ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރާނެ ކެނޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމެރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓު ދޭން ވީ އިދިކޮޅުގެ ލީޑަރު ރައީސް އަބްދުﷲ ޔާމީންގެ އަނިޔާވެރިކަން އިޔާދަވިޔަ ނުދިނުމަށްކަމަށް ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި މީގެ ކުރިން އޮތް އެންމެ ވަރުގަދަ ސިޔާސީ ޕާޓީ ޑީއާރުޕީ ދެބައިވެ، ބައިބައިވެގެން ދިޔައީ ޕާޓީގެ ލީޑަރު އަދި މިހާރުގެ މޯލްޑިވްސް ރީފޯމް މޫވްމަންޓު (އެމްއާރުއެމް) ގެ ޒައީމް ރައީސް މައުމޫން އަބްދުލްގައްޔޫމާއި ތަސްމީނާއި އުފެދުނު މައްސަލަތަކުގެ ތެރެއިންވެ.
ޕާޓީ ދެބައިވުމަށް ފަހު 2013 ގައި އޭނާ ގުޅިވަޑައިގަތީ އެމްޑީޕީ އާއި އެވެ. ތަސްމީނާއި އެކު އެމްޑީޕީއާއި ގުޅުނު މެމްބަރުންގެ ތެރޭގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ ހިމެނެ އެވެ. އޭގެ ފަހުން ތަސްމީނު 2018 ގެ އިންތިހާބަށް ވެސް އެމްޑީޕީއާއި އެކު މަސައްކަތް ކުރި އެވެ
މިވަގުތު މި ސަރުކާރުގެ ސިޔާސީ މަގާމެއްގައި ވެސް ހުރި ތަސްމީނު ރޭ ރައީސް ސޯލިހުގެ ކެމްޕެއިން ޖަލްސާގައި ބައިވެރިވެ އެމަނިކުފާނަށް ދެވަނަ ދައުރެއް ދޭން ޖެހޭކަމަށް ވިދާޅުވީ ރައީސް ޔާމީންގެ އަނިޔާވެރިކަމަށް އިތުރު ފުރުސަތެއް ނުދިނުމަށެވެ.
އެގޮތުން ރައީސް ޔާމީންގެ މައްޗަށް ދާދިފަހުން ކުށް ސާބިތުވި ވ. އާރަށުގެ މިސާލެއް ނަންގަވައި ތަސްމީނު ވިދާޅުވީ އެމަނިކުފާނުގެ އަނިޔާވެރިކަމުގެ މަތީން އެ ޝަރީއަތް ބެލުމުން ހަނދާން ވާކަމަށެވެ. އެހެންކަމުން އަނެއްކާވެސް ބޯމަތިވެފައިވާ ރިޔާސީ އިންތިހާބާއި އެކު ރައްޔިތުން ވިސްނަންވީ އެފަދަ އިތުރު ނިކަމެއްތިކަމެއް މެދުވެރިވިޔަ ނުދިނުންކަމަށް ތަސްމީނު ވިދާޅުވި އެވެ.
ތަސްމީނު ވިދާޅުވީ ސިޔާސީ ވާދަވެރިންނާއި، ވާދަވެރި ޕާޓީތަކުގެ މެމްބަރުންނަށް ރައީސް ޔާމީން ރައްދު ދެއްވަނީ ޖަލުގެ ކުޑަގޮޅި ދައްކައިގެން ކަމަށެވެ. އަދި ބޭއިންސާފުން ޖަލުގައި އެތައް ބަޔަކު ބަންދު ކުރުމުގެ ސަބަބުން، ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހުނުކަން އޭނާ ފާހަގަކުރި އެވެ.
މިއީ ދުވަހަކު ވެސް ހަނދާނުން ފޮހެވޭނެ އަމަލުތަކެއް ނޫންކަމަށާއި، ރައީސް ޔާމީންގެ ސަބަބުން ރައްޔިތުން އެތައް އަނިޔާއެއް ތަހައްމަލު ކުރަން ޖެހުނުކަމަށް ތަސްމީނު ވިދާޅުވި އެވެ.
އެހެންކަމުން، ކުރިޔަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގައި ވޯޓު ދޭން ވީ ރައީސް ސޯލިހަށްކަމަށް ތަސްމީނު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، 2023 ގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކަށަވަރު ކުރެވެން އޮތް މަގަކީ އެއީ ކަމަށެވެ.
ރައީސް ސޯލިހަކީ 25 އަހަރު ވަން ދެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން އަދާކުރި ބޭފުޅެއްކަން ފާހަގަކޮށް ތަސްމީނު ވިދާޅުވީ އޭނާއަކީ ވެސް އެމަނިކުފާނާއި އެކު މަޖިލީހުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބުނު މީހެއް ކަމަށެވެ.
ރައީސް ސޯލިހަކީ ކޮރަޕްޓު ވެރިއަކަށް ނުވާނެކަމަށާއި އަދި ރައީސް ޔާމީނެކޭ އެއްގޮތަށް އަނިޔާވެރިކަން އިސްކުރައްވާނެ ވެރިއެއް ނޫންކަމަށް ތަސްމީނު ތަކުރާރު ކުރެއްވި އެވެ. ރަސްމީނު ވިދާޅުވީ ރާއްޖެއަށް ހަމަޖެހުމެއް އޮތީ ރައީސް ސޯލިހަށް ވެރިކަމަށް އިތުރު ދައުރަކަށް އައުމުގެ ފުރުސަތު ދީގެން ކަމަށެވެ.

