އޭޑީކޭ ހޮސްޕިޓަލުގައި، ހައިޕާބެރިކް ޓްރީޓްމަންޓުގެ ހިދުމަތް ދޭން ފަށައިފި އެވެ.
ރާއްޖޭގެ ހޮސްޕިޓަލެއްގައި ފުރަތަމަ ފަހަރަށް ދޭން ފެށި ހައިޕާބެރިކް ޓްރީޓްމަންޓުގެ ހިދުމަތް ފަށައި، އެކަމުގެ ތަފްސީލުތައް ނޫސްވެރިންނާއި ވަނީ ހިއްސާކޮށްފަ އެވެ.
ޑީކޮމްޕްރެޝަން ޗެމްބަރުގެ ދެ މެޝިންއިން ދޭ މި ހިދުމަތް ރަސްމީކޮށް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ޑައިވިން ދާއިރާގައި މަސައްކަތް ކުރާ އިސް މީހުން ވެސް ބައިވެރިވި އެވެ. ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި، އޭޑީކޭގެ ޗީފް މެޑިކަލް އޮފިސާރ ޑރ. އަބްދުﷲ ނިޔާފް ވިދާޅުވީ މި ހިދުމަތް ހޮސްޕިޓަލުގައި ތައާރަފު ކުރީ ފީނުމުގެ ތެރޭގައި ޑީކޯވާ މީހުންގެ އަދަދު އިތުރުވާތީ އެއް ނޫން ކަމަށެވެ. ނަމަވެސް މިއީ މަދުން ނަމަވެސް، ދިމާވާ ހާލަތަކަށްވާއިރު ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އެފަދަ ފަރުވާ ލިބެން ހުރި ރިސޯޓަކުން ފަރުވާ ހަމަޖެއްސުމަށް ކުރަން ޖެހޭ މަސައްކަތްކަމަށް އޭނާ ވިދާޅުވި އެވެ.
ބައެއް ރިސޯޓުތަކުގައި މަދުން ނަމަވެސް، މި ފަރުވާދޭއިރު އެ ފަރުވާ ހޯދުމަށް ފަރުވާ ބޭނުންވާ މީހާ ކަނޑެއް ހުރަސްކޮށް އެ ރިސޯޓުތަކަށް ގެންދަން ޖެހޭކަން ފާހަގަކޮށް ޑރ. ނިޔާފް ވިދާޅުވީ އެގޮތަށް ތަކުރު ކުރަން ޖެހުމަކީ އެއީ އެންމެ ރައްކާތެރި ގޮތެއް ނޫން ކަމަށެވެ. އަދި ގިނަ ފަހަރަށް ޗެމްބަރު ހުރި ނަމަވެސް އެކަމަށް ހާއްސަ ޑޮކްޓަރެއް ނެތުން، ނުވަތަ ފުރިހަމަ ވަސީލަތްތައް ނުހުންނަކަމަށް ޑރ. ނިޔާފް ވިދާޅުވި އެވެ.
އެހެންކަމުން އޭޑީކޭގެ މި ހިދުމަތާއި އެކު އަވަސް ފަރުވާގެ ދަށުން ހުރިހާ ވަސީލަތްތަކެއް ހުރެ ބަލި މީހާގެ ހާލަތު ކައިރިން ބެލެހެއްޓޭނެކަމަށް ޑރ. ނިޔާފް ވިދާޅުވި އެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ރާއްޖެ މަޝްހޫރުވެފައި ވަނީ ޑައިވް ކުރުމާއި ކަނޑު އަޑީގެ ރީތިކަމަށްވާއިރު ފަތުރުވެރިން ވެސް ރާއްޖެ އައުމުގައި އެ މީހުންނަށް ވަކި ސިއްހީ ހާލަތެއް މެދުވެރިވެއްޖެ ނަމަ ލިބެން ހުރި ފަރުވާތަކާއި މެދު ވިސްނާނެ ކަމަށެވެ. އެހެންވެ، މައި ހޮސްޕިޓަލެއްގައި މިފަދަ ހިދުމަތެއް ލިބެން ހުރުމުގެ މުހިންމުކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މިއީ އެއްވެސް ގޮތެއްގައި ވިޔަފާރީގެ ވިސްނުމެއް ނޫންކަމަށާއި، އަދި ކުރަން ޖެހުނު ހަރަދުތަކާއި އަދި އެ ނޫން ވެސް މަސައްކަތްތަކަށް ބަލާއިރު އެ ރިކަވަރީއެއް ނުލިބޭނެކަމަށް ފާހަގަކޮށް ރަސްމިއްޔާތުގައި މައުސޫމް ވެސް ވިދާޅުވީ ފީނާ މީހުން އަބަދުވެސް ބަލާނީ އެ ޗެމްބަރުގެ ފަރުވާ ނުހޯދައި މަސައްކަތް ކުރެވެނެ ގޮތެއް ކަމަށެވެ.
ރާއްޖޭގައި ދޭތެރެއަކުން މަސްވެރިކަން ކުރާ މީހުން އެން ދަމަން ފީނަން އުޅުމުގެ ތެރޭގައި ވެސް ހާލު ދެރަވެ ފަރުވާ ދޭން ޖެހިފައި އެބަހުއްޓެވެ.
އެޑީކޭގައި ދެ ޗެމްބަރު ބަހައްޓައި އެކަމަށް ޑޮކްޓަރުން ވަނީ ތަމްރީނުކޮށްފަ އެވެ.
ހައިޕަބަރިކް އޮކްސިޖަން ތެރަޕީ އަކީ ސްކޫބާ ޑައިވިންގ ގެ ނުރައްކާ ކުރިމަތިވެދާނެ ޑިކޮމްޕްރެޝަން ސިކްނެސްއަށް ރަނގަޅަށް ގާއިމުވެފައިވާ ފަރުވާއެކެވެ. ހައިޕަބެރިކް އޮކްސިޖަން ތެރަޕީން ފަރުވާ ލިބޭ އެހެން ހާލަތްތަކުގެ ތެރޭގައި ހިމެނެނީ؛
ސީރިއަސް އިންފެކްޝަންތައް ނުވަތަ ފަސޭހަ ނުވެ ހުންނަ ބޮޑެތި ފާރުގަނޑުތައް
ލޭހޮޅިތަކުގައި ދިމާވާ މައްސަލަތައް
ހަކުރުބަލީގެ ސަބަބުން ނުވަތަ ރޭޑިއޭޝަން އިންޖަރީގެ ސަބަބުން ރަނގަޅު ނުވެދާނެ ޒަހަމްތައް
ހައިޕަރބެރިކް އޮކްސިޖަން ތެރަޕީ ޗެމްބަރެއްގައި ވައިގެ ޕްރެޝަރު އާންމު ވައިގެ ޕްރެޝަރަށްވުރެ 2 ގުނައާއި 3 ގުނައަށް އިތުރުވެއެވެ. މި ހާލަތްތަކުގައި އާންމު ވައިގެ ޕްރެޝަރުގައި ސާފު އޮކްސިޖަން ނޭވާލާއިރު ކުރެވޭ ވަރަށް ވުރެ ގިނަ އޮކްސިޖަން ފުއްޕާމޭއަށް އެއްކުރެވޭނެ އެވެ.
މި އިތުރު އޮކްސިޖަން ބެކްޓީރިއާއި ދެކޮޅަށް މަސައްކަތް ކުރުމަށް އެހީތެރިވެދެއެވެ. އަދި ގްރޯތް ފެކްޓަސް އާއި ސްޓެމް ސެލްސް ކިޔާ މާއްދާތައް ދޫކުރުމަށް މަގުފަހިކޮށްދޭއިރު، މިއީ ފަސޭހަވުމަށް މަގުފަހިކޮށްދޭ މާއްދާތަކެކެވެ.

