އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ”ފިކުރެއްގެ ދިރުން“ ފެކްޝަންގައި ހިމެނިވަޑައިގަންނަވާ ބޭފުޅުނަކީ ޕާޓީ އަކީ އެ މަނިކުފާނުގެ މިލްކެއްގެ ގޮތުގައި ދެކިވަޑައިގަންނަވާ ބައެއް ކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ޕާޓީތައް ވަކި މީހެއްގެ ވަށައި އެނބުރުން ހުއްޓުމަކަށް ގެނައުމާއިމެދު ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، އެގޮތުގައި އޮތުމުގެ ބަދަލުގައި ކަނޑައެޅިފައިވާ ސިޔާސަތުތަކާއި އުސޫލުތަކާއި ފިކުރެއްގެ މައްޗަށް ބިނާވެ ހިނގާ ތަންތަނަށް ޕާޓީތައް ވާންޖެހޭކަމަށެވެ. އަދި މިހާރު އެކަން އެގޮތަށް ވެފައިނުވާނަމަވެސް ޕާޓީތައް ކުރިއަށް ދަމުންގޮސް ޕާޓީތައްވެސް ތަސައްރަފު ފުދޭނެ ދުވަހެއް އަންނާނެކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، ފާއިތުވެދިޔަ 18 އަަހަރެއްހާ ދުވަހުގެ ތެރޭގައި އެމްޑީޕީ ހަރަކާތްތެރިވީ ރައީސް ނަޝީދުގެ މަސްލަހަތު ގައުމުގެ މަސްލަހަތުގެ ގޮތުގައި ދެކިގެންކަމަށެވެ. އެހެންކަމުން އޭރު އެމަނިކުފާނުގެ މަސްލަހަތު ހިމާޔަތްކުރީ ގައުމުގެ މަސްލަހަތަށްވުރެވެސް އިސްކަމެއް ދީގެންކަމަށް ފާހަގަކުރައްވާ އޭނާ ވިދާޅުވީ، އެހެންނަމަވެސް ޕާޓީ ތަސައްރަފު ފުދެމުންދާ ވަރަކަށް އެކަން ބަދަލުވަމުން އަންނަކަމަށެވެ.
ވަކި ފަރުތަކަށްވުރެ ގައުމުގެ މަސްލަހަތު އިސް ކުރާ ޕާޓީއަކަށް އެމްޑީޕީ މަޑުމަޑުން ބަދަލުވަމުން ދާކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި ޕާޓީއަކީ ރައީސް ނަޝީދުގެ މުދަލެއްގެ ގޮތުގައި ބަލައިގަންނަ ބަޔަކު ތިބި ނަމަވެސް އަންނަމުންދަނީ ތަބީއީ ބަދަލުތަކެއް ކަމަށާއި ޕާޓީއެއް ނަމަވެސް ކުރިއަރައިގެންދާ ނަމަ ބަދަލުތަކެއް އަންނާނެކަމަށް އޭނާ ވިދާޅުވިއެވެ.
MDPakee vaki farudhakah vuren gaumuge maslahathu iskan dhey partyakah madumadun dhanee badhaluvamun. Party akee Vaki meehegge tharikaeh kamah gaboolukuraa bayakuves MDPga eba thibi.FikureggeDhirun ga eulhuvvanee MDPakee @MohamedNasheed ge proprietary mudhaleh gaboolu kuraameehun
— Ibrahim Shareef (@AdduShareef) March 18, 2023
ޝަރީފް ވިދާޅުވީ، ކުރިން އެމްޑީޕީ އޮތީ ރައީސް ނަޝީދު ބޭނުންފުޅުވި ގޮތަކަށް މޮޑެން އޮތް ފުއްގަނޑެއްގެ ގޮތުގައިކަމަށެވެ. އެހެން ނަމަވެސް މިހާރު ޕާޓީއެއްގެ ސިފަ އަންނަން ފަށާފައިވާކަމަށާއި، ލަހުން އައި ނަމަވެސް އެއީ އަންނަން ވެފައިވާ ބަދަލުތަކެއް ކަމަށް ޝަރީފް ވިދާޅުވިއެވެ،
މީގެއިތުރުން އެމްޑީޕީއަކީ ޕާޓީގެ މެމްބަރުން ނިންމާ ނިންމުމާއި އެއްގޮތަށް ޕްރޮފެޝަނަލްކޮށް ހިންގާ ޕާޓީއަކަށް ބަދަލުވާން ފަށާފައިވާކަމަށާއި އެހެންކަމުން ޕާޓީއަކީ ވަކި މީހެއްގެ ވިސްނުމުގެ ބައްޗަށް ބިނާވެފައިވާ އެއްޗެއްކަމަށް ގަބޫލުކުރާ މީހުންނަށް އަންނަމުންދާ ބަދަލުތައް ހަޖަމް ނުކުރެވޭކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ، މަޖިލީހުގެ ނައިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއަށް ދިމާވެގެން އުޅެނީ އެ ދަތިތައް ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

