ފުލުހުންގެ އިދާރާއަށް މީހުން ވައްދާއިރު ބެކްގްރައުންޑު ޗެކު ހެދުމަށް ގާނޫނީ ގޮތުން ލާޒިމުކުރެވިފައިވަނީ ގިނަ ދިރާސާތަކެއްވެސް ކުރުމަށްފަހުކަމަށާއި، އެ ގާނޫނަށް ބަދަލެއް ގެންނަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހުގެ ތަޅުމަށް ހުށައަޅާފައިވާ އިސްލާހާއިމެދު ވާހަކަދައްކަވަމުން ހަސަން ވިދާޅުވީ، ބެކްގްރައުންޑު ޗެކު ކުރުމަށް ލާޒިމުވާގޮތަށް މަޖިލީހަށް ގާނޫނު ހުށައެޅީ އޭނާކަމަށެވެ. އަދި 241 ކޮމިޓީއިން މަސައްކަތްކޮށް ފާސްކޮށްފައިވާ ގާނޫނުގައި ބެކްރައުންޑު ޗެކު ކުރަންޖެހޭކަމަށް ސާފުކޮށް ހިމަނާފައިވަނީ ގިނަ ދިރާސާތަކެއް ކުރުމަށްފަހުކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ހަސަން ވިދާޅުވީ، ގާނޫނަށް ގެނައުމަށް ހުށައެޅިފައިވާ އިސްލާހު ގެންނަން ޖެހޭ އެއްވެސް ސަބަބެއް ފެނިވަޑައިނުގަންނަވާކަމަށެވެ. އޭނާ ވިދާޅުވީ، ހުށައަޅާފައިވަނީ ބެކްގްރައުންޑު ޗެކު ކުރަން ނުޖެހޭ ގޮތަށާއި އިހުތިޔާރީ ބާރެއްގެ ގޮތުގައި ޕޮލިސް ކޮމިޝަނަރުގެ އަތް މައްަޗަށް ދޫކޮށްލުމަށް ކަމަށެވެ.
އޭނާ ވިދާޅުވީ، އެ އިސްލާހުގައިވަނީ ކަންވެގެންވާނެ ގޮތެއް ނޫންކަމަށެވެ. އޭނާ ވިދާޅުވީ ބެކްގްރައުންޑު ޗެކުގެ ވާހަކަދައްކާއިރު، އެ ދެކެވެނީ ކޮން ވާހަކައެއްކަން ބަލާލުން މުހިންމުކަމަށެވެ. އޭނާ ވިދާޅުވީ، ދައްކަނީ ބެކްރައުންޑު އެނަލިސިސްއެއް ހަދާ ވާހަކަ ކަމަށެވެ.
ހަސަން ވިދާޅުވީ، އިންޓަރވިއު ކުރަން ތިބޭ މީހުންވެސް ނުވެސް ދަންނަ މީހަކު އައިސް ވަނުމުން ދެތިން ސުވާލެއް ކޮށްލުމަށްފަހު، އެމީހަކަށް ވަޒީފާ ދޭގޮތަށް އޮތުމަކީ އެނާ ހުށައެޅުއްވި ބިލު ތަސައްވަރު ނުކުރާ ކަމެއް ކަމަށެވެ.
ހަސަން ވިދާޅުވީ، ދެން އޮތީ ޕޮލިގްރަފީ ޓެސްޓެއްގެ ވާހަކަކަމަށެވެ. އޭނާ ވިދާޅުވީ، އެމޭޒަންއިންވެސް 357 ޑޮލަރަށް އެ ފަދަ މެޝިނެއް ގަނެވިދާނެކަމަށެވެ. އެހެންކަމުން އެއީ ހަރަދު ބޮޑުވުމުގެ ސަބަބުން ކުރެވެން ނެތްކަމެއް ނޫންކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ، ދެކެވެމުންދަނީ ފެނަކައަށް މުއައްޒިފުން ވައްދާ ވާހަކައެއް ނޫންކަމަށެވެ. އަދި ދައްކަމުންދަނީ ފުލުހުންގެ މުއައްސަސާއަށް މުއައްޒިފުން ވައްދާ ވާހަކަ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ހަރަދުކުރެވެން ނެތްކަމަށް ބުނި ނަމަވެސް އެތަނަށް މީހުން ވައްދާއިރު، ހަރަދުވެސް ކުރެވެންޖެހޭކަމަށާއި ވައްދަންވެސް ޖެހެނީ އިތުބާރު ހިފޭ މީހުންކަމަށެވެ.
ހަސަން ވިދާޅުވީ، ގާނޫނުގައި އިތުރަށް ހިމަނާފައިވަނީ އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން ކުރާ ބެކްގްރައުންޑު ޗެކެއްގެ ވާހަކަ ކަމަށެވެ. އޭނާ ވިދާޅުވީ، އެއީވެސް ކުރެވެންޖެހޭ ކަމެއް ކަމަށެވެ. އަދި އެއީ ފުލުހުންގެ މުއައްސަސާގެ އިސްވެރިންގެ އަތް މައްޗަށް ޑިސްކްރެޝަނަރީ ބާރެއްގެ ގޮތުގައި ދޫކޮށްލަންޖެހޭ ކަމެއް ނޫންކަމަށްވެސް ހަސަން ފާހަގަކުރެއްވިއެވެ.

