ރައީސް އިބްރާޙިމް މުހައްމަދު ސާލިހު މި ގައުމު ވިއްކާލައިފި ކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރޭ އިދިކޮޅުން ކުރިއަށްގެންދިޔަ މުޒާހަރާގައި ސައީދު ވިދާޅުވީ މި ސަރުކާރުން ރާއްޖޭގެ ކަނޑާއި ފަޅު ވިއްކާލާފައިވާ ކަމަށެވެ.
ސައީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި 25 އަހަރު ހުރިނަމަވެސް ޅޮސްގަހެއް ވާނީ ޅޮސް ގަހަކަށް ކަމަށެވެ.
މިހާރު ސިފައިންނާ ފުލުހުންގެ އެހީތެރިކަމާއެކު، ޅޮސްގަހެއް އުފުއްލިއަކަސް ދިވެހިރައްޔިތުންނަކަށް އިހުސާސެއް ނުކުރެވޭ ދިވެހިވަންތަ މި ދައުލަތުގެ ރަތާއި ފެއްސާއި ހުދުގެ ވެރިކަމަކަށް. ވަތަން އެދި ގޮވަނީ މިފަދަ ޣައްދާރުން ބަލިކުރަން. އަޅުގަނޑުމެންގެ ލީޑަރު ފަސްއަހަރު ވަންދެން ދެމުންދިޔަ އަނިޔާގައި ކެތްކޮށްފި. ޖަލަށްލީމާ ކެތްކޮށްފި. 800 އެއޮންނެވީ ޖަލުގައި. އެމަނިކުފާނުގެ ކުށަކީ މިއޮތް ބްރިޖް އެޅުންތޯ؟
ސައީދު ވިދާޅުވީ ކުރީގެ ރައީސް ޔާމީން އެޅުއްވި ތަންތަން ފެންނަން ހުރި ކަމަށާއި އޭގެތެރޭގައި ސަލްމާން މިސްކިތާއި އެއަރޕޯޓް ހިމެނޭ ކަމަށެވެ.
ސައީދު ވިދާޅުވީ 7 މިލިއަން ފަތުރުވެރިންނަށް ރާއްޖެ އާދެވޭނެ ތަސައްވުރު ކުރަހައި އެވިސްނުން ގެނެސް އެކަން ހަގީގަތަކަށް ހައްދަވައިދެއްވީ ކުރީގެ ރައީސް ޔާމީން ކަމަށެވެ.
އެއްބިލިއަން އެމެރިކާ ޑޮލަރުގެ ރިޒާވް އޮއްވައި ވެރިކަން ވަނީ ވަގަށް ނަގާފައި ކަމަށް ސައީދު ތުހުމަތު ކުރެއްވިއެވެ.
ސައީދު ވިދާޅުވީ ރައީސް އިބްރާޙިމް މުހައްމަދުގެ ވާދަވެރި ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރިޒާވް އާއި ގުޅިގެން ދައްކާ ވާހަކަ އަކީ ތެދެއް ކަމަށެވެ. އެގޮތުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ މިހާރު ރިޒާވްގައި ހުރީ އާދައިގެ ފިހާރައެއްގެ ފިކްސްޑް ޑިޕޮޒިޓް އެކައުންޓެއްގައި ބަހައްޓާލާވަރުގެ ފައިސާކޮޅެއް ކަމަށް ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ މިރާއްޖޭގެ ވަކިލާރިކޮޅަށް ދަންދެން ސަރުކާރުން ހުސްކޮށްލާފައިވާ ކަމަށެވެ.
ހަނޑުލާއި ހަކުރާއި ފުށް މިއަދު ގަންނަން ޖެހެނީ އިންޑިއާ އިން ކަން ފާހަގަކޮށް ސައީދު ވިދާޅުވީ އެކަންވެސް ކުރަނީ ސިއްރުންކަމަށާއި އެގަންނަ ރޭޓެއް އަގެއް ރައްޔިތުންނަށް ނޭނގޭ ގޮތަށް ލޯނު ނަގައިގެން ކަމަށެވެ.
ސައީދު ވިދާޅުވީ އަނެއްކާވެސް އިދިކޮޅުން އެމްއެމްއޭ އަށް ދާ ކަމަށާއި ދަނީ މަޖުބޫރުން ކަމަށެވެ.
އިދިކޮޅުން ރާއްޖޭގެ ބޭންކް ތަކަށް ދާ ކަމަށާއި އިދިކޮޅުން އަންނަނީ ރައީސް ޔާމީން އާ އެކު ރާއްޖޭގެ ވެރިކަމާއި ހަވާލްވުމަށް ކަމަށް ސައީދު ވިދާޅުވިއެވެ.

