ކުރިމަތިވި ގޮންޖެހުންތަކާއިއެކުވެސް ރާއްޖެއިން ހާސިލުކޮށްފައިވާ ލަނޑުދަނޑިތައް ނުރައްކަލަށް ދޫނުކޮށްލެވެން ނެތްކަމަށްވުމުން، ކޯޅުންތަކާއި ބައިބައިވާފަދަ އަމަލުތައް ހިންގުން ހުއްޓާލައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ދެވަނަ ދައުރަކަށް ހޮވުމަށް އެންމެން އެއްބައިވާންޖެހޭކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ރައީސް ސާލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު ކާމިޔާބު ކުރެއްވުމާއި އެކު ޕާޓީގެ ތެރޭގައި އުފެދިފައިވާ ބައިބައިވުންތައްވަނީ އިތުރުވެފައެވެ. ޕާޓީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފިކުރެއްގެ ދިރުން ނަމުގައި ގޮފިތަކެއް ހުޅުވައި މެމްބަރުން ވެއްދުމުގެ މަސައްކަތްތައް ކުރައްވަމުންދާއިރު، އުފެދިފައިވާ މައްސަލަތައް އަލި އަޅުއްވައި ޝަރީފް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އިބްރާހިމް ވިދާޅުވީ، ކުޑަ ރަށްތަކާއި ބޮޑެތި ރަށްތަކުގެ ދެމެދު ތަފާތުކުރެއްވުމެއް ނެތި، އެންމެހާ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ގާއިމު ކޮށްދެއްވާނެ ވެރިއަކީ ރައީސް ސާލިހުކަމަށެވެ. އެހެންކަމުން ހިޔާލު ތަފާތުވުންތައް އެއްކިބާކޮށްލައި، ސިޔާސީ އަރާރުންތައްވެސް ހުއްޓާލަންޖެހިފައިވާކަމަށާއި، ގައުމުގެ މުސްތަގުބަލު އުޖާލާ ކުރުމަށްޓަކައި އެކަތިގަނޑެއްގެ ގޮތުގައި އޮވެ، ރައީސް ސާލިހަށް ދެވަނަ ދައުރެއް ހޯދައިދިނުމަށް ޝަރީފް އިލްތިމާޒް ކުރެއްވިއެވެ.
This country can’t afford to put at risk the achievements,under enormously challenging conditions,of the past 4 years. That’s reason why we need to end petty bickering n divisive politics n come together to elect @ibusolih for a second term.Make sure your voice is heard .
— Ibrahim Shareef (@AdduShareef) February 11, 2023
ޝަރީފް ވިދާޅުވީ، ރައީސް ސާލިހު ގެންގުޅުއްވާ ސިޔާސަތުތަކުގެ އަމާޒަކީ، ގައުމަށް ބޭނުންތެރި، ހިންގުންތެރިކަން އިތުރުވެގެންދާ އިންފްރާސްޓްރަކްޗާ ބިނާ ކުރުންކަމަށެވެ. އަދި އެމަނިކުފާނު އަމާޒު ކުރައްވަނީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ ގީޑީޕީ ދެ ގުނަ ކުރެއްވުމަށް ކަމަށް ޝަރީފް ވިދާޅުވިއެވެ.
އެނާ ވިދާޅުވީ، ހޮސްޕިޓަލް އަދި ސުކޫލުތައް ބިނާ ކުރެއްވުމަށް ރައީސް ސާލިހު މަސައްކަތްކުރައްވާފައިވާކަމަށެވެ. އަދި އެމަނިކުފާނަކީ ސަރުކާރަކުން ގެންގުޅޭ ސިޔާސަތުތަކެއްގެ ސަބަބުން ގައުމުގެ ހާލަތު ބަދަލުކޮށްލެވިދާނެކަން ދައްކުވައިދެއްވާފައިވާ ރައީސްއެއްކަމަށްވެސް ޝަރީފް ފާހަގަކުރެއްވިއެވެ.
ޝަރީފް ވިދާޅުވީ، ގައުމުން ހާސިލުކޮށްފައިވާ ކަންކަން ނުރައްކަލުގެ ތެރެއަށް ހުށައެޅެން ނެތްކަމަށެވެ. އެހެންކަމުން މިހާރު ޕާޓީގެ ތެރޭގައި އުފެދިފައިވާ މައްސަލަތައް ނިމުމަކަށް ގެންނަން ޖެހޭކަމަށާއި، ދެވަނަ ދައުރަކަށް ރައީސް ސާލިހު ހޮވުމުގެ މަގުސަދުގައި ޕާޓީ އެކަތިގަނޑަކަށް ވާންޖެހިފައިވާކަމަށް ވިދާޅުވިއެވެ.

