ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީވުމަށް އެދޭ ފޯމުގައި ޖަހާ އިނގިލީގެ ނިޝާނުގެ ސައްހަކަން އިލެކްޝަންސްއަށް ކަށަވަރު ނުކުރެވޭއިރު، އެ ނިޝާން ޖެހުން މަޖުބޫރުވާންވީ ސަބަބާއިމެދު ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ސުވާލު އުފައްދަވައިފިއެވެ.
ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި، އެމްޑީޕީގެ އަމިއްލަ ދަފްތަރުގައި ތިބި ގިނަ އަދަދެއްގެ މެމްބަރުން އެ ދަފްތަރުން އުނިކުރެވުނު މައްސަލައަށް އަލިއަޅުއްވައި ލައްވައި ވާހަކަދައްކަވަމުން ހަސަންވަނީ ސިޔާސީ ޕާޓީތަކުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމުގައި ފިންގާ ޕްރިންޓު ޖެހުން މަޖުބޫރުވާ ސަބަބާއިމެދު ސުވާލު އުފައްދަވާފައެވެ.
އެނާ ވިދާޅުވީ، އިލެކްޝަންސް ކޮމިޝަންއަށް ފޯމުތަކުގައި ޖަހާ އިނގިލީގެ ނިޝާނުގެ ސައްހަކަން ކަށަވަރު ކުރެވޭނެ ނިޒާމެއް ގާއިމު ކުރެވިފައިނުވާކަން އަދި އެކަން ނުކުރެވޭކަން ވަނީ ހާމަކޮށްފައިކަމަށެވެ. އަދި ކޮމިޝަނުން މަޖިލީހުގައި އެ ވާހަކަ ދައްކާފައިވާއިރު، ފޯމުގައި ފިންގަރޕްރިންޓު އޮތުން މަޖުބޫރު ކުރުމަށް އެމްޑީޕީއިން އެއްބަސްވެ އެކަން ޝަރުތެއްގެ ގޮތުގައި ބަލައިގަނެ އެތައް މެމްބަރުންނެއް ޕާޓީއިން ވަކި ކުރުމަކީ އެހެން މަގުސަދެއް ހާސިލު ކުރުމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އެޅުއްވި ފިޔަވަޅެއް ނޫން ކަމަށް ގަބޫލުކުރައްވަން ދަތިކަމަށެވެ.
ހަސަން ވިދާޅުވީ، އެމްޑީޕީ އުފެދިގެން އައިއިރު ޕާޓީއަށް ސޮއި ކުރި މެމްބަރުން ރެޖިސްޓްރީ ވެފައިވަނީ ފިންގާޕްރިންޓު ނުޖަހައިކަމަށެވެ. އަދި އެކަން ލާޒިމުކުރައްވާ ރައީސް ޔާމީން ގާނޫނެއް ވުޖޫދު ކުރެއްވީ ވަކި މަގުސަދެއް ހާސިލު ކުރެއްވުމައްޓަަކައި ކަމަށާއި، ރައީސް ޔާމީންވަނި އެ މަނިކުފާނުގެ ބޭނުން ހާސިލުކުރައްވާފައިކަމަށްވެސް އެނާ ވިދާޅުވިއެވެ.
ހަސަން ވިދާޅުވީ، ރައީސް ޔާމީން ބޭނުންވެވަޑައިގަތީ ޕީޕީއެމް ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ހައްދަވައި ދައުލަތުން އެންމެ ގިނަ ފައިސާ ލިބޭ ޕާޓީއަށް ހެއްދެވުމަށްކަމަށެވެ. އަދި އެކަން ކުރެއްވުމުގެ ފަހަތުގައި ޑީއާރްޕީއިން މެމްބަރުން މަދުކުރެއްވުމުގެ މަގުސަދުވެސް ހިމެނިވަޑައިގަންނަވާކަމަށް އެނާ ފާހަގަކުރެއްވިއެވެ.
އެނާ ވިދާޅުވީ، ރައީސް ސާލިހުގެ ފަރާތުންވެސް ފެނިގެންދަނީ ރައީސް ޔާމީން ކުރެއްވި ފަދަ އަމަލުތަކެއްކަމަށެވެ. އަދި ފިންގަރޕްރިންޓު ޖެހުން ލާޒިމު ކުރުމުގެ ތެރެއިން ރައީސް ސާލިހު ހާސިލު ކުރައްވަން ބޭނުންވާ މަގުސަދާއިމެދު ހަސަންވަނީ ސުވާލު އުފައްދަވާފައެވެ.
ފޯމުގައިވާ ފިންގަރޕްރިންޓަކީ އިލެކްޝަންސްއަށް ވެރިފައިނުކުރެވޭ އެއްޗަކަށްވާއިރު، އެ ނިޝާން ޖެހުމަށް މަޖުބޫރުވަނީ ކޮން ސަބަބަކާއި ގުޅިގެންކަމާއިމެދުވެސް ހަސަން ސުވާލު އުފެއްދެވިއެވެ.
އެނާ ވިދާޅުވީ، އެމްޑީޕީއިން ވެފައިވާ ވައުދަކީ އެފަދަ ގޮތްް ގޮތަށް އޮތް ގާނޫނުތައް އިސްލާހު ކުރުންކަމަށެވެ. އަދި މަޖިލީހުގައި ރައީސް ސާލިހުގެ ފުރިހަމަ އަގުލަބިއްޔަތު އޮތްކަމަށް އެމަނިކުފާނު ވިދާޅުވާކަމަށާއި އެހެންކަމުން ގާނޫނު ބަދަލުކޮށް ފިންގަޕްރިންޓު ލާޒިމު ނުވާގޮތަށް ހަދައި އެމްޑީޕީގެ މެމްބަރުންގެ ދަފްތަރު އޮތް ގޮތުގެ މަތީ ބެއްވުން މުހިންމު ނޫންތޯވެސް އެނާ ވަނީ ސުވާލު އުފައްދާފައެވެ.
ހަސަން ވިދާޅުވީ، ރައީސް ސާލިހު ވަނީ ވަކި ބޭނުމެއް ހާސިލު ކުރެއްވުމުގެ މަގުސަދުގައި ޕާޓީގެ ވަކި މެމްބަރުންތަކެއް އުނިކުރައްވާފައިކަމަށެވެ.
ހަސަން ވިދާޅުވީ، ކުރިއަށް އޮތް ޕްރައިމަރީގައި ރައީސް ސާލިހަށް ވޯޓު ނުދެއްވާނެކަމަށް ލަފާ ކުރެވޭ ގިނަ މީހުންނަކީ އެންމެ ފުރަތަމަ އެމްޑީޕީއަށް ސޮއި ކުރެއްވި މެމްބަރުންކަމަށެވެ. އަދި އެ މީހުން ވަކި ކުރުމުން ރައީސް ސާލިހަށް ބޮޑެތި ފައިދާތަކެއް ވާކަމަށާއި، އެންމެ ކުރީގެ މެމްބަރުންގެ ތެރޭގައި ރައީސް ނަޝީދަށް ބޮޑު ތާއީދެއް އޮންނަކަމަށްވެސް އެނާ ވިދާޅުވިއެވެ.
ހަސަން ވިދާޅުވީ، ޕާޓީއިން މެމްބަރުން އުނި ކުރުން ސިފަކުރެއްވެނީ ރައީސް ސާލިހު އިސްވެ ހުންނަވައިގެން ރައީސް ނަޝީދަށް ތާއީދާއި ވޯޓު ގެއްލުވާލުމަށް ކުރެއްވި ކަމެއްގެ ގޮތުގައިކަމަށެވެ. އަދި އެމްޑީޕީއަކީ ވަރުގަދަ ޕާޓީއެއްގެ ގޮތުގައި ބޭއްވުމަށް ރައީސް ސާލިހު ބޭނުންވެވަޑައިގަންނަވާނަމަ ފިންގަރޕްރިންޓު ޖަހަން ނުޖެހޭގޮތަށް ގާނޫނަށް ބަދަލު ގެންނަވާނެކަމަށް އެނާ ވިދާޅުވިއެވެ.


One Response
ހަސަނާ ވަގުފޯމުން ޓިކެޓުހޯދި މީހެއް ގަސަނަކީވެސް ކޮންމެ ޕްރައިމަރީއަކާދިމާކޮއް އިދިކޮޅުޕާޓީގެ މީހުންތަކެއްގެ ނަންޕާޓީލިސްޓްގަ ޖައްސައިގެން އެމީހުން ގެނެސްގެން ތިހުރިހާ މެންބަރުން ޓިކެޓުހޯދީ