ކާށި ފަދަ ތަކެތިވެސް ރާއްޖެއަށް އިމްޕޯޓު ކުރަމުންދިއުމާއި ގުޅިގެން މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
އިގްތިސާދީ ގޮތުން ދިވެހިރާއްޖޭ އޮތީ އެންމެ ރަނގަޅު ހާލަތުގައި ނޫންކަމަށާއި ރާއްޖޭގެ މާލީ ހާލަތާއިމެދުވެސް ކަންބޮޑުވާންޖެހޭކަމަށް ބުނެ އެކި ފަރާތްތަކުން ބުނަމުންދާއިރު، އަލީ ހުސައިންވަނީ ދިވެހިރާއްޖޭގައި އުފެއްދޭ ތަކެތިވެސް ރާއްޖެއިން ބޭރުން އިމްޕޯޓުކޮށްގެން ގެނެސް ވިއްކަމުންދާކަމާއިމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އޭނާ ވިދާޅުވީ، ރާއްޖެ މިވަގުތު އޮތީ ކާށިވެސް އިމްޕޯޓު ކުރަންޖެހޭ ހާލަތުގައިކަމަށެވެ. އަދި އެހީސަބަށް ގައުމު ސޮއްސާލައިގެން ގޮސްފައިވާކަން އެނާ އަށް ޔަގީންވެވަޑައިގެންފައިވާކަމަށްވެސް އަލީ ހުސައިން ވިދާޅުވިއެވެ.
ރާއްޖެއަށް ކާށި އިންޕޯޓު ކުރަންޖެހޭ ހިސާބުން ގައުމު މި އޮތީ ސޮއްސާލައިގެން ގޮސްފައިކަން އިތުރަށް ޔަގީން ވެއްޖެ.
— Ali Hussain (@AleeVoice) March 23, 2023
އަލީ ހުސައިންގެ ވާހަކަތަކަށް އަލި އަޅުއްވައި މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދުވެސް ވަނީ އުފެއްދުން ހުރި ތަކެތި އިމްޕޯޓު ކުރުމުން ގެއްލުންތަކެއް ލިބިގެންދިއުމުގެ ފުރުސަތު ބޮޑުކަމަށް ސިފަކުރައްވާފައެވެ. އޭނާ ވިދާޅުވީ، ރާއްޖެއަށް އެތެރެކުރަން ނުޖެހޭ ތަކެތި ހުންނަކަން ކުރީގެ ރައީސް މުހައްމަދު އަމީން ފާހަގަކުރައްވާފައިވާކަމަށެވެ. އޭނާ ވިދާޅުވީ، އެތެރެ ކުރަން ނުޖެހޭކަމަށް ފާހަގަކޮށްފައިވަނީ ދެ ބާވަތެއްކަމަށެވެ. ވަހީދު ވިދާޅުވީ، އެ ދެ ބާވަތަކީ ކާއްޓާއި ކަނޑުމަސްކަމަށެވެ.

