ބައިނަލްއަގްވާމީ ރޭސިންގގެ މުބާރާތެއްގައި ވާދަކުރުމުގެ ހުވަފެނުގައި ހުރި، ރާއްޖޭގެ ރޭސިންގ އެސޯސިއޭޝަންގެ ރައީސް އަލީ އައިމަން ބައިނަލްއަގްވާމީ މުބާރާތެއްގެ ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.
އެސްކޮބާ ތައިލެންޑް ބެސްޓް ރިކޯޑް އިވެންޓަކީ ތައިލެންޑްގެ ޑްރެގް އެވެނިއުގައި މި ޑިސެމްބަރު މަހުގެ 3 އިން 4 އަށް ކުރިއަށްދާ ބައިނަލްއަގްވާމީ މުބާރާތެކެވެ.
މި އިވެންޓްގެ ދެވަނަ ބުރަށް ކޮލިފައިވެފައިވަނީ އެންމެ ހަތަރު ކާރެވެ. އެ ހަތަރު ކާރުގެ ތެރެއިން އައިމަން ކޮލިފައިވެފައިވަނީ ރޭހުގައި 193 ކިލޯމީޓަރަށް 11.550 ސިކުންތުގެ ތެރޭގައި ދުއްވައިގެންނެވެ. ދެވަނަ ބުރަށް ދެން ދިޔަ މީހުންގެ ތެރޭގައި ހިމެނެނީ ތައިލެންޑްގެ ދެ މީހަކާއި މެލޭޝިޔާ މީހެކެވެ. އައިމަން އަކީ މުބާރާތުގެ ދެވަނަ ބުރަށްދިޔަ ހަމައެކަނި ދިވެއްސެވެ.
ރޭސިންގ ގެ ދުނިޔޭގައި އޭޝިޔާގެ އެންމެ ފޯރިގަދަ އަދި ވާދަވެރި މުބާރާތުން ޖާގައެއް ހޯދުމަށް އައިމަން ދަތުރުފެށީ އެކަމަށް އޮތް ޝައުގުވެރިކަމަކާއި ހުންނަ ފޯރިއެއްގެ ބޮޑުކަމުންކަމަށް އެޖަމިއްޔާގެ ނައިބް ރައީސް އިސްމާއިލް އަގްލީމް މައުލޫމާތު ދިނެވެ.
އަގްލީމް ވިދާޅުވީ ތައިލެންޑަށް އެކިފަހަރު މަތިން ޒިޔާރަތްކޮށް އެތަނުގައި މަސައްކަތް ކުރާ އެންމެ ކޮލިފައިޑް ރޭސިންގ ވެހިކަލް މޮޑިފައިކުރާ މެކޭނިކުންނާއި ބައްދަލުވުމަށް ފަހު ތައިލެންޑްގައި ބާއްވާ ބައިނަލްއަގްވާމީ މުބާރާތެއްކަމަށްވާ އެސްކޮބާ ގައި ވާދަކުރުމަށް އައިމަން ނިންމިކަމަށެވެ.
އެކަމަށް ތައްޔާރުވުމަށް މަޒްޑާ އާރް އެކްސް 7 މަރުކާގެ ރޯޓަރީ ކާރެއް ތައިލެންޑް އިން އައިމަން ގަތްކަމަށާއި ސީއެމްޒެޑް ރޯޓަރީ އަކީ ތައިލެންޑްގައި އެންމެ ކޮލިފައިޑް މެކޭނިކުންނާއި ރޭސިންގ ޓެކްނޮލޮޖީ އުފައްދާ ކުންފުނިކަމަށް އަގްލީމް މައުލޫމަތު ދިނެވެ.
މުބާރާތާއި ބެހޭގޮތުން އެސޯސިއޭޝަންގެ ރައީސް އައިމަންއާއި ވާހަކަދައްކާލުމުން ވިދާޅުވީ، އޭނާ ގަބޫލުކުރާ ގޮތުގައި މި މުބާރާތުގެ މިހާ ހިސާބަށް އާދެވުމަކީ ވަރަށް ބޮޑު ކާމިޔާބީއެއްކަމަށެވެ. މި ކާމިޔާބީ އޭނާ ސިފަކުރަނީ ރޭސިންގެ ހަޔާތުގައި މުޅިން އާ ސަފްހާއެއް ލިޔެވި ރާއްޖޭގެ ރޭސިންގ އާއިލާ އަށް އިތުރު ތަނަވަސް ފުރުސަތުތައް މުސްތަގުބަލަށް ހުޅުވިގެންދާ ދޮރެއްގެ ގޮތުގައެވެ.
ފައިނަލް ބުރަށް ދިއުމަކީ ދިވެހިންނަށާއި ދިވެހި ރާއްޖޭގެ ރޭސިންގ އާއިލާ އަށް ލިބުނު ފަހުރެއް. އިތުރު ގިނަ ފުރުސަތު ރާއްޖެއަށް ލިބޭނެ. އެމްއެމްއާރު ގެ އުއްމީދަކީ ކުރިއަށް ހުރި ބައިނަލްއަގްވާމީ ރޭސިންގ އިވެޓްތަކުގައި ދިވެހިން ވާދަކޮށް ކާމިޔާބު ހާސިލް ކުރުން: އައިމަން
ދެވަނަ ބުރު އަދި ފައިނަލް ބުރު މި ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު އެންމެ އަވަހަށް މި ފޯރިގަދަ ރޭސް ނިންމާ ރިކޯޑް ހަދާ ފަރާތެއް ހާމަވެގެންދާނެއެވެ.

