ރަޝިޔާ ޔުކްރެއިން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް އޭގެ އަސަރު ވަރަށް ބޮޑަށް ކުރަމުންދާކަމަށާއި، ރާއްޖޭގެ އިންފްލޭޝަން މިހާރު ދަނީ މަތިވަމުންކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭއިން ބުނެފި އެވެ.
އެމްއެމްއޭގެ ރިޕޯޓުގައި ބުނެފައި ވަނީ ފަތުރުވެރިކަމުގެ ދާއިރާއިން ހީނަރުކަމާއި ކުރިމަތިލާން ޖެހުނު ނަމަވެސް، 2022 ގެ ތިނަވަނަ ކުއާޓަރުގައި ރާއްޖޭގެ އިގްތިސާދު ކުރިއަރާނެކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެގޮތުން، ލިބެން ހުރި ގިނަ ހައި ފްރީކުއެންސީ އިންޑިކޭޓަރުތަކާއި ވިޔަފާރި ސާވޭގެ ނަތީޖާތަކުން ދައްކާ ގޮތުގައި މި ކުއާޓަރުގެ ތެރޭގައި ބޮޑެތި ހުރިހާ ދާއިރާތަކެއް އަހަރީ ގޮތުން ފުޅާވެފައިވާކަމަށް އެމްއެމްއޭގެ ރިޕޯޓުން ދައްކަ އެވެ. މި ރިވިއު ކުއާޓަރުގައި ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުމުގެ ދުވެލި މަޑުޖެހުމަކީ ސީޒަނުގެ ސަބަބުން ރާއްޖެ އަންނަ މީހުންގެ އަދަދު މަދުވުންކަން ފާހަގަކޮށް އެމްއެމްއޭއިން ބުނެފައި ވަނީ ފަތުރުވެރިންނަށް ހިދުމަތް ދޭ ރިސޯޓުތަކުގެ ބުކިންތަކާއި ޖުމްލަ އާމްދަނީގެ ނެގެޓިވް އިންޑެކްސްތައް ދައްކާފައިވާ ކަމަށެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) ގެ އެންމެ ފަހުގެ ކުއާޓަލީ ނޭޝަނަލް އެކައުންޓްސް (ކިއުއެންއޭ) އަންދާޒާތަކަށް އިޝާރާތްކޮށް އެމްއެމްއޭއިން ބުނެފައި ވަނީ، ރިއަލް ޖީޑީޕީއަށް އަހަރަކު 31.2 އިންސައްތައިގެ ކުރިއެރުމެއް ލިބިފައި ވަނީ، 2022 ގެ ފުރަތަމަ ކުއާޓަރުގައި 22.4 ގެ އިންސައްތައިގެ ކުރިއެރުމަކަށް ފަހު، 2022 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ކަމަށެވެ. އަދި، 2019 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގެ ޕްރީ ޕެންޑެމިކް ލެވެލްތަކާ އަޅާބަލާއިރު، ރިއަލް ޖީޑީޕީގައި މި ކުއާޓަރުގައި 11.5 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާކަން ފާހަގަކުރި އެވެ.
މީގެއިތުރުން އެމްއެމްއޭއިން ބުނެފައި ވަނީ 2022 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ރިއަލް ޖީޑީޕީގެ ކުރިއެރުމަށް މައިގަނޑު ގޮތެއްގައި ހިމެނެނީ ފަތުރުވެރިކަމުގެ ދާއިރާއިން 10.4 އިންސައްތަ ޕޮއިންޓު އަދި ހޯލްސޭލް، ރީޓެއިލް ޓްރޭޑް ދާއިރާއިން 4.0 ޕަސެންޓް ޕޮއިންޓާއި ދަތުރުފަތުރާއި މުވާސަލާތީ ދާއިރާއިން 4.0 ޕަސެންޓް ޕޮއިންޓެވެ. އެމްއެމްއޭއިން ބުނެފައިވާ ގޮތުގައި މި ދެ ދާއިރާއަކީ ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުންތަކުގެ އެންމެ ބޮޑަށް ގުޅިފައިވާ ހިއްސާދާރެކެވެ.
ރިޕޯޓުގައި ސިއްހީ، އަދި އިޖްތިމާއީ މަސައްކަތުގެ ދާއިރާއާއި ކޮންސްޓްރަކްޝަންގެ ދާއިރާ އާއި އެހެނިހެން ހިދުމަތްތައް ފާހަގަކޮށްފައި ވެއެވެ. އަދި ރިޕޯޓުގައި ވަނީ ކުރީ ކުއާޓަރާއި އަޅާބަލައި ކޮންސްޓަރަކްޝަން ނުވަތަ އިމާރާތް ކުރުމުގެ ދާއިރާ ކުރިއެރުން ހޯދާފައިވާކަން ފާހަގަކޮށްފަ އެވެ.
އިންފްލޭޝަނާއި ގުޅޭގޮތުން އެމްއެމްއޭގެ ރިޕޯޓުގައި ބުނެފައި ވަނީ 2022 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި 2.9 އިންސައްތައިން އިން އަދި 3-2022 ގައި 2.7 އަށް އިންފްލޭޝަން ދަށްވެފައިވެއެވެ. އިންފްލޭޝަނަށް އަސަރު ކުރި ސަބަބުތަކުގެ ތެރޭގައި ދަތުރުފަތުރުގެ ހިދުމަތްތަކާއި، ރެސްޓޯރެންޓްތަކާއި ކެފޭތަކުގެ ހިދުމަތްތައް އަދި ޑިމާންޑާއި ސަޕްލައި އިމްބެލެންސްގެ ސަބަބުން ދުނިޔޭގެ ކާބޯތަކެއްޗާއި ހަކަތައާ ގުޅުންހުރި ތަކެތީގެ އަގު ބޮޑުވުން ހިމެނެ އެވެ. އޭގެ ތެރޭގައި ތެލުގެ ބާޒާރާއަށް އަންނަ ބަދަލު ފާހަގަކުރެވެ އެވެ.
ރިޕޯޓުގައި ބުނެފައި ވަނީ ރަޝިޔާ، ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ކާބޯތަކެތީގެ ސަޕްލައި ޗޭން މެދުކެނޑުމުގެ ސަބަބުން ޑޮމެސްޓިކް ކާބޯތަކެއްޗާއި ހަކަތައާ ގުޅުންހުރި ތަކެތީގެ އަގު އުފުލެމުން ދާކަމަށެވެ.

