ދިވެހިރާއްޖޭގެ މާލީ ހާލަތު ދަށްވެ، އެކަމުގެ ސަބަބުން ހިނގުމަށް ހަމަޖެހިފައިވާ މަޝްރޫޢުތައް އަދި ހިންގަމުންދާ މަޝްރޫޢުތައްވެސް މަޑުޖައްސާލުމަކީ ކުރަންޖެހިދާނެކަމެއް ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. މީގެ ކުރިން ރައީސް ސާލިހުވެސް ވަނީ ބައެއް މަޝްރޫޢުތައް މަޑުޖައްސާލުމުގެ އިޝާރާތްތަކެއް ކުރައްވާފައެވެ.
މަރުކަޒީ ބެންކު އެމްއެމްއޭއިންވެސް ވަނީ މިފަދަ ހާލަތެއް ކުރިމަތިވެދާނެކަމުގެ އިންޒާރުތަކެއް ދީފައެވެ. އެގޮތުން ތެލުގެ މާކެޓަށް އަންނަ ލޮޅުންތަކާއި ބައިނަލްގުވާމީ މާކެޓުގައި ތަކެތީގެ އަގުތައް އުފުލިގެންދިއުމުގެ ސަބަބުން، ބޭރު ފައިސާގެ ރިޒާވަށް ބޮޑެތި އަސަރުތަކެއް ކުރެއެވެ.
އެމްއެމްއޭއިން ބުނެފައިވާގޮތުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ބޮޑުވަމުން ދިއުމާއި އެކު، ދައުލަތުގެ ރަސްމީ ރިޒާވުން، ސަރުކާރުގެ މަޝްރޫޢުތައް ހިންގުމަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމަކީ ދަތިކަމެކެވެ. އަދި ރާއްޖޭގެ ފިސްކަލް ހާލަތު މިވަގުތު އޮތް ގޮތުންނާއި، ދަރަނިތައް އިންތިހާއަށް ބޮޑުވެފައިވުމުގެ ސަބަބުން ކުރިއަށް އޮތް އަހަރުގެ ދައުލަތުގެ ރިކަރެންޓު ހަރަދުތައް ލިބޭ އާމްދަނީ އިން ހަަމަޖެއްސޭނެކަމަށް ނުބެލެވޭކަމަށްވެސް ބުނެފައިވެއެވެ.
އެ މުއައްސަސާއިން ބުނެފައިވާގޮތުން ކުރިމަތިވެފައިވާ ދަތިތަކުގެ ސަބަބުން، ދައުލަތުގެ ރަސްމީ ރިޒާވުން ސަރުކާރުގެ މަޝްރޫޢުތަކަށް ބޭރު ފައިސާ ފޯރުކޮށްދިނުމުގައި ދަތިތަކެއް އެބަހުރިއެވެ. އެހެންކަމުން ބޭރުގެ ފައިނޭންސިންގެ ހަމަޖެހިފައިވާ މަޝްރޫޢުތަކަށް އިސްކަންދީގެން ކުރިއަށް ދާން ފެންނަކަމަށް ބުުނެފައިވެއެވެ.
މިކަމާއި މެދު އެ މުއައްސަސާއިން ދީފައިވާ ލަފާގައިވާގޮތުން، ރާއްޖޭގެ ފިސްކަލް ހާލަތު ހުރިގޮތުގެ ސަބަބުން، އިގްތިސާދީ މަންފާއެއް ހާސިލު ކުރުމުގެ ފުރުސަތު އޮތް މަޝްރޫޢުތައް ދެނެގަތުމަކީ މުހިންމުކަމެކެވެ. އަދި ކުރިއަށް ދާންވީ އެފަދަ މަޝްރޫޢުތަކާއިގެންކަމަށާއި ޕީއެސްއައިޕީއަށް ކުރަމުންދާ ހަރަދުތައް ކުޑަކުރުމަށްވެސް ލަފާދީފައިވެއެވެ.
2023 ވަނަ އަހަރުގެ އާމްދަނީއިން ދައުލަތުގެ ހަރަދުތައް ހަމަޖެއްސޭނެކަމަށް ނުބެލެވޭކަމަށް ބުނުން:
މި ވެރިކަމުގައި އިސްކޮށް ތިއްބެވި ފަރާތްތަކަށާއި، ސަރުކާރަށް އަމާޒުވަމުންދާ އެންމެ ބޮޑު އެއް ފާޑުކިޔުމަކީ ހަރަދުތައް އިތުރުވާ ވާހަކައެވެ. އާންމުނާއި އިދިކޮޅުންވެސް ހަރަދު ކުޑަކުރުމަށް ގޮވާލާއި އަޑު އުފުލާފައިވާއިރު، ރާއްޖޭގެ މަރުކަޒީ ބެންކުންވެސް ވަނީ ހަރަދު ކުޑަކުރުމުގެ މުހިންމުކަން ފާހަގަކޮށް އެކަމަށް އިލްތިމާޒްކޮށްފައެވެ.
އެމްއެމްއޭއިން ބުނެފައިވާގޮތުން ދިވެހިރާއްޖޭގެ މާލީ ހާލަތު ހުރި ގޮތުގެ ސަބަބުންނާއި ދަރަނީގެ އަދަދުތައް މަތިވެފައިވުމުގެ ސަބަބުން، 2023 ވަނަ އަހަރު ދައުލަތަށް ލިބޭ އާމްދަނީއިން ހަރަދުތައް ހަމަޖެއްސޭނެކަމަށް ގަބޫލެއް ނުކުރެވެއެވެ. އަދި ލަފާ ކުރާ އަދަދަށްވުރެ ރިކަރެންޓު ހަރަދުތައް އިތުރުވެގެންދާކަން ފާއިތުވެދިޔަ އަހަރުތަކަށް ބެލުމުން ސާފުވެގެންދާކަމަށް ބުނެފައިވެއެވެ.
އެހެންކަމުން އެމްއެމްއޭއިންވަނީ އާސަންދަ އަދި ފިއުލް ސަބްސިޑީގޮތުގައި ކުރަމުންދާ ހަރަދުތައް ކުޑަ ކުރުމަށް އިލްތިމާޒްކޮށްފައެވެ.
ޓެކްސް ބޮޑު ކުރުމަށް ނިންމި ނިންމުމާއިމެދު ކަންބޮޑުވުމާއި ފާޑުކިޔުން:
މާލީ ހާލަތު ދަށްވެގޮސް، ހަރަދުތައް ހަމަޖެއްސުމުގެ މަގެއް ގޮތުގައި ޖީއެސްޓީ އަދި ޓީޖީއެސްޓީ ބޮޑު ކުރުމަށް ނިންމި ނިންމުން ވެގެންދިޔައީ 2022 ވަނަ އަހަރުގެ އެންމެ ބޮޑު އެއް ބަހުސްއަށެވެ. ބައިނަލްއަގުވާމީ މާލީ މުއައްސަސާތަކުން ލަފާދީފައިވާގޮތުން ޖީއެސްޓީ ބޮޑު ކުރަން ރަނގަޅުނަމަވެސް އެކަން ކުރަންވާނީ ދިވެހިރާއްޖޭގެ ތަކެތީގެ އަގުތައް ވަކި މިންގަނޑެއްގައި ހިިފެހެއްޓުމަށްފަހުއެވެ.
އެހެންނަމަވެސް ސަރުކާރުންވަނީ މި ނިންމުމުގައި ހިފަހައްޓައި މަޖިލީސް މެދުވެރިކޮށް 2023 ވަނަ އަހަރުން ފެށިގެން މިކަން ތަންފީޒު ކުރުމަށް ކަނޑައަޅާފައެވެ. އިދިކޮޅު އަދި އާންމުނާއި އިދިކޮޅުންވެސްވަނީ ދެބަސްވުންތައް ހުރިކަން ފާޅުކޮށްފައެވެ. މަރުކަޒީ ބެންކުންވެސް ވަނީ އެ ނިންމުމާއިމެދު ކަންބޮޑުވުންތަކެއް ހުރިކަމަށް ފާހަގަކޮށްފައެވެ.
އެގޮތުން ޓެކްސް ފައިސާގެ އަދަދު 8 އިންސައްތައަށް އިތުރު ކުރުމުގެ ސަބަބުން ރާއްޖޭގެ އިންފްލޭޝަން ރޭޓް 5.9 އިންސައްތައަށް އުފިލިގެންދާނެކަމަށް ލަފާކޮށްފައިވާއިރު، ޖީއެސްޓީ އިތުރު ކުރުމުގެ ސަބަބުން ބައެއް ފަރާތްތަކުން ވިޔަފާރީގެ ފައިދާ އިތުރު ކުރުމަށް ފުރުސަތުގެ ބޭނުން ހިފާފާނެކަމަށް ވުމުން، ތަކެތީގެ އަގުތައް އުފުލިގެންދިއުމުގެ ބިރު އޮތްކަންވެސް އެ މުއައްސަސާއިން ފާހަގަކޮށްފައިވެއެވެ.
ހަރަދުތައް ކުޑަކުރުމުގެ މުހިންމުކަން އެމްއެމްއޭއިންވަނީ އެތައް ފުރުސަތެއްގައި ފާހަގަކޮށްފައެވެ. ހަމަ އެގޮތުން، ޓެކްސް ބޮޑު ކުރަން ނިންމި ނިންމުމާއިއެކުވެސް އެމްއެމްއޭއިންވަނީ ބަދަލުގައި ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމަކީ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ދެކޭ ކަމަށް ފާހަގަކޮށްފައެވެ.
މީގެ އިތުރުން، ޖިއެސްޓީ ބޮޑުކުރުމާއި ގުޅޭގޮތުން އެމްއެމްއޭއިން ބުނެފައިވާގޮތުން، މި ނިންމި ނިންމުމަކީ ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށް ބޭނުންކުރާ ވަސީލަތަކަށް ހެދުމަކީ އެދެވިގެންވާކަމެއް ނޫނެވެ.

