ރާއްޖެއަށް އިންޑިއާއިން ނުފޫޒު ފޯރުވާކަމަށް ބުނެ ދެކެވޭ ވާހަކަތަކުގެ ސަބަބުން ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގައި އެއްވެސް ގޮންޖެހުމެއް ކުރިމަތިވެގެން ނުދާނެކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ނޫސްވެރިޔަކު ވަނީ، އިންޑިއާގެ ނުފޫޒު އޮތްކަމަށް ބުނެ އިދިކޮޅުންނާއި ވަކި ފަރާތަކަށް ނުޖެހޭ އާންމުން އަދި އެހެނިހެން ފަރާތްތަކުންވެސް ތުހުމަތު ކުރާކަން ފާހަގަކޮށް އެކަމާއި ގުޅިގެން ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް ހުރަހެއް ކުރިމަތިވެދާނެތޯ ސުވާލު ކޮށްފައެވެ.
ޖަވާބު ދެއްވަމުން މިއުވާންވަނީ ނުފޫޒެއް ނެތްކަމަށް ސިފަކުރައްވާފައެވެ. އޭނާ ވިދާޅުވީ، ތުހުމަތުތަކެއް ހުރަހަކަށް ވާނީ ތެދު ވާހަކަތަކަކަށް ވާ ނަމަ ކަމަށާއި އެކަމުގެ ސަބަބުން ކަން ކަން ދިމާވެފައިވާންވެސް ޖެހޭކަމަށް މިއުވާން ވިދާޅުވިއެވެ.
އިންޑިއާ އަދި ރާއްޖޭގެ ސަރުކާރު ދެމެދު އޮތް ގުޅުމާއިމެދު އިދިކޮޅުން ކަންބޮޑުވުން ފާޅުކުރާ ނަމަވެސް އިތުރު ފަރާތަކެއް އެ ވާހަކަތައް ދައްކާ މަންޒަރު ފެނިވަޑައިނުގަންނަވާކަމަށް މިއުވާން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އިދިކޮޅު ނޫން ފަރާތެއް ފާޑުވިދާޅުވާތަނެއް ނޫނީ އެކަމާއި ގުޅިގެން ދޮގު ތުހުމަތުތަކެއް ކުރާކަންވެސް ފާހަގަނުކުރެއްވޭކަމަށެވެ.
އޭނާ ވިދާޅުވީ އިންޑިއާއިން ދަނީ ރާއްޖެއަށް ބޮޑެތި އެހީތަކެއް ފޯރުކޮށްދެމުންކަމަށެވެ. އޭނާ ވިދާޅުވީ، އެ ގައުމާއި ދެމެދު ގާތް ގުޅުމެއް އޮތްކަމަށެވެ. އެހެންނަމަވެސް އެހެންނަމަވެސް އެ ކަމުގެ ސަބަބުން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަމެއް އުފެދޭ ގޮތަށް ނުވަތަ ރައްޔިތުންނަށް އޮޅިގެންދާ ފަދަ ގޮތަކަށް އިދިކޮޅުން މައުލޫމާތުތައް ފަތުރާކަމަށާއި އެކަން ކުރަމުންދަނީ ސިޔާސީ މަގުސަދެއް ހާސިލުކުރުމަށްކަމަށްވެސް މިއުވާން ވިދާޅުވިއެވެ.
އާންމު ހާލަތެއްގައި ދެ ގައުމުގެ ދެމެދު ވެވޭ އެއްބަސްވުންތައް ސިއްރު ކުރެވޭކަމަށް މިއުވާން ވިދާޅުވިއެވެ. އަދި އެ ގޮތަށް ކުރަނީ ތަފާތު އެކި ސަބަބުތަކާއި ގުޅިގެން ކަމަށްވުމުން އެފަދަ އެއްބަސްވުންތައް ހާމަކުރެވެން ނޯވޭކަމަށް މިއުވާން ވިދާޅުވިއެވެ. އެހެންނަމަވެސް ދިވެހިރާއްޖޭގެ ރައްޔިތުންނަށް ނިކަމެތިކަމެއް ލިބިގެންދާފަދަ ގޮތަކަށް ރައީސް ސާލިހު އެއްބަސްވުންތަކެއް ގާއިމު ނުކުރައްވާނެކަމަށްވެސް އޭނާ ވިދާލުވިއެވެ.

