއަށް ހުށަހަޅައިފައި ނުވާ ފަރާތްތަކުން، މި އުސޫލަށް އަމަލު ކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި، އުސޫލާ އެއްގޮތަށް އެ މައްސަލައެއް ހުށަހަޅަންވާނެކަމަށް ވަނީ ބުނެފަ އެވެ. އެހެންވެ މުއްދަތު ފާއިތުވުމަށް ފަހު ހުށަހަޅާ މައްސަލަތައް
ބަލައިގަންނާނީ، އެ މައްސަލަ ހުށަނޭޅުނު ސަބަބަކީ މައްސަލަ ހުށަހަޅާ ފަރާތުގެ ބާރުން ބޭރުގައިވާ ސަބަބެއްކަމަށް މިނިސްޓްރީއަށް ނުވަތަ އިދާރާއަށް ގަބޫލުކުރެވޭ ސަބަބެއްކަމަށް ވާނަމަ އެކަންޏެވެ.

އުސޫލުގައި ވާގޮތުން އެއްބަސްވުންތަކާ ގުޅޭ މައްސަލަ ހައްލު ކުރުމަށް ހުށަހަޅާނީ، ދައުލަތުގެ ފަރާތުން އެ އެއްބަސްވުމެއް އެކުލަވައިލައި ފައިވާ މިނިސްޓްރީއަށް ނުވަތަ އިދާރާއަށެވެ. އަދި އެއްބަސްވުމާއި ގުޅުންހުރި ވިޔަފާރީގެ ހުއްދަތަކުގެ މައްސަލަތައް ހައްލު ކުރުމަށް ހުށަހަޅާނީ، އެ ވިޔަފާރިއެއް ރެގިއުލޭޓް ކުރުން މަތިކޮށްފައިވާ މިނިސްޓްރީއަށް ނުވަތަ އިދާރާއަށްކަމަށް ވަނީ ބުނެފަ އެވެ.

މައްސަލަ ހައްލު ކުރުމަށް ލަފާދޭ ކޮމިޓީ އެކުލެވިގެންވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަނޑައަޅާ ފަރާތަކާއި، މިނިސްޓްރީ އޮފް ފިނޭންސުން ކަނޑައަޅާ ފަރާތެއް އަދި ހައުސިން މިނިސްޓްރީ އާއި، އިކޮނޮމިކް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީ އައި ފިޝަރީޒް މިނިސްޓްރީ އަދި އެންވައިރޮމެންޓް މިނިސްޓްރީން ކަނޑައަޅާ ފަރާތަކާއި އެކު އެވެ. އަދި ކޮމިޓީ މަސައްކަތުގައި އެހީތެރިވެދިނުމުގެ ގޮތުން ފަންނީ ލަފާ ދިނުމަށާއި މައްސަލަތައް އިތުރަށް ދިރާސާކުރުމަށް އެހެނިހެން ފަރާތްތައް، ކޮމިޓީގެ މަސައްކަތުގައްޔާއި ބައްދަލުވުންތަކުގައި ބައިވެރި ކުރެވިދާނެކަމަށް އުސޫލު ބުނެ އެވެ. މި ކޮމިޓީގެ ސެކްޓޭރިއަޓް ބަލަހައްޓާނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބެލުމުގެ ދަށުންނެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: