އިލެކްޝަންސް ކޮމިޝަނުން މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) 20،000 ރުފިޔާ އިން ޖޫރިމަނާ ކޮށްފައިވަނީ ގާނޫނާއި ހިލާފަށް ކަމަށް އެޕާޓީން ބުނެފިއެވެ.
2019 ވަނަ އަހަރުގެ އޮޑީޓް ރިޕޯޓް އެމްއާރުއެމް އިން އިލެކްޝަނަށް ހުށަހަޅާފައި ނުވާކަމަށް ބުނެ އެ ޕާޓީ ޖޫރިމަނަކޮށްފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމްއާރުއެމް ރަޖިސްޓްރީ ކޮށްފައިވަނީ 2019 ގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ކަމަށެވެ.
2019 ވަނަ އަހަރުގެ 42 ދުވަހުގެ ހިސާބު 2020 ވަނަ އަހަރުގެ ހިސާބާއި އެއްކޮށް ހުށަހެޅުމަށް އެމްއާރުއެމް އިން އިލެކްޝަންސް ކޮމިޝަނަށް ސިޓިއަކުން އެދިފައިވާނެ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.
އެމްއާރު އެމްއިން ސިޓި ފޮނުވައި ދެއަހަރުގެ އޮޑިޓް ރިޕޯޓް ހުށަހެޅުމަށް އެދިފައިވަނިކޮށް އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ގާނޫނު 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައި ގެޒެޓްކޮށްފައިވާ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.
އެމްއާރުއެމް އިން 2019 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓު ހުށަނާޅާ ކަމަށް ވިދާޅުވެ، ޖޫރިމަނާކުރިކަމަށް އަންގާ، 2022 ވަނަ އަހަރުގެ ޑިސެމްބަރ 29 ގައި ފޮނުއްވާފައިވާ ސިޓީ އާއި އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް ޓުވިޓަރގެ ޒަރީއްޔާއިން މީސްމީޑިއާއަށް މިކަން ހާމާކޮށް ކުރައްވާފައިވާ ޓުވީޓަކީ އިލެކްޝަންސް ކޮމިޝަނުން ކަންކަން ބައްލަވަންޖެހޭ މިންވަރަށް ނުބައްލަވާ ކުރައްވާފައިވާ ކަމެއްކަމުގައި އެމްއާެރުއެމްގެ ބަޔާނުގައިވަނީ ބުނެފައެވެ.
އެހެންކަމުން ވިހިހާަސް ރުފިޔާ އިން ޖޫރިމަނާކުރި ނިންމުން އަލުން މުރާޖާ ކުރުމަށް އެމްއާރު އެމް އިން ވަނީ އިލެކްޝަންސް ކޮމިޝަނަށް ގޮވާލާފައެވެ.
2021 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުވެސް ޤާނޫނުގައި ބުނާ މުއްދަތު ހަމަވުމުގެ ކުރިން ވާނީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށާއި އަދި 2022 ވަނަ އަހަރުގެ އޮޑިޓްގެ މަސައްކަތް މިހާރު ކުރެވެމުންދާކަމަށް އެމް.އާރް.އެމްގެ މެންބަރުންގެ މަޢުލޫމާތަށްޓަކައި ދަންނަވާ ކަމަށްވެސް އެމްއާރުއެމްގެ ބަޔާނުގައި ވެއެވެ.

