ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ ގޮތުން ދިވެހިރާއްޖެ ފައްކާ ވެއްޖެތަ. ނޫނީ ރައްޔިތުން ގުނބޯ ހައްދަނީތަ؟

ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ގޮތުން ގައުމު ފައްކާވެއްޖެ ކަމަށް އެބަ ބުނެއެވެ. މިއީ ހަގީގަތުގައިވެސް ކަން އޮތް ގޮތްތޯ ނިންމާނީ ރައްޔިތުންނެވެ.

ބުނާ ބުނުމުގައި ސިޔާސީ ޕާޓީތައް ވުޖޫދަށް ގެނައީ ޑިމަކްރާސީ ދިވެހިރާއްޖެއަށް ގެނެސް އެ މަގަށް އަޅުވައި އެފަދަ ނިންމުންތަކަށް ޖާގަ އޮތް މަންޒިލަކަށް ދިއުމުގެ މަގުސަދުގައެވެ. ތެދެއްމެ ޕާޓީތައް ވުޖޫދުވެގެން އައި ހިސާބުން ފެށިގެން ގައުމުގެ އެކި ނިންމުންތައް އަގުލަބިއްޔަތު އަދަދެއްގެ ރައްޔިތުންނަށް ތަބާވެ ނިންމާފައިވެއެވެ. އެންމެ ކުޑަ ނާޅިން މިނާ ނަމަވެސް، ނިންމާފައިވަނީ އަގުލަބިއްޔަތު އަދަދެއްގެ ރައްޔިތުންގެ ވިސްނުމުގެ މައްޗަށް ބިނާކޮށް ކަމަށް ބުނުމުގެ ފުރުސަތު އޮވެއެވެ. އާހިރުގައި އިންތިހާބެއް ނުވަތަ ވޯޓެއް ނެގިފައި އޮތުމުން އެ ނޫން ގޮތަކަށް ބުނެވެން ނެތެވެ.

އެހެންނަމަވެސް ޝައްކު އުފެއްދުމުގެ ޖާގައެއް ނެތްކަމަށްވެސް ބުނެވޭކަށް ނެތެވެ. މީގެ ކުރިން ވެރިޔަކު ކުރެއްވި 30 އަހަރުގެ ދިގު ވެރިކަމެއްގައިވެސް އެތައް ފަހަރެއްގެ މަތިން ތަހުތާއި ހަވާލުވެވަޑައިގެންނެވި އިރު، އެއްވެސް ފަހަރެއްގައި ހަގީގަތުގައި ރައްޔިތުންގެ ބަސް ހިމެނިފައިނުވާކަމަށްވެސް ތުހުމަތު ކުރެވެއެވެ. ދެއްކި އިންތިހާބުގެ ކުލަވަރަކީ ނަމެއްގައި ދެއްކި ކުލަވަޜެއް ކަމަށް ބުނާ މީހުން ވެސް މަދެއް ނޫނެވެ.

ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެ އެތައް މައްސަލަތަކެއް އުފެދި ދިއުމަށްފަހު، ވެރިކަމުގެ ނިޒާމަށް ބަދަލުތަކެއް ގެނައުމަށް ނެގި ވޯޓު ނުވަތަ ނިޒާމީ ވޯޓެއްގެ ނަތީޖާ އާއި މެދުވެސް ސުވާލު އުފައްދައެވެ. މިއީ އިހު ޒަމާނު އުފައްދާފައިވާ ސުވާލެއް ނޫނެވެ.

އަދިވެސް ދިވެހި ސިޔާސީ މަސްރަހުގައި ފިޔަ ޖަހަމުންދާ އެންމެ އަލި ގަދަ ތަރިން ދަނީ އެ ދުވަހު އެ ނެގުނު ނިޒާމީ ވޯޓުގެ ތެރޭގައިވެސް ”ގަޑުބަޑު“ ކޮށްފައިވާކަމުގެ ވާހަަކަތައް ދައްކާފައެވެ. ދެންވެސް މައްސަލަތައް ފާހަގަކުރާނަމަ، ނެގުނު ވޯޓުގެ ނަތީޖާ ސައްހަ ނޫންކަމަށް ބުނެ ރިޔާސީ އިންތިހާބުގެ ނަތީޖާ ބަލައި ނުގަތުމަށް އެދި ކޯޓަށް ހުށައެޅުނު މައްސަލަތައްވެސް ފެންމަތިވެފައިވެއެވެ. އެހެންކަމުން ޑިކޮރެސީގެ އެއް ތަނބުކަމަށްވާ، ރައްޔިތުންގެ ވޯޓުން ނިންމާ ނިންމުމުގެ ސައްހަ ކަމާއިމެދު ސުވާލު އުފެއްދުމެ ޖާގަ ނެތްކަމަށް ބުނެވެން ނެތެވެ.

ދިވެހިރާއްޖެ ސިޔާސީ ގޮތުން ފައްކާވެފައިވާ ގައުމެއް ކަމަށް ސިޔާސީ. މައިދާނުގައި ހަރަކާތްތެރިވާ ބޭފުޅުން ވިދާޅުވަނީ ރައްޔިތުން ގުނބޯ ހެއްދުމުގެ ގޮތުން ކަމަށް ވެސް ވެދާނެއެވެ. ފައްކާވެފައިވާނަމަ، ނަގާ ވޯޓުގެ ސައްހަކަމާއިމެދު ސުވާލު އުފެއްދުމުގެ ޖާގަ އޮތަސް އިންތިހާއަށް ހަނިވާނެކަން ރައްޔިތުންނަށް ކަށަވަރު ކަމާއިއެކު ބުނަން ކެރޭނެއެވެ. އަގުލަބިއްޔަތު އަދަދެއްގެ ރައްޔިތުންނަށް ނަތީޖާ ގަބޫލު ކުރުން ދަތިކަމަކަށްވެސް ނުވާނެއެވެ.

ފައްކާވެފައިވާ ގައުމެއްގައި އިންތިހާބީ މަސައްކަތްތައް އަދި އެ މަސައްކަތްތައް ކުރަމުންދާ މުއައްސަސާ އޮންނާނީ އެންމެ އިތުބާރު ހިފޭ އެއް މުއައްސަސާގެ ގޮތުގައެވެ. އެހެންނަމަވެސް ރާއްޖޭގައި އެ މުއައްސަސާގެ މަސައްކަތްތައް އެތައް އަހަރެއްވަންދެން ކުރިއަށް ގެންގޮސްފައިވާއިރު، އަދާ ޖެހެންދެންވެސް އިނގިލީގެ ނިޝާނުގެ ސައްހަކަން ކަށަވަރު ކުރެވޭނެ ނިޒާމެއް ނެތުމަކީ، ފައްކާވެގޮސްފައިވާ ވަރު ސާފުކޮށް އަންގައިދޭ އެއް ކަމެވެ.

ސިޔާސީ މަސްރަހުގެ ކަންކަމަށް ދިވެހި ރައްޔިތުން އަހުލުވެރިވެ ރަނގަޅަށް ހޭލުންތެރިވެފައިވާކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ހަގީގަތެއް ނޫންކަމަށް ބުނެވިދާނެ އިތުރު ކަންކަންވެސް ފެންނަމުންދެއެވެ.

ސިޔާސީ ޕާޓީއެއްގައި ނުހިމެނޭ ބަޔަކު އެންމެހާ ދިވެހި ރައްޔިތުންގެ މައްޗަށް ވެރިކަން ކުރުމަށް ގަސްތުކޮށް ހަރަކާތްތެރިވަމުންދާ ޕާޓީއެއްގެ އަމަލުތަކާއިމެދު ފާޑުކިޔުމުން، އިވިގެންދަނީ ވަރަށްވެސް ނޭދެވޭ ވާހަކަތަކެކެވެ. ބައެއް އިސް ވެރިންގެ ފަރާތުންވެސް މިފަދަ ވާހަކަތައް އިވި ގޮސްފިއެވެ.

ޕާޓީގައި ނުހިމެނޭ ބަޔަކަށް އެ ޕާޓީއަކުން ކަން ކުރަންވީ ގޮތާއިމެދު ފާޑުކިޔުމުގެ ޖާގަ އެއް ނެތްކަމަށް އާންމު މެމްބަރުންވެސް ބުނެއެވެ. އެހެންނަމަވެސް އެހެން ބުނެވެން ނޯންނާނެއެވެ. ހާއްސަ ގޮތެއްގައި ބޮޑު ސިޔާސީ ޕާޓީތަކަށް ބުނެވެން ނެތެވެ. އެ ޕާޓީތަކަށް ދައުލަތުން ދެމުންދާ ފައިސާއަކީ އެންމެހާ ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާއެވެ. އެހެންކަމުން ޕާޓީތައް ހިނގުމުގައި އެންމެހާ ދިވެހި ރައްޔިތުންވެސް ހަރަދު ކުރާކަމަށް ބުނެވޭނެއެވެ.

އެ ނޫން ނަމަވެސް، އެންމެހާ ދިވެހި ރައްޔިތުންގެ މައްޗަށް ވެރިކަމެއް ކުރުމަށް ގަސްތުކޮށް ހަރަކާތްތަކެއް ކުރިއަށް ގެންދާއިރު، އެންމެހާ ދިވެހި ރައްޔިތުންގެ ބަސް ބަލައިނުގަތުމަށް ވިސްނާ ވިސްނުމަކީ ފައްކާވެފައިވާ ސިޔާސީ މަސްރަހެއްގައި ހަރަކާތްތެރިވާ އެއްވެސް ޕާޓީއަކުން ގެންގުޅެންވާނެ ވިސްނުމެއް ނޫނެވެ.

ޕާޓީގެ ހިންގުންތެރިކަމުގެ ކަންކަމުގައި ރައްޔިތު މީހާއަށް ބަސް ބުނުމުގެ ހައްގެއް ނެތްނަމަ، މާދަމާ އިންތިހާބުތަކާއި ގުޅިގެން ރައްޔިތު މީހާގެ ވޯޓު ހޯދުމުގެ ބޭނުމެއްވެސް ނޯންނާނެއެވެ. ވޯޓަށް އެދުމަށް ރައްޔިތުން ގާތަށް ދާންޖެހޭނެކަން އެންމެހާ ސިޔާސީ ލީޑަރުންވެސް ހަނދުމައިގައި ބެހެއްޓުން މުހިންމެވެ. އަދި މައިދާނުގައި ހަރަކާތްތެރިވާ އެންމެހާ އާންމު މެމްބަރުންވެސް މި ކަމާއިމެދު ވިސްނާލުން އެހާމެ މުހިންމެވެ.

ދެން އޮތީ ޕާޓީތަކާއި ގުޅޭ މެމްބަރުން ”އަސްލު“ ނޫންކަމަށް ބުނާ ބުނުމެވެ. މިފަދަ ވާހަކަތަކަކީ ފައްކާވެފައިވާ ސިޔާސީ ވިސްނުމެއް ގެންގުޅެމުންދާކަމާއިމެދު ޝައްކު އުފެއްދުމަށް ފުރުސަތު ފަހިވެގެންދާ އަނެއް ކަމެވެ. މި ފަދަ އުސޫލެއްގެ ދަށުން ހިންގާ ޕާޓީއެއްގައި އަލަށް ގުޅޭ މެމްބަރުންނަށް އެއްވެސް އިހުތިރާމެއް ނޯންނާނެއެވެ.

ކުރިއަރައިި ދިއުމާއި އިސް ސަފުގައި ހިމެނުމަށްވެސް އޮންނާނީ ހަނި ޖާގައެކެވެ. އަސްލުކަމަށް ބަލަނީ ޕާޓީ އުފެއްދި ބޭފުޅުންނާއި އެ ބޭފުޅުންގެ އާއިލާ ބޭފުޅުންކަމަށްވާނަމަ، އެއީ ވަރަށްވެސް ބޮޑު ކުށެކެވެ. މާދަމާވެސް އެ ފިކުރެއްގެ ބަޔަކު ޕާޓީއަކާއި ގުޅުމުން އެއީ އެ ޕާޓީއެއްގެ މެމްބަރެއްގެ ގޮތުގައި ފުރިހަމަ އަށް ވެގެންދާނެއެވެ. އިސް ސަފުގައި ތިއްބެވި މެމްބަރުން ޒުވާން ޖީލުތަކަށް ޖާގަ ދިނުން ކޮންމެެވެސް ދުވަހަކުން ވެގެންދާނީ މަޖުބޫރުކަމަކަށެވެ.

އެ ދަންނަވާ އަސްލަކީ އެ ދުވަހަކުން ބަދަލުވެގެންދާނެ ކަމެއްކަން ކަށަވަރެވެ. އާހިރުގައި ކުރިމަގަކީ އެ ގައުމުގެ ޒުވާނުންކަމަށްވުމުންނެވެ.

ފިކުރުގެ ވާހަކަތައް ދެކެވޭ މައިދާނުތަކާއި، ސިޔާސީ ހަރަކާތްތަކުގެ ތެރޭގައި ދެކެވޭ ވާހަކަތަކުގެ ސަބަބުން ގަލަމާއި ދުލުގެ ބަދަލުގައި އަތުން ފައިން މުއާމަލާތު ކުރުމަކީވެސް ސިޔާސީ ގޮތުން އަދި ރާއްޖެ ދާންވީ މަންޒިލަށް ދެވިފައިނުވާކަމުގެ ހެއްކެކެވެ.

ހޭލުންތެރި މެމްބަރުން ތިބި ނަމަ، އަނެކާ ދައްކާ ވާހަކައަށް ރައްދު ދޭނީ އަތުން ފައިން ނޫންކަން ކަށަވަރެވެ. އެކަކުގެ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅުމަކީ މަސްރަހަށް އަންނަ ބަދަލަކާއި ގުޅިގެން މާދަމާ އަމިއްލަ ދުލުގައި ހިފަހައްޓަން ޖެހުން މަގުފަހިވެގެންދާނެ ކަމެކެވެ.

ސިޔާސީ ފިކުރާއި ފާޑުކިޔުން ހަޖަމު ނުކުރެވޭނަމަ، ތަނަވަސް ސިޔާސީ ވިސްނުމެއް ގެންގުޅޭކަމަށް ބުނެވެން ނެތެވެ. އަދިވެސް ދިވެހިރާއްޖެއިން ސިޔާސީ ކޯޅުންގަނޑުގެ ތެރެއިން އަތުން ފައިން ރައްދު ދޭ މަންޒަރު އަދި މައިދާނުގައި ހިމެނޭ ބޭފުޅުންނާއި މެދު އުފެދޭ ހިތްހަމަނުޖެހުމެއްގެ ތެރެއިން ކަމާއި ނުގުޅޭ އާއިލީ މީހުނާއި ޒާތީވުމަކީވެސް ސިޔާސީ މަސްރަހު ފައްކާވެފައިވާވަރުގެ ފުރިހަމަ މިސާލެކެވެ.

މި ނޫނަސް އެތައް ކަމެއް އެބަ ހުއްޓެވެ. އެހެންނަމަވެސް މި ހިޔާލުގެ މަގުސަދަށް މި ވަރުން ފުދޭނެކަމަށް ބަލަމެވެ. ސިޔާސީ މަސްރަހެއް ފައްކާވެދިއުމަކީ ކޮންމެ ގައުމެއްވެސް އާރާސްތުވުމުގައި މުހިންމު ރޯލެއް އަދާ ކުރާ ކަމެކެވެ. ސިޔާސީ މައިދާނުގެ ވާދަވެރިކަމުގެ ތެރެއިން އެތައް ތަރައްގީތަކެއްވެސް ފެނިގޮސްފިއެވެ.

އެހެންނަމެވެސް މަސްރަހުގެ ތެރެއިން ނޭދެވޭ އަމަލުތައް ހިންގުމާއި އެ ވާދަވެރިކަމަކީ އަދާވާތްތެރިކަމަށް ބަދަލުވެގެންދާ އެއްޗެއް ނަމަ، އެކަމުގެ ސަބަބުން ރައްޔިތުންނަށް ލިބިގެންދާނެ އެއްވެސް ފައިދާއެއް ނޯންނާނެއެވެ. ރާއްޖެއިން ފެނިގެންދާނީ ހަމަނުޖެހުމާއި ނާމާން ކަމެކެވެ. ތަރައްގީވެ ކުރިއެރުމުގެ ބަދަލުގައި ގައުމު ދާނީ ފަހަތަށްކަންވެސް ކަށަވަރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: