ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަރުވާގެ އުސޫލެއް ނެތަސް، ޑްރަގު އެތެރެ ކުރާ މީހާ ފުރުވާލާ ގަވައިދު ސަރުކާރުން ހެދީ ވަރަށް ޝައުގުވެރިކަމާއި އެކު

ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާ ހޯދުމުގައި ބައިނަލްއަޣުވާމީ ސްޓެންޑާޑަށް ފެތޭ އުސޫލާއި ގަވައިދުތައް ހެދުމުގެ ބަދަލުގައި ވަރަށް ޝައުގުވެރިކަމާއި ގަޔާވެގެން ސަރުކާރުން އެކުލަވާލި ގަވައިދަކީ ބޭރުން ރާއްޖެއަށް މަސްތުވާތަކެތި ގެންނަ ބިދޭސީ މީހާ ޖެހިގެން އަންނަ ފްލައިޓުން ފުރުވާލެވޭ ގޮތް ހެދުންކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ އިންތިހާއަށް ބޮޑުވަމުންދާއިރު، އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ރަނގަޅު ފަރުވާގެ ނިޒާމެއް ނެތުމެވެ. އަދި އެތައް ސަތޭކަ ބަޔަކު ކިއުގައި ތިބެން ޖެހުމަކީ ވެސް ދިމާވެފައިވާ މައްސަލަ އެކެވެ. މަސްތުވާތަކެތި ބޭނުން ކުރާ މީހުންނަށް ރަނގަޅު ފަރުވާއެއް ހޯދައިދޭން ގޮވާލައި މަޖިލީހަށް ގަރާރެއް ހުށަހެޅިއިރު މެމްބަރުން ވަނީ ފަރުވާގެ ރަނގަޅު ނިޒާމެއް ނެތުމުގެ ކަންބޮޑުވުންފާޅުކޮށްފަ އެވެ. ”ފިކުރެއްގެ ދިރުން“ ގެ މެމްބަރު، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް މިއަދު ހުށަހެޅުއްވި ގަރާރު ސަރުކާރު މެމްބަރުން ސިފަ ކުރީ ކުރާ ޖެއްސުމެއްގެ ގޮތުގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ގަރާރަށް ދައްކަވަމުން ޝިޔާމް ވިދާޅުވީ، މަސްތުވާތަކެއްޗަށް ހުޅުވިފައިވާ ދޮރުތައް ބަންދުކޮށް އެ ވަބާގައި ޖެހިފައިވާ މީހުންނަށް އެކަށީގެންވާ ރަނގަޅު ފަރުވާއެއް ނުދެވެނީ ސަރުކާރު މަސްތެއްގައި ޖެހިފައި އޮތުމުގެ ސަބަބުން ކަމަށެވެ. އަދި އެފަދަ ހާލަތެއްގައި ސަރުކާރު އޮވެ މި ކަންބޮޑުވުމަށް ލިބޭނެ ހައްލެއް ވެސް ނެތްކަމަށް ޝިޔާމް ވިދާޅުވި އެވެ.

ވެރިކަމަށް ފަސް އަހަރުގެ ތެރޭގައި މަސްތުވާތަކެތީގެ ގައުމީ ސިޔާސަތެއް ނެތުމަކީ ކަންބޮޑުވުމެއްކަން ފާހަގަކޮށް ޝިޔާމް ވިދާޅުވީ އެ މަސައްކަތް ކުރައްވާކަމުގެ މައުލޫމާތު ލިބެނީ ނައިބު ރައީސް ފައިސަލްކަމަށެވެ. އެހެން ނަމަވެސް ސަރުކާރުން އެކަމަށް ކުރާ މާބޮޑު މަސައްކަތެއް ނުފެންނަކަމަށް ޝިޔާމް ވިދާޅުވި އެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޑްރްގް ކައުންސިލްގެ ދަށުން ކުރައްވަން ޖެހޭ މަސައްކަތްތައް ފުރިހަމަ ނުކުރާކަމަށް ވިދާޅުވެ ފާޑުކިއުން އަމާޒު ކުރެއްވި އެވެ.

ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އަށް އިޝާރާތް ކުރައްވައި ޝިޔާމް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ތަނާއި ހަވާލުވެ މަސައްކަތްތައް ކުރަމުން އައީ އެކަމުގެ ތައުލީމާއި ތަމްރީނު ލިބިފައިވާ ބޭފުޅުން ނަމަވެސް މި ސަރުކާރުން އަމަލު ކުރަނީ އެއާއި ހިލާފަށް ކަމަށެވެ. ޝިޔާމް ވިދާޅުވީ މި ސަރުކާރުން ތަން ފުރާލީ ސިޔާސީ އެކި މަގާމުތައް އުފައްދައި، ތަން ސިޔާސީ މީހުންނާއި ހަވާލުކޮށްގެން ކަމަށެވެ. އެކަން ފާހަގަކޮށް ޝިޔާމް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި އެންޑީއޭގައި ސިޔާސީ ބަޔަކު ނުތިބޭނެ ކަމަށެވެ.

”ރައީސް ޔާމީންގެ ސަރުކާރުގައި ސިޔާސީ އެއްވެސް މީހަކު އެތަނަށް އައްޔަނު ކުރެވިފައި ނުވާނެ.. އެހެން ނަމަވެސް މި ސަރުކާރުގައި އަޅުގަނޑަށް މައުލޫމާތު ލިބޭގޮތުން 10 ވަރަކަށް ސިޔާސީ މަގާމު އުފައްދައިފި.. ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ސެންޓަރުތައް ހިންގާނެ ފައިސާއެއް ނެތް.. އެހެން ނަމަވެސް މައި އޮފީސް ހިންގަން އެއްލަކަ ސާޅީސް ހާސް ރުފިޔާ ސީޓްރެކް ކިޔާ ބިލްޑިންއަކުން ނަގައި އެ އޮފީސް އެބަ ހިންގާ“ ޝިޔާމް

ޝިޔާމް ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަތައް ހައްލު ކުރުމަށްޓަކައި ބައިނަލްއަގުވާމީ އެކި އުސޫލުތަކާއި ސްޓެންޑާޑުތައް ހެދިފައިވީ ނަމަވެސް އޭގެއިން އެއްވެސް ކަމަކަށް ސަރުކާރުން ދޭ ސަމާލުކަމެއް ނެތް ކަމަށެވެ. ރާއްޖޭގައި ހަދާ ގަވައިދަކީ މަސްތުވާތަކެތި އެތެރެ ކުރާ މީހާއަށް ހިމާޔަތް ދިނުންކަމަށާއި އެކަން ކުރާ ގޮތަކީ ރާއްޖެއިން ބޭރުން މަސްތުވާތަކެތި ގެންނަ މީހާ އެއާޕޯޓުން ހިފެހެއްޓުމަށް ފަހު ޖެހިގެން އަންނަ ފްލައިޓުން ފުރުވާލެވޭ ގޮތް ހެދުންކަމަށް ޝިޔާމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެއީ ސަރުކާރުން ވަރަށް ގަޔާވެގެން، ވަރަށް ޝައުގުވެރިކަމާއި އެކު ހެދި ގަވައިދެއް ކަމަށެވެ.

މީގެއިތުރުން ޝިޔާމް ވިދާޅުވީ ރިހިބިލިޓޭޝަން ސެންޓަރުތަކާއި، ޑްރަގް ޑިޓޮކްސިފިކޭޝަން ސެންޓަރުތަކުގެ ކެޕޭސިޓީ އާއި ގާތް ކުރާ އަދަދަށް ވެސް ހިދުމަތް ނުދެވޭ ކަމަށެވެ. އަދި މަދު ބަޔަކަށް އެ ފަރުވާ ދެވޭއިރު އެއީ އެއްވެސް ހާލަތެއްގައި ރާއްޖޭގައި މަސްތުވާތަކެތި ބޭނުން ކުރާ މީހުންގެ އަދަދު މަދުވަމުން ދާކަމަށް ބުނެވޭނެ ސަބަބެއް ނޫންކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވާން ބޭނުންވާ އަދި އެ ފަރުވާ ބޭނުންވާ އެތައް ޒުވާން ކުދިން ކިއުގައި އެބަތިބިކަމަށް ޝިޔާމް ވިދާޅުވި އެވެ.

ރާއްޖޭގައި މަސްތުވާތަކެތި އަތުލައިގަންނަ މިންވަރު އިތުރުވެފައިވީ ނަމަވެސް، އެ ތަކެއްޗާއި އެކު ހައްޔަރު ކުރާ މީހުންގެ މައްޗަށް ތަހުގީގު ހިންގައި ހެކި ހޯދުމުގައި އިޖުރާއީ ބޮޑެތި ގޯސްތަކެއް ހަދާތީ ކޯޓު މަރުހަލާގެ ތެރެއިން އެ މީހުން ދޫވެ އެވެ. ފަހަކަށް އައިސް ފުލުހުން އަތުލައިގަންނަ މަސްތުވާތަކެތި 100 ކިލޯއިން މައްޗަށް އަރާއިރު ގިނަ ފަހަރަށް، އޭގެ ތުހުމަތަށް ހައްޔަރު ކުރަނީ ކޯޓު މަރުހަލާގެ ތެރެއިން ދޫވެފައިވާ މީހުންނެވެ.

މަސްތުވާތަކެތި ބޭނުން ކުރާ މީހުންނަށް އަދުބު ދިނުމުގެ ގޮތުން ގާނޫނުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، މަނީ ލޯންޑްރިން އަދި ޓެރަރިޒަމް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ގޮތުން އެކަމުގެ ވިޔަފާރި ކުރާ މީހުންނަށް ބޮޑެތި އަދަދު ދެވޭނެ ހަރުކަށި އިސްލާހުތަކެއް ވަނީ ގެނެވިފަ އެވެ. އެ ގާނޫނުގެ ހަތްވަނަ މާއްދާގެ (ނ) ބުނާ ގޮތުން މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށަކީ އެ ކުށާ ގުޅިގެން މަނީ ލޯންޑްރިންގެ ދައުވާ ކުރެވޭނެ ކުށެކެވެ. އަދި އެ ގާނޫނުގެ ދަށުން މަސްތުވާތަކެތި ވިޔަފާރި ކުރާކަމަށް ތުހުމަތުކުރެވޭ މީހުންނާއި އެ މީހުންގެ އަނބިންނާއި ފިރިންނާއި ގާތްތިމާގެ މީހުން ވެސް ފައިސާ ގެންގުޅުމުގައި ބައިވެރިވެއްޖެ ނަމަ ދައުވާ ކުރެވޭ ވަރަށް ގާނޫނަށް ވަނީ ބަދަލު ގެނެވިފަ އެވެ.

މި ގާނޫނުގެ ދަށުން ބައެއް މީހުންގެ މައްޗަށް ދައުވާ އުފުލައި ޝަރީއަތްތައް ވެސް ކޯޓުގައި ވަނީ ފަށާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: