ތިމާ ޖަލަށް ވަތް އިރު ހުރި މީހާނޫން މީހަކަށް އަދި އާ ލައިފަކަށް ކުރިމަތިލުމަށް އަމިއްލައަށް ނިންމުން މުހިންމުކަމަށް މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ޕްރިޒަން-ބޭސްޑް ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމްގެ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވީ މިއަދަކީ ކަރެކްޝަންސްގެ ބެލުމުގެ ދަށުގައިވާ ފަރާތްތައް ޒިންމާދާރު ހެޔޮލަފާ ފަރާތްތަކެއްގެ ގޮތުގައި މުޖްތަމަޢުއަށް ނެރުމަށް ކުރެވޭ މަސައްކަތްތަކަށް އަނެއްކާވެސް އުސް ފިޔަވަޅެއް އެޅޭ ދުވަހެއް ކަމަށެވެ. މި ޕްރޮގްރާމްގެ ފުރަތަމަ ބެޗަށް އަލިއަޅުއްވާލައްވަމުން، މިނިސްޓަރ ފާހަގަކުރެއްވީ އެ ފަރާތްތައް ސެޕްޓެމްބަރ މަހު މުޖްތަމަޢުއަށް ރީއިންޓަގްރޭޓްކުރެވިފައިވާ ކަމަށާއި އެ ޕްރޮގްރާމްގެ ތަފާތު އާ ތަޖުރިބާތަކަށް ބިނާކޮށް ޤައިދީން ތިބޭ ޔުނިޓަށާއި ޕްރޮގްރާމަށާއި އޮފިސަރުންގެ ޓްރޭނިންގއަށް ބަދަލު ގެނެވި، މި އާ ބެޗް ފަށާފައިވާކަމަށެވެ.
ރާއްޖޭގައި ބައި ގަރުނުވަންދެން ކުރިމަތިލަމުން އަންނަ މައްސަލައެއް ކަމުގައިވާ މަސްތުވާތަކެތީގެ މައްސަލައަކީ ވަރަށް ބޮޑެތި ޗެލެންޖްތައް ހުރި މައްސަލައެއް ކަމަށާއި މިކަން ހައްލުކުރުމަށްޓަކައި ތަފާތު ވިސްނުންތަކާއި ސިޔާސަތުތަކަށް ބަދަލުގެނެސް މަސައްކަތްތައް ކުރުމާއެކުވެސް، އަދި ކުރެވޭ ކަންކަމުން ހެޔޮ ނަތީޖާ ނިކުންނަ އިރުވެސް މިކަމުގެ ޗެލެންޖްތައް އިންތިހާއަށް ބޮޑުކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ކުރަން ހުރި މަސައްކަތްތަކުގެ ތެރެއިން އެންމެ މުހިއްމު އެއް މަސައްކަތަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތައް ރިހެބިލިޓޭޓްކުރުން ކަމަށާއި ޖަލުގައި ފުރަތަމަ ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ފެށިގެންދިޔައީ ކޮމިޝަނަރ އޮފް ޕްރިޒަންސް އާއި ޓީމްގެ މިންނެތް މަސައްކަތުން ކަމުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އިމްރާން ވިދާޅުވީ މަދު މުވައްޒަފުންނާއެކު މަސައްކަތްކުރަން ޖެހުމުން ދިމާވާ ގޮންޖެހުންތައް ހައްލުކުރުމުގެ ގޮތުންނާއި ކަރެކްޝަންސްގެ މަސައްކަތްތައް ރަނގަޅުކުރުމުގެ ގޮތުން 180 އޮފިސަރުންގެ ކޯޓާއެއް ސަރުކާރުން ދީފައިވާކަމަށާއި އޭގެ ތެރެއިން ގިނަ އަދަދެއްގެ އޮފިސަރުން ތަމްރީން ހޯދަމުން އަންނަކަކަމަށެވެ. މިނިސްޓަރ އިތުރަށް ވިދާޅުވީ މި ބެޗްގެ ކަންތައްތައް އެމްސީއެސްގެ އޮފިސަރުން މިހާރު ލިބިފައިވާ ތަޖުރިބާއާއެކު ކުރިއަށްވުރެއް ރަނގަޅަށް ކުރިއަށް ގެންދާނެކަމަށް އުއްމީދުކުރައްވާކަމަށާއި މި ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ފަރާތްތައް މެދުވެރިކޮށް އާ ބެޗަށް ހިތްވަރުހޯދައިދިނުމުގެ ގޮތުން އެހީތެރިކަން ދެއްވާނެކަމަށެވެ.
ކުށެއް ކުރުމަށްފަހު އިސްލާހުވާންޖެހޭކަމަށް ޤަބޫލުކޮށް ތައުބާވުމާބެހޭގޮތުން ވާހަކަދައްކަވަމުން، ތިމާ ޖަލަށް ވަން އިރު ހުރި މީހާނޫން މީހަކަށް އަދި އާ ލައިފަކަށް ކުރިމަތިލުމަށް އަމިއްލައަށް ނިންމުމަށް މި ޕްރޮގްރާމްގެ ބައިވެރިންނަށް މުހާތަބްކުރައްވަމުން މިނިސްޓަރ ނަސޭހަތްތެރިވެލެއްވިއެވެ.

