2022 ވަނަ އަހަރު ނިމިގެންދިޔައީއެވެ. ކޮވިޑްގެ އެންމެ ބޮޑެތި ރާޅުތައް ހިނދި އަސަރު ކުޑަތަންވާން ފަށާފައިވާނަމަވެސް ކުރިމަތިވި ބޮޑެތި ގޮންޖެހުންތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ހާލަތު ދަށްވި ދަށްވުމުން ފުރިހަމައަށް އަރައިގަނެވިފައިވާކަމަށް ބުނެވެން ނެތެވެ.
އެ ހާލަތުން އަރައިގަތުމަށްޓަކައި ދިވެހި މާލިއްޔާތުން ކުރަންޖެހުނު ހަރަދުތަކުގެ ސަބަބުންނާއި، އިގްތިސާދީ ހީނަރުކަމުގެ ސަބަބުން، ރާއްޖޭގެ ޖުމުލަ މާލީ ހާލަތު އަދިވެސް އޮތީ ނުތަނަވަސްކަމެއްގެ މަތީގައެވެ. އިގްތިސާދު ރުޖޫއަވަމުންދިޔަ ނަމަވެސް، ދަރަނީގެ އަދަދުތައް އިތުރުވުމުގެ ސަބަބަނުންނާއި، ކުރި ހަރަދުތަކުގެ ސަބަބުން އުފެދިގެންދިޔަ ފުން ވަޅުގަނޑުން، ލިބިގެންދާ މަންފާއިން ދެކޮޅު ޖެއްސިގެންދާ މަންޒަރު ފެނިގެން ނުދެއެވެ.
ސަރުކާރުންވަނީ މި ހާލަތުން އަރައިގަތުމަށް ބައިނަލްއަގުވާމީ އެހީ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިކަމަށްވާއިރު، ގައުމުގެ އިގްތިސާދު އާރާސްތު ކުރުމަށްވެސް ބޮޑެތި ފިޔަވަޅުތަކެއް އެޅުމަށް މަސައްކަތްކޮށްފައިވެއެވެ. އެހެންނަމަވެސް އަދިވެސް ބޮޑެތި ގޮންޖުންތަކާއި ކުރިމަތިލާން ހުރީއެވެ. މިކަން އެންމެ ރަނގަޅަށް ފެނިގެންދަނީ މަރުކަޒީ ބެންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ކަންބޮޑުވުންތަކާއި މާލި ލަފާތަކުންނެވެ. އެހެންކަމުން އެކަމަށް ބަލައިލުން އިންތިހާއަށް މުހިންމެވެ.
ފައިސާ ޗާޕުކުރުމުގެ ސަބަބުން އިތުރު ހީނަރުކަމެއް އައުމުގެ ބިރު:
އިސްވެ ބަޔާން ކުރެވުނު ފަދައިން، ކޮވިޑްގެ ދުވަސްވަރު، ދިވެހި ސަރުކާރުންވަނީ މާލީ ތަނަވަސްކަމާއި ނުބައްދަލު ހަރަދުތަކެއް ކޮށްފައެވެ. މިކަން ކުރުމަށްޓަކައި ނަގަންޖެހުނު ފިޔަވަޅުތަކުގެ ތެރޭގައި ޕަބްލިކް ބެންކު އެކައުންޓުން އޯވަރ ޑްރޯކޮށްގެން ފައިސާގެ ބޭނުން ކުރުން ހިމެނެއެވެ.
ކުރުކަށް ދަންނަވާނަމަ، މިއީ ފައިސާ ޗާޕުކުރުމެވެ. ދުނިޔޭގޭ މާލީ މުއައްސަސާތަކުންވެސް ވަނީ މިކަމާއިމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެކަމުގެ ސަބަބުން ނުރައްކާތަކެއް ކުރިމަތިވެދާނެކަމުގެ އިންޒާރުތައްވެސް ދީފައިވެއެވެ.
ހަމަ އެހެންމެ އެމްއެމްއޭއިންވެސް ވަނީ ދާދި ފަހުން، ފައިސާ ޗާޕު ކުރުމުގެ ސަބަބުން ކުރަމުންދާ ނޭދެވޭ އަސަރުތަކާއި އެކަމުގެ ސަބަބުން ކުރިމަގުގައި ގޮންޖުންތަކެއް ކުރިމަތިވެދާނެކަމަށް ފާހަގަކޮށްފައެވެ.
އެމްއެމްއޭއިން ބުނެފައިވާގޮތުން އޯވާރ ޑްރޯކޮއްގެން ސަރުކާރުގެ ފިނޭންސިންގް ހަމަޖައްސާނަމަ އިގްތިސާދުގެ ތެރޭގައި ދައުރުވަމުންދާ އެކްސެސް ރުފިޔާގެ ލިކުއިޑިޓީ އިތުރުވެ، ބޭރު ފައިސާއަށް އޮންނަ ޑިމާންޑު ބޮޑުވެ، އެކްސްޗޭންޖު ރޭޓަށް ނޭދެވޭ އަސަރު ކުރާނެކަމަށެވެ. އެހެންކަމުން އިންތިހާއަށް ޑޮލަރުގެ ބޭނުން ކުރާ ދިވެހިންގެ އާންމު ދިރިއުޅުމަށްވެސް އެ ނޭދެވާ އަސަރުތައް ކުރާނެކަމާއިމެދު ޝައްކެއްވެސް ނެތެވެ.
އެމްއެމްއޭއިން ބުނެފައިވާގޮތުން، ޗާޕު ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި ސަރުކާރުންވަނީ ހަރަދަށް ޒިންމާވާ ގާނޫނުގެ މާއްދާއެއް އުނިކޮށްފައި އޮތުން މަޖިލިސް މެދުވެރިކޮށް 2023 ވަނަ އަހަރުގެ ޑިސެމްބަރާއި ހަމައަށް އިތުރުކޮށްފައެވެ. އިދިކޮޅު ޕާޓީކަމަށްވާ ޕީޕީއެމްގެ މަޖިލިސް މެމްބަރުންވަނީ މިކަމާއި ދެކޮޅަށް އެތައް ފަހަރެއްގެ މަތިން އަޑު އުފުލާފައެވެ. އެހެން ނަމަވެސް މަޖިލީހުގެ އަގުލަބިއްޔަތު އޮތީ ވެރިކަން ކުރާ ޕާޓީގެ ކަމަށްވުމުން، އެ އަޑުތައް ހިނދިގެންދިޔައެވެ.
ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށްޓަކައި އޯވާރޑްރޯކުރުން ނުވަތަ ޗާޕު ކުރުމާއިމެދު އެމްއެމްއޭއިން ކަންބޮޑުވުން ފާޅުކުރަނީ، ދިވެހިރާއްޖޭގެ ފައިސާގެ އަގުވެއްޓިގެންދިއުމުގެ ފުރުސަތު ފުޅާވުމުގެ ސަބަބުންނެވެ.
ބޭރުގެ ފައިނޭންސް ނުލިބިއްޖެ ނަމަ ތެލާއި ކާޑު ގަތުމަށް ދަތިވެދާނެކަމަށް ބުނުން:
ދިވެހިރާއްޖެއަކީ އަމިއްލަ އުފެއްދުންތައް މަދު ގައުމަކަށްވުމުން، އަގުލަބިއްޔަތު ތަކެއްޗަކީ ބޭރު ގައުމުތަކުން އިމްޕޯޓު ކުރާ ތަކެއްޗެވެ. އެހެންކަމުން ތެލާ ކާޑު ފަދަ ޒަރޫރީ ބޭނުންތައް ހޯދުމަށްޓަކައި ބޭރު ފައިސާ ލިބިގެންދިއުމަކީ މުހިންމު ކަމެކެވެ. އެހެންނަމަވެސް އެމްއެމްއޭއިން ބުނެފައިވާގޮތުން ބޭރު ފައިނޭންސް ލިބޭނެކަމަށް އިތުބާރެއް ނެތެވެ.
އެގޮތުން، 2019 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ނިޔަލަށްވެސް ދައުލަތުގެ ރިޒާވަށް އިތުރުވެގެންދާނެކަމަށް ލަފާކުރާ އަދަދާއި ގާތް ކުރާ އަދަދަށްވެސް ފައިނޭންސް ލިބިފައިނުވާކަމަށް އެ މުއައްސަސާއިން ބުނެފައިވެއެވެ. އެގޮތުން އެވަރޖެކޮށް 51.7 އިންސައްތަ ލިބިފައިނުވާކަމަށް ބުނެފައިވެއެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބޭރު ފައިސާ ވިއްކަނީ މަރުކަޒީ ބެންކުންކަމަށްވުމުން، ލަފާ ކުރާ އަދަދަށް ފައިސާ ނުލިބިއްޖެ ހާލަތެއް ދިވެހިރާއްޖެއަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދިއުމުގެ ފުރުސަތު އޮތްކަމަށް އެމްއެމްއޭއިން ފާހަގަކުރެއެވެ.
އެމްއެމްއޭއިން ބުނެފައިވާގޮތުން، ކުންފުނިތަކަށް ބޭނުންވާ ބޭރު ފައިސާގެ އަދަދުތައް ދަނީ ކޮންމެ އަހަރަކުވެސް އިތުރުވަމުންނެވެ. އެހެންކަމުން ސަރުކާރުގެ ހަރަދުތައް ކުޑަ ނުކުރެވި، ބޭރު ފައިސާ ލަފާ ކުރާ އަދަދަށް ނުލިބިއްޖެ ހާލަތެއްގައި ކުންފުނިތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދަތިތައް ކުރިމަތިވެގެންދާނެކަމަށް ބުނެފައިވެއެވެ. އަދި މައިގަނޑު ގޮތަކަށް ފައިސާ ހެދަވެގެންދަނީ ތެލާ ކާޑު ފަދަ ޒަރޫރީ ބޭނުންތަށް އިމްޕޯޓު ކުރުމުގައިކަަމަށްވުމުން އިމްޕޯޓު ކުރުމުގައި ދަތިތަކާއި ކުރަމަތިލާންޖެހިދާނެކަމަށް ބުނެފައިވެއެވެ.
އެސްޑީއެފް އިން އިންވެސްޓުކުރި ފައިސާ އަނބުރާ ހޯދުމަށް ލަފާދިނުން:
ދިވެހިރާއްޖޭގެ ދަރަނީގެ އަދަދުތައް އިންތިހާއަށް މައްޗަށްގޮސް، ސިޔާސީ މަސްރަހުގެ މައްޗަށް ނަަޒަރު ހިންގަންތިބޭ ހުރިހާ ރައްޔިތުންގެ ތެރޭގައިވެސް އެންމެ ގިނައިން ދެކޭވޭ އެއް ވާހަކައަކީ ދަރަނީގެ ވާހަކަތަކާއި ދަރަނިތައް ނުދެއްކިއްޖެ ހާލަތެއް މެދުވެރިވެދާނެ ވާހަކައެވެ.
އެހެންކަމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ގާއިމު ކުރެވިފައިވާ އެސްޑީއެފް ނުވަތަ ސޮވަރެއިން ޑިވެލޮޕްމެންޓު ފަންޑުގެ ވާހަކަތައްވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ހޮޅުއަށިތަކާއި ކަމާއި ބެހޭ މުއައްސަސާތަކުގެ ތެރޭގައިވެސް ދެކެވެއެވެ.
އެސްޑީއެފްގައި ހުރި ފައިސާގެ އަދަދުތައް ކޮންމެ ތިން އަހަރަކުން ދެގުނަ ވެގެންދާނެކަމަށް ބުނާއިރު، ރައީސް ސާލިހުވަނީ ވެރިކަމަށް ވަޑައިގެން އެ ފަންޑުގައި ހުރި ފައިސާ އިންވެސްޓުކުރައްވާފައެވެ. އެކަން ކުރެއްވީ ދިވެހިރާއްޖެއަށް މާލީ މަންފާތަކެއް ހާސިލު ކުރެއްވުމުގެ މަގުސަދުގައެވެ.
ދިވެހި މާލީ ހާލަތު ދަށްވެފައިވާކަމަށް ބުނެ، މަރުކަޒީ ބެންކު އެމްއެމްއޭއިންވަނީ އެކި ކަންކަމަށް އަލި އަޅުވައި ލަފާތަކެއް ނެރިފައެވެ. ނެރުނު ރިޕޯޓުގައި އެސްޑީއެފްގެ ވާހަކަވެސް ފާހަގަކޮށްފައިވެއެވެ. އެގޮތުން ދަރަނިތައް އިންތިހާއަށް ބޮޑުވެފައިވާކަމަށާއި، 2026 ވަނަ އަހަރާއި ހިސާބަށް އެސްޑީއެފްއިން އިންވެސްޓު ކުރި ފައިސާ ނުލިބިއްޖެ ހާލަތެއްގައި ދަރަނިތައް ދެއްކުމުގައި ބޮޑެތި ގޮންޖުންތަކެއް ކުރިމަތިވެގެންދާނެކަމަށް ބުނެފައިވެއެވެ.
އެހެންކަމުން، އެ އިންވެސްޓުމެންޓު އަނބުރާ ހޯދުމަށް އަވަސް ހާލަތެއްގައި ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތްތައް ކުރުން މުހިންމުކަމަށް މަރުކަޒީ ބެންކުން ބުނެފައިވެއެވެ.

