ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަހާއަށް ނެތް އިހުތިރާމް، އެހެން ބަޔަކަށްވެސް ނޯންނާނެ!

ސަރުކާރު ކޯލިޝަންގެ އެންމެ އިސް ލީޑަރުން
ޝެއާރކޮށްލާ ކަހަލަދޯ؟

އަހުވަންތަކަމުގެ ގުޅުމަކީ ކޮބައިކަން، އެހެންމެހާ ދިވެހިންވެސް ދަންނާނެއެވެ. ހަމަ އެހެންމެ އާއިލީ ގުޅުމާއި ދެބެއިން ދެމެދުގައިވާ ގުޅުމަށް ކުރަންޖޭހެ އިހުތިރާމުވެސް ދަންނާނެއެވެ. އެ ގުޅުންތަކަށް އިހުތިރާމް ނުކުރާ ނަމަ، އެހެނިހެން ކަންކަމަށް އިހުތިރާމް ކުރާނެކަމަށް ގަބޫލު ކުރަންވެސް ދައްޗެވެ. އިސްލާމީ ދައުލަތެއްގެ ވެރިކަމަށް ވަޑައިގަންނަ ފަރާތެއްގެ ކިބައިން މިފަދަ ނޭދެވޭ އެއްވެސް ކަމެއް ފެނިގެންދާނަމަ، ރައްޔިތުންނަށް އެ ލިބިގެންދަނީ ނުރައްކާތެރި އިންޒާރެކެވެ.

އަހުވަންތަ ކަމުގެ ގުޅުމުގެ އިތުރުން، އެ ގުޅުމުގެ ދަށުން ވެވޭ ވައުދުތައް ދެމެހެއްޓުމަކީވެސް އެހާމެ މުހިންމު ކަމެކެވެ. ހާއްސަ ގޮތެއްގައި ވެރިކަމަށް ވަޑައިގަތުމަށް ގަސްދު ކުރައްވާ ފަރާތެއްގެ ކިބައިން މި ސިފަތައް ފެނިގެންދިއުން މުހިންމެވެ. އާހިރުގައި ތަހުތައް އަރައިވަޑައިގަންނަވާ ބޭފުޅަކު ވަޑައިގަންނަވަނީ އެންމެހާ ރައްޔިތުންނަށް އެތައް ވައުދެއް ވުމަށްފަހު، އެ ރައްޔިތުންގެ އިތުބާރުވެސް ހާސިލު ކުރެއްވުމަށްފަހު ކަމަށްވުމުން، ވައުދުތައް ދަމަހައްޓާ މީހަކަށްވުމަކީ ވަރަށްވެސް މުހިންމު ކަމެކެވެ.

އެހެންކަމުން ގާތް އަހާއަށް އެއްވެސް އިހުތިރާމެއް ނެތި، ގާތް އަހާ އާއި ދެމެދު ވެވޭ އެއްބަސްވުންތަކާއި އެ ދެމެދު ވެވޭ ވައުދުތަކަށް އިހުތިރާމެއް ނެތް މީހެއްގެ ހިތުގައި، ދުރުތާ ބަޔަކަށް ވާ ވައުދުތަކަށްވެސް ކުރާނެ އިހުތިރާމެއް ނޯންނާނެއެވެ. އޮތް ނަމަވެސް އޮންނާނެކަމަށް ގަބޫލު ކުރުން ވެގެންދާނީ ދަތިކަމަކަށެވެ.

ހަމަ އެގޮތަށް ގާތް އަހެއް ނުވަތަ ތިމާގެ އާއިލީ މީހެއްގެ ފޭރާން ވީދައި، އެނާ މަގުމަތިކޮށްލުމުގެ ގާބިލުކަން ހުރި މީހަކު، ދުރުތާ ގިނަ އަދަދެއްގެ ބައެއްގެ މައްޗަށް ވެރިއެއްގެ މަގާމަށް އައުމަކީވެސް ބިރުވެރި ހިޔާލެކެވެ. އެފަދަ މީހަކު ދުރުތާ މީހަކަށް ހަދާފާނެ ގޮތެއްވެސް ނޭނގޭނެއެވެ. އަންދާޒާ ކުރަންވެސް ދައްޗެވެ.

މިހާރު ދިވެހިރާއްޖެއިން ފެނިގެންދަނީ މިފަދަ މަންޒަރުތަކެކެވެ. ފެނިގެންދަނީ ގިނަ އަހަރުތަކެއް އެކުގައި މަސައްކަތްތަކެއް ކޮށްފައިވާ އާއިލި ބޭފުޅުންތަކެއްގެ މެދުގައި، ވެރިކަމުގެ އެދުމާއި ޖެހި، ކޯޅުންތަކެއް އުފެދި، ހެއްދި ޑިމޮކްރެސީގެ ގަހުގައި އަޅާވައިވާ މޭވާތައް ފާވެގެންދާ މަންޒަރެވެ. ފެންނަނީ ފައްކާވުމުން ބިނުމަށް ދިއްކުރާ އަތް ބިންދާލާ މަންޒަރެވެ.

ގާތް ގުޅުމެއްގެ ތެެރެއިން އެކުގައި މަސައްކަތްތަކެއް ކުރައްވައި، ތިރީސް އަހަރުގެ ހުދުމުހުތާރު ވެރިކަމެއް ނިމުމަކަށް ގެނައުމަށްފަހު ފެނިގެންދަނީ އެކަކު އަނެކާގެ ކަރުގައި ހިފާ ފައްތާލުމަށް މަސައްކަތްކުރާ މަންޒަރުކަމަށް ބުނެވިދާނެއެވެ. ވަރަށްވެސް މަންޒަރު ހުތުރެވެ. އިވިގެންދާ އަޑުތައް އެއަށްވުރެ ހަޑިއެވެ.

ފެނިގެންދަނީ އަމިއްލަ އަހާގެ ކާމިޔާބީތައް ހަޖަމު ނުވާ މަންޒަރާއި، ތަހުތުގެ ދަހިވެތިކަމުގައި އަނެކާގެ ކުރިމަގަށް ހުރަސްތަކެއް އެޅުމަށް މަސައްކަތްތަކެއް ކުރަމުންދާ މަންޒަރެވެ. މިކަމުގެ ތެރެއިން ގުރުބާން ކުރަނީ ދެބެއިންނަށް އިއްޒަތާއި އަރާމު ހޯދައިދިނުމަށް މަސައްކަތްކޮށްދެއްވި އިހުލާސްތެރި އާންމުންނެވެ. ވަރަށްވެސް ހިތާމަވެރި މަންޒަރެކެވެ.

ވަކި ކުރެވިފައިވާ ބާރުތަކުގެ އިސްވެރިންގެ މަގާމުގައި ތިއްބަވި ބޭފުޅުންތަކެއްގެ ތެރޭގައި ފެނިގެންދަނީ އިތުރަށް ބާރުތަކެއް ހޯދުމަށް މަސައްކަތްކުރާ މަންޒަރެވެ. އެކަކުގެ ކިބައިން މާގިނަ އިޝާރާތްތަކެއް ނުފެނުނު ނަމަވެސް، މި ވަގުތު މައިދާނުގެ ބާރު އޮތީ އެއް ފަރާތެއްގައި ކަމަށްވުމުން، އެ ފަރާތަށް ތާއީދު ކުރާ އިސް ކުޅުންތެރިން ޖަހަމުންދާ ބޯޅަތަކުގެ ފަހަތުގައި އެމީހެއްގެ އަތެއް ނުވެ ނުދާނެކަން ޔަގީނެވެ.

ނުފުދިވާ ވައުދުތަކެއް ހުރިކަމަށްބުނެ، އެކަކު އަނެއްކާއަށް އަމާޒު ކުރަމުންދާ ތުހުމަތުތަކުގެ ސަބަބުން، ދިވެހި ރައްޔިތުންގެ ހިތުގައި އުފެދިފަނީ ނުތަނަވަސްކަމާއި ނާމާންކަމެވެ. އަދުލު އިންސާފުގެ ނިޒާމު ނެތިގޮސްދާނެކަމުގެ ބިރު ހީވެ، އިންސާފު ގާއިމުކޮށްދެއްވުމަށް ތިއްބެވި ފަރާތްތަކުގެ މައްޗަށް ކުރަމުންދާ އިތުބާރު ގެއްލިގޮސްފިއެވެ. ނެތިދަނީ އެކަކު އަނެއްކާއަށް އަމާޒުކުރަމުންދާ ތުހުމަތުތަކުގެ ސަބަބުންނެވެ.

އެއްކޮޅުން ބުނާގޮތުން، އަނެކާވަނީ ޝަހުސިއްޔަތުގެ ނުފޫޒު ބޭނުންކޮށް، ތާއީދުކުރާ މީހުނާއި ގުޅުން ހުރި މައްސަލަތަކުގެ ޝަރީއަތުގެ މަރުހަލާތައްވެސް ހުއްޓުވާލާފައެވެ. ހުއްޓުވާލިކަމަށް ތުހުމަތު ކުރަނީ ހިތާމަވެރި އަދި ހުރުތު މައްސަލައެކެވެ. ޖިންސީ ފުރައްސާރަ ނުވަތަ ރޭޕުގެ މައްސަލައެކެވެ. މިއީ ބިރުވެރިކަމެއް ހިތަށް ވެރިވާ ތުހުމަތެކެވެ.

ދިވެހިރާއްޖޭގެ މާލީ ހާލަތު ދަށްވުމުގެ ޒިންމާވެސް މިހާރު އަޅުއްވަނީ އަނެކާގެ ބޮލުގައެވެ. ދަރަނީގެ ވާހަކަތައް ކޮންމެ ދުވަހަކުވެސް ދެއްކެވި ކަމަށްވީނަމަވެސް، އެވާހަކަތައްވެސް އައްސަވާފައިނުވާކަމަށް ބުނެއެވެ. އަނެއްކޮޅުން ބުނާގޮތުން، މަސައްކަތްކުރަމުންދަނީ ގަސްތުގައި ގައުމު އިނދަޖެއްސުމަށެވެ. އެހެންނަމަވެސް މިއީ އަދި ކުޑަ މިންވަރެކެވެ. އެންމެ ބޮޑު ތުހުމަތެއްގެ ގޮތުގައި ކުރެއްވީ ޒިނޭގެ ތުހުމަތެވެ.

އެހިސާބުން، ރައްޔިތުންގެ ތެރޭގައި އެންމެ ގަދަރު ލިބިގެންވާ އިސްލާމީ ދައުލަތެއްގެ ވެރިޔާ، އިސްލާމީ އުސޫލުތަކާއި، ރާއްޖޭގެ ގާނޫނުތަކަށް ތަބާ ނުވާކަމަށް ހީވެގެންދިޔައެވެ. ޝައްކުތައް ކުރެވިގެންދިޔައީ، އެކަމުގެ ހެކިތަކެއްވެސް އެކަކުގެ އަތުގައި ހުރިކަމަށް ބުނިކަން ފެނިގެންދާ މުއާމަލާތްތަކެއް ރައްޔިތުންގެ މެދުގައި އާންމުވެގެންދިއުމާއި ގުޅިގެންނެވެ.

ދެރައީ ދެބެއިންގެ ތެރޭގައި ޖެހުނު މައްސައެއްގެ ތެރެއިން ސާބިތު ނުހިފޭ ތުހުމުތަކެއް ކުރުމުގެ ސަބަބުން، އަނެކާގެ އާއިލާއަށްވެސް އެކަމުގެ ދެރަތައް ލިބިގެންދިޔައީމައެވެ. އާހިރުގައި ދެބެއިންކަމަށްވުމުން، ގެއްލުންތަކެއް ދެވުނީވެސް އަމިއްލަ އާއިލާއަށެވެ. އަދި އެކަމުގައި ބައިވެރިވިކަމަށް ބުނާ ހިލޭ އަންހެންމީހާގެ ނަންވެސް ވެއްޔާއި މޮޑެވިގެންދިޔައީމައެވެ.

މިއަދާއި ޖެހެންދެންވެސް މިކަމުގެ ސުވާލުތައް ކުރެވެމުންދެއެވެ. ދޮގު ކުރިނަމަވެސް، އަދިވެސް ރައްޔިތުންގެ ހިތުން ޝައްކުތައް ފިލައިގެންދާ ތަން ނުފެނެއެވެ. ތެދެއް ނުވަތަ ދޮގެއް ކަން ނޭނގުނު ނަމަވެސް، އެނގޭ އެއް ކަމަކީ، އެކަމާއި މެދު ކުރެވޭ ކޮންމެ ސުވާލަކުން އެއްކަލަ ތުހުމަތުގެ ޒަހަމު ފުންވެ އާވެގެންދާނެކަމެވެ.

މި ކޯޅުންގަނޑުގެ ތެރެއިން އެކަކު ޖުމުލަކޮށް ހަނު ހުރި ނަމަވެސް، އެ ފަރާތުންވެސް ވަނީ އަދާވާތްތެރިކަމުގެ ސިފަތަކެއް ފާޅުކޮށްފައެވެ. އެގޮތުން 2012 ވަނަ އަހަަރު ގާއިމުކުރެވިފައިވާ ވެރިކަން ވެއްޓިގެންދިއުމުގެ ޒިންމާ މިހާރު އަޅުވަމުންދަނީ އޭރު ހަވާލުވެ ހުންނެވި ބޭފުޅާގެ ބޮލުގައެވެ. އެނާގެ ފަރާތުން އެކަން ކުރައްވަމުންދަނީ ގާތްކޮށް މަސައްކަތްކުރައްވާ ބޭފުޅުންނެވެ. ދެބެއިންގެ މައްސަލައެއްގެ ތެރެއަށް ބީރައްޓެހިން ވެއްދުމަކީވެސް ރަނގަޅު ގޮތެއް ނޫނެވެ.

ބުނާ ގޮތުން، އެތައް މަސައްކަތަކެއް ކޮށްގެން ޖަލުގެ ތޭރިތަކުގެ ފަހަތުގައި ދުވަސްތަކެއް ތަހައްމަލު ކުރުމަށްފަހު، ގެނައި ވެރިކަމެއް ހަވާލު ކުރުމުން، އަނެއް ދުވަހުގެ އިރު މެދު ނުޖެހެނީސް އަތުން ބީވެގެންދާން ދޫކޮށްލީއެވެ. ވެރިކަމުގެ ފޮނި ބުއިމަށްފަހު، ”ހަނީމޫން“ ނިމުމާއިއެކު، ތަހުތާއި އަލްވަދާއުކީއެވެ. ސިފަކުރިގޮތުން، އެއީވެސް ކައިވެންޏެއް ކުރުން ފަދަ ކަމެކެވެ. އަދި ނުދެމެހެއްޓުނީ އެފަދަ ގާބިލުކަމެއް ނެތުމުންނެވެ.

ބައެއް ފަރާތްތަކުން ކުރާ ސުވާލަކީ، ވެރިކަން ވެއްޓިގެންދިޔައީ ކޮން ރިއެކްޝަނެއް މެދުވެރިވެގެންތޯއެވެ. އަދި ވެރިކަމާއި އަލްވަދާއު ކިޔަންޖެހޭ ވަރުގެ އެއްވެސް ހާލަތެއް މެދުވެރިވެފައިނުވާކަމަށް މިހާރު ބުނަމުންދަނީ އޭރު ކޮނޑާއި ކޮނޑު ޖައްސާ ބަގާވާތެއްކޮށް، މަޖުބޫރުކޮށްގެން ވެރިކަމުން ބޭލިކަމަށް ބުނެ އަޑު އުފުލި މީހުންނެވެ. ވަރަށްވެސް ހިތާމަވެރިއެވެ. އެއް ގެއެއްގައި ދިރިއުޅެމުންދާ ބަޔަކުގެ މެދުގައި ކުރެވެމުންދާ ހަނގުރާމައެއްގައި ހަތުރުވެރިކަން ހުރި މިންވަރުން ބޮޑުކަމުން އެކަކު އަނެކާ ގުރުބާން ކުރަމުންދަނީ އެންމެހާ ރައްޔިތުންގެވެސް ކުރިމަތީގައެވެ.

ވެރިކަމަށް ވަޑައިގަންނަ ފަރާތެއްގެ ކިބައިން އެތަކެއް ނޭދެވޭ ސިފަތަކެއް ފެނިގެންދިއުމަކީ ދިވެހި ރައްޔިތުންނަށް ވޭތުވެދިޔަ ކޮންމެ ވެރިކަމެއްގައިވެސް ތަހަމަލު ކުރަންޖެހުނު ވޭނެކެވެ. ވަޑައިގަތުމުގެ ކުރިން ޕޯޑިއަމް މަތިން ފެނިގެންދާ މީހާ އަދި ތަހުތުގައި އިޝީނުމަށްފަހު ފެނިގެންދާ މީހާ ތަފާތުކަމަށް ބުނެއެވެ. ވާނީވެސް އެހެންނެވެ. ފެންނާނީ ދެއްކި މޫނެއްކަމަށްވުމުންނެވެ.

އެހެންނަމަވެސް މިކަމަށް ހައްލުތަކެއް ގެނެވިދާނެއެވެ. ޕާޓީތަކެއް އުފައްދައިގެން ދިވެހި ރައްޔިތުން ބައިބައިވެފައި ތިބި ތިބުން ނިމުމަކަށް ގެނެސް، ތަފާތު ފިކުރުތަކާއި ހިޔާލުތަކެއް ހުރިނަމަވެސް، އިންސާފު ގާއިމު ކުރުން ފަދަ ކަންކަމުގައި އެއް އަޑަކުން ގޮވާލައި، އެކަތިގަނޑެއްގެ ގޮތުގައި ނުކުމެއްޖެ ހާލަތެއްގައި އެ ނޫން ގޮތެއް ނޯންނާނެއެވެ. އާހިރުގައި ތަހުތުގައި އިޝީނަން ފުރުސަތު ދެނީ ރައްޔިތުންކަމަށްވުމުންނެވެ. ހަގީގީ ވެރިންނަކީވެސް އެ ފުރުސަތު ދިން ރައްޔިތުން ކަމަށްވުމުން މިއީ ކަން ހިނގާނެ ގޮތުގެ ހަގީގަތްކަން ސަބަބުވެރި ކޮންމެ އިންސާނަކަށްވެސް ޔަގީންވާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: