ރިޔާސީ އިންތިހާބެއް ކުރިމަތިވިޔަސް، މަޖިލީހުގެ އިންތިހާބެއް ކުރިމަތިވިޔަސް، ކައުންސިލް އިންތިހާބެއް ކުރިމަތިވި ނަމަވެސް ރައްޔިތުންގެ މަޖިލިސް ހުއްޓިފައި އޮންނަން ނުޖެހޭ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.
މިއަދު މަޖިލީހުގައި ރޮޒެއިނާ ވިދާޅުވީ މަޖިލީހގައި ހޭދަކުރާ ކޮންމެ ދުވަހަކީ ވެސް ގާނޫނުތައް ރަނގަޅުކޮށް އިސްލާހުކުރުމަށް މަސައްކަތްކުރާ ދުވަހެއް ކަމަށެވެ.
ކޮންމެ ގާނޫނަކަށް އިސްލާހު ގެންނަން ޖެހޭ ނަމަ މަޖިލީހަށް އެ އިސްލާހެއް ހުށަހެޅިގެންދާނެ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.
މިހާރު މި މަޖިލިސް ހިނގަމުންދާނީ، ޕީޕީއެމްގެ ސަރުކާރުގައި މި މަޖިލިސް ހިނގަމުންދިޔަ ގޮތަކަށް ނޫން. އަޅުގަނޑުމެން މިތަނުގައި ކުރަންޖެހޭ މަސައްކަތްތައް ކުރާކަން ރައްޔިތުންނަށް ވަރަށް ރަނގަޅަށް އެނގޭނެ. މިދައުރު ފެށިގެން ދިޔައިރުވެސް ކިތައް މިނިވަން މުއައްސަސާ މަޖިލީހަށް ހާޒިރު ވެއްޖެތޯ ބަލައިލީމަ ރިކޯޑްތަކުން އެނގޭނެ. ކިތައް މިނިސްޓްރީން މަޖިލީހުގެ ކޮމިޓީތަކަށް ހާޒިރުވެއްޖެތޯ. ކިތައް މިނިސްޓަރު މަޖިލީހުގެ ތަޅުމަށް ސުވާލުތަކަށް ޖަވާބުދޭން ވަޑައިގެންފިތޯ. މިކަންކަން ހަމަ މި މަޖިިލިސް ބައްލަވާ ކޮންމެ ބޭފުޅަކަށްވެސް އެނގިވަޑައިގަންނަވާނެ. މިއީ ޕީޕީއެމްގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ވީހެން މަޖިލިސް ނުހިނގާ މަޖިލީހުގެ މެމްބަރުން ތަޅުމުން ފުރާޅުމަތިން ތަންތަނުން އުކަމުން ދިޔަ ޒަމާނެއް ނޫން. އަޅުގަނޑު ހަނދާން އެބަހުރި މިދިޔަ ފަސްއަހަރު، ރައީސް ޔާމީންގެ 5އަހަރުގެ ވެރިކަމުގެ ތެރޭގައި އެއްވެސް މިނިވަން މުއައްސަސާއެއް މި މަޖިލީހުގެ ހަތަރުފާރު ތެރެއިން ޖަވާބުދާރީ ވުމަށް ވަދެފައެއް ނުވާނެ.
ރޮޒެއިނާ ވިދާޅުވީ ކުރީ ސަރުކާރާއި މިސަރުކާރުގައި ހުރި ތަފާތަކީ ކުރީ ސަރުކާރުގައި މަޖިލީހަށް އެއްވެސް މިނިވަން މުއައްސަސާއެއް ހާޒިރުކޮށްފައި ނުވާއިރު މިސަރުކާރުން އެތަކެއް ފަހަރު މިނިވަން މުއައްސަސާތައް މަޖިލިސް އަށް ހާޒިރުކޮށް ސުވާލުކުރެވިފައިވާ ކަމެވެ.
މިއަދު މަޖިލީހުގައި ނޫސްވެރިންނަށް ތަމްރީނުދޭތީ އެކަމާ ކަންބޮޑުވެގެން އުޅޭ ވާހަކަ ދެކެވޭ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.
ނޫސްވެރިންނަށް ތަމްރީނު ދިނުމަކީ މިރާއްޖޭގައި މިހާރު ކުރަންޖެހިފައި އޮތް މުހިއްމު އެއް ކަންތައް. ނޫސްތަކުގައި ލިޔާ ވާހަކަތަކަކީ ރައްޔިތުންނަށް އިތުބާރު ކުރެވޭ ރަނގަޅު އެއްޗެއްކަމަށް ވާން އެބަޖެހޭ. ފިކުރެއްގެ ދިރުން މިތާތެރޭގައި ހިންގާކަށް މިއީކީ އެޖާގަ އޮތްތަނެއް ނޫން. މިތާނގައި ހިނގަނީ ސިޔާސީ ޕާޓީތައް.
ސިޔާސީ ޕާޓީތައް ހިނގާ އުސޫލު ބައެއް ބޭފުޅުން މިއަދު ހަނދާން ނެތިގެން އުޅޭތީ ހިތާމަކުރަންޖެހޭ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

