އިންޑިއާ އަދި ރާއްޖޭގެ ދެމެދު އޮންނަ ގާތް އަސްކަރީ ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމަށް ދެ ގައުމުގެ ދެމެދު އެއްބަސްވުމެއް ގާއިމުކޮށްފިއެވެ.
މާލޭގައި ކުރިއަށް ގެންދިޔަ ޑިފެންސް ކޯޕަރޭޝަން ޑައިލޮގް ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދު އެއްބަވެވިފައިވަނީ ކަަނޑުގެ އަސްކަރީ ހަރަކާތްތަކާއި ދެ ގައުމުގެ އަސްކަރިއްޔާ ގުޅިގެންވެސް މަސައްކަތްތަކެއް ކުރުމަށެވެ. މި ބައްދަލުވުމުގެ ޗެއަރކަން ކުރެއްވީ އިންޑިއާގެ ޑިފެންސް ސެކްރެޓަރީ ގިރިދާރް އަރްމާނޭ އަދި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނަރަލް އަބްދުﷲ ޝާމަލްއެވެެ.
އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާގޮތުން، ދެ ގައުމުގެ އަސްކަރީ ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމަށް ފިޔަވަޅެއް އަޅާފައިވަނީ ޗައިނާއިން އިންޑީއާ ކަނޑުގެ ސަރަހައްދުގެ ބައެއް ގައުމުތަކުގެ މައްޗަށް ގަދަވެގަންނަމުން ދިއުމާއި ގުޅިގެންނެވެ. އެހެންކަމުން އިންޑިއާއިން މަސައްކަތްކުރަމުންދަނީ ދިވެހި އަސްކަރިއްޔާގެ ކެޕޭސިޓީ އިތުރުކޮށްދިނުމަށްކަމަށާއި އެގޮތުން ޓްރެއިނިންގް އަދި އެހެނިހެން ގޮތް ގޮތުން އެހީތެރިކަން ފޯރުވާކަމަށް ފާހަގަކޮށްފައިވެއެވެ.
އިންޑީއާ އަދި ރާއްޖޭގެ ކަނޑުގެ ސިފައިން އެކުގައި މަސައްކަތްކުރަމުންދާތާ ދުވަސްތަކެއްވެފައިވާއިރު، ދެ ގައުމުގެ އަސްކަރިއްޔާއިންދަނީ މައުލޫމާތު ބަދަލުކޮށް ސަރަހައްދަށް އޮންނަ ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްތަކެއްވެސް ކުރަމުންނެވެ. އަދި ބައިނަލްއަގުވާމީ މައިދާނުތަކާއި އެހެނިހެން ސަރަހައްދުގެ ގައުމުތަކާއިއެކުވެސް ދެ ގައުމުންދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

