ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިދުމަތުގެ އަގު ބޮޑުކުރި ނަމަވެސް އެހެން ހޮސްޕިޓަލް، ކްލިނިކްތަކަށް ވުރެ އޭޑީކޭގެ އަގުތައް ކުޑަވާނެ: އަފްއާލު

ޑީކޭ ހޮސްޕިޓަލުގެ 35 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ބޭއްވި ޖަލްސާގައި އޭޑީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އަފްއާލް/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ހިދުމަތްތަކުގެ އަގާއި، ޑޮކްޓަރަށް ދެއްކުމުގެ ފީތަކަށް ބަދަލުތަކެއް ގެނައި ނަމަވެސް މިއީ އަދިވެސް ރާއްޖޭގެ އެހެން ހޮސްޕިޓަލްތަކާއި ކްލިނިކްތަކާއި އަޅާބަލައި އަދިވެސް ކުޑަ އަގެއްކަމަށް އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަފްއާލު ވިދާޅުވެއްޖެ އެވެ.

2020 އިން ފެށިގެން އިގްތިސާދަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކޮށް، އިއްޔެ އާއްމު ކުރި ބަޔާނެއްގައި އޭޑީކޭ ހޮސްޕިޓަލުން ބުނީ އިންފްލޭޝަން ރޭޓު މަތިވެ މުދަލާއި ހިދުމަތުގެ އަގުތައް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބޮޑުވެފައިވާ ކަމަށެވެ. އެހެންވެ ތަނުގެ ހިންގުމުގެ ހަރަދުތައް، އެތައް ގުނައެއް ބޮޑުވުމާއި އެކު ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތް ފޯރުކޮށްދިނުމަށް އެ ހޮސްޕިޓަލުން ދެމުން ގެންދާ ހިދުމަތްތަކުގެ އަގު ބުރާސްފަތި ދުވަހުން ފެށިގެން ބޮޑު ކުރުމަށް ނިންމީ ކަމަށެވެ.

އަގުތަކަށް ގެނައި ބަދަލުތަކަށް ބައެއް އާއްމުންގެ ފާޑުކިއުންތައް އަމާޒުވެފައި ވާތީ، މިއީ ކޮންކަމަކާއި ގުޅިގެން ގެނައި ބަދަލެއް ތޯ ސާފު ކުރުމަށް ”ސަންގު“ އިން އަފްއާލުއަށް ގުޅުމުން އެކަމުގެ ތަފްސީލުތައް ދެއްވި އެވެ. ރާއްޖޭގެ އެންމެ ބޮޑު އެއް ޕްރައިވެޓް ހޮސްޕިޓަލް އޭޑީކޭއަކީ ސަރުކާރު ހޮސްޕިޓަލްތަކަށް ވެސް ނުދެވޭ ބައެއް ސިއްހީ ހިދުމަތްތަކާއި ސާޖަރީ އަދި އޮޕަރޭޝަންތަކެއް ކުރާ ހޮސްޕިޓަލެކެވެ. ގިނަ އަދަދެއްގެ އާއްމުން ހޮސްޕިޓަލުން ހިދުމަތް ހޯދާއިރު އަފްއާލު ވިދާޅުވީ އަގުތަކަށް ބަދަލު ގެނައީ އިތުރު ގޮތެއް ނެތިގެން ކަމަށެވެ. އަދި މި ބަދަލުތައް ގެންނަން ފަށާނީ އާއްމުންނަށް ދަތި ނުވާހެންކަން އޭނާ ފާހަގަކުރި އެވެ.

ހާލަތަށް ރިއާޔަތްކޮށް، ހިދުމަތުގެ އަގުތަކަށް ބަދަލު ގެނައުން ނޫން އިތުރު ގޮތެއް ނެތްކަން ފާހަގަކޮށް އަފްއާލު ވިދާޅުވީ މި ބަދަލުތައް ތަންފީޒު ކުރަމުން ދާނީ ފޭސްތަކަކަށް ބަހާލައިގެން ކަމަށެވެ. ހިދުމަތުން 15 – 20 އިންސައްތަ އަގު ބޮޑު ކުރުމަށް ނިންމައި، އެކަން އޭޑީކޭ ހޮސްޕިޓަލުން އާއްމު ކުރުމުން ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވެގެން ދިޔަ އެވެ. އަދި ސިއްހީ ހިދުމަތްތަކުން މިހާ ބޮޑު އިންސައްތައަކުން އަގުތަކަށް ބަދަލު ގެނަން ނިންމި ސަބަބާއި މެދު އުފައްދާ ސުވާލުތަކަށް އަފްއާލު ވިދާޅުވީ އަގުތަކަށް ގެންނަ ބަދަލާއި އެކު ވެސް ރާއްޖޭގެ އެހެން ހޮސްޕިޓަލް އަދި ކްލިނިކްތަކާއި އަޅާ ބަލައި އޭޑީކޭގެ އަގުތައް ހެޔޮވެފައި ފެންވަރު ރަނގަޅު ވާނެ ކަމަށެވެ.

އަފްއާލު ވިދާޅުވީ އަގުތަކަށް ބަދަލު ގެނަައުމަށް ނިންމީ ވަރަށް ގިނަ މަޝްވަރާތަކަށް ފަހު ކަމަށެވެ. ފަރުވާ ހޯދާ އާއްމުންނަށް އުނދަގޫތައް ވާހެން ކުއްލިއަކަށް ހުރިހާ ހިދުމަތަކުން ނަގާ ފީ ބޮޑު ކުރުމުގެ ބަދަލުގައި ފުރަތަމަ ފީ ބޮޑު ކުރަނީ ވަކިވަކި ހިދުމަތްތަކުންކަމަށް އޭނާ ވިދާޅުވި އެވެ. އިތުރު ތަފްސީލުތައް ހިއްސާކޮށް އަފްއާލު ވިދާޅުވީ، ކޮންސިއުމަބަލް ފީތަކަށް ބަދަލުތައް އައި ނަމަވެސް އެންމެ ފުރަތަމަ މަސައްކަތް ކުރީ ހިދުމަތުގެ ފީ ބޮޑުނުކޮށް ވާނެ މަގެއް ހޯދުމަށް ކަމަށެވެ. ނަމަވެސް، އެ ނޫން ގޮތެއް ނެތްކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޑުގެ ބަލިމަޑުކަމާއި އަދި ރަޝިޔާ ޔުކްރެއިން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފަ އެވެ. ނަތީޖާއެއްގެ ގޮތުގައި ކޮންޓެއިނާރ ފީތަކާއި އަދި ކުންފުނިތަކުގެ އެތެރޭގެ ހަރަދުތައް އިތުރުވެފައިވާކަން ފާހަގަކުރެވެ އެވެ. އެހެންކަމުން، އޭޑީކޭގެ ހިދުމަތުގެ އަގުތައް ބޮޑު ކުރަން ޖެހުނީ ވެސް އެފަދަ ސަބަބުތަކާއި ހުރެކަމަށް އަފްއާލު ވިދާޅުވި އެވެ. މާދަމާއިން ފެށިގެން އެންމެ ފުރަތަމަ ބަދަލު އަންނަނީ އާއްމު އަދި ހާއްސަ ކޮންސަލްޓޭޝަނާއި، ރޭޑިއޮލޮޖީ އަދި ލެބޯޓަރީގެ ހިދުމަތުންނެވެ.

ހޮސްޕިޓަލްތަކާއި ކްލިކްތަކުން ހިދުމަތްތައް ދިނުމުގައި ވަކި އުސޫލުތަކާއި އެއްބަސްވުންތަކާއި އެއްގޮތަށް އަމަލު ކުރަން ޖެހޭއިރު މިކަމުގައި ހެލްތް މިނިސްޓްރީއާއި އެކު އެއްވެސް މަޝްވަރާއެއް ކުރިޔަށް ދިޔަ ތޯ ސުވާލު ކުރުމުން އަފްއާލު ވިދާޅުވީ ކޮންޓްރެކްޓުގައި އޮންނަނީ އުސޫލުގެ ތެރެއިން އާއްމުން ހޯދާ ހިދުމަތްތަކަށް ބޫރު ނާރާނެހެން ހިދުމަތް ދިނުމަށް ކަމަށެވެ. އެހެންކަމުން، އުސޫލަށް އަމަލު ކުރާކަމަށް އޭނާ ވިދާޅުވި އެވެ.

އަފްއާލު ވަނީ، އަގުތައް ބޮޑު ކުރި ނަމަވެސް އެހެން ހުރިހާ ހޮސްޕިޓަލްތަކާއި ކްލިނިކުތަކުން ދޭ ހިދުމަތަށް ވުރެ އޭޑީކޭގެ އަގުތައް ހެޔޮވާނެކަން ތަކުރާރު ކުރައްވާފަ އެވެ.

އިގްތިސާދަށް އަންނަ ބަދަލުތަކާއި އަދި އަންނަ އަހަރުން ފެށިގެން ޖީއެސްޓީ ބޮޑު ކުރަން ނިންމާފައި ވާތީ ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ވެސް ޑޮކްޓަރަށް ދެއްކުމުގެ ފީތަކާއި އަދި ހިދުމަތްތަކުގެ އަގު ބޮޑު ކުރުމުގެ ފުރުސަތު އޮތުމުން ހެލްތް މިނިސްޓްރީން އެކަން ބަލާނެތޯ ސުވާލު ކުރުމުން ޖަވާބެއް ލިބޭ ގޮތެއް ވަނީ ނުވެފަ އެވެ. އަދި ސުވާލުގެ ޖަވާބު ހޯދުމަށް އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލަށް ފަހުން ގުޅުމުން، ފޯނަށް ޖަވާބެއް ނުދެއްވަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: