ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަނޑުވެރިންގެ ސަބްސިޑީ އަލުން އަނބުރާ އިއާދަކުރުމަށް ގޮވާލައިފި

ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން / ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ދަނޑުވެރިންނަށް ދޫކުރަން ފެށި ދަނޑުވެރިކަމުގެ ސަބްސިޑީ އަލުން އަނބުރާ ދޫކުރުމަށް ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ގޮވާލައްވައިފިއެވެ.

މަޖިލީހަށް ދަނޑުވެރިކަމުގެ ސަބްސިޑީ އިއާދަ ކުރުމަށް ގޮވާލާ ޝިޔާން ހުށަހެޅުއްވި ގަރާރުގައި ބުނެފައިވަނީ 2008 ވަނަ އަހަރު އޮތް އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ދެމުން އައި ސަބްސިޑީ އިއާދަކޮށްދޭނެ ކަމަށް 2018 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭންގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެފައިވާ ކަމަށެވެ.

2008 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ފުރަތަމަ ސަރުކާރުން ދަނޑުވެރިންނަށް ދޫކުރި ދަނޑުވެރިންނަށް ބޭނުންކުރާ ބޭހާއި އާލަތްތައް ގަތުމަށް ސީދާ ދަނޑުވެރި މީހާގެ އަތަށް ލިބުނު ސަބްސިޑީގެ ސަބަބުން ރާއްޖޭގެ އެކިއެކި ހިސާބުތަކުގެ ގޭބިސީތަކުގެ އާއްމު ހާލަތު ރަނގަޅުވެ ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރުވެގެން ދިޔަތަން ފެނިގެންދިޔައެވެ. ރާއްޖޭގެ އެކިއެކި ރަށްރަށުގެ ދަނޑުވެރި ކަމަށް ނިކުތް އަންހެންވެރިން އިތުރުވެގެން ދިޔަތަން ފެނިގެން ދިޔައެވެ.

ޝިޔާން ވިދާޅުވީ 2008 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ސަރުކާރު ނިމި ދެން އުފެދުނު ބަޣާވާތުގެ ވެރިކަމުގެ ދުވަސްވަރު ދަނޑުވެރިންނަށް ދެމުންދިޔަ ސަބްސިޑީ މެދުކެނޑިގެންދިޔަ ކަމަށެވެ.

2018 ވަނަ އަހަރު ރިޔާސީ ކެމްޕޭންގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އއ ތޮއްޑޫއަށް ވަޑައިގެން އެރަށުގެ ދަނޑުވެރިންނަށް ވައުދުވެ ވަޑައިގެންފައިވަނީ ތިމަން މަނިކުފާނުގެ ވެރިކަމެއްގައި އެމްޑީޕީގެ ފުރަތަމަ ސަރުކާރުން ދަނޑުވެރިންނަށް ދޭންފެށި ސަބްސިޑީ އަލުން އަނބުރާ އިއާދަކޮށްދެއްވާނެ ކަމުގެ ވައުދެވެ. މި ވައުދުފުޅާއެކު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ދަނޑުވެރިން ވަރަށް އުއްމީދާއެކު ވަނީ އެމަނިކުފާނަށް ވޯޓްދެއްވައި އިންތިހާބު ކޮށްދެއްވާފައެވެ.

ޝިޔާން ވިދާޅުވީ ރައީސް ސާލިހްގެ ވެރިކަމަށް 4 އަހަރުނިމިގެން ގޮސް ފަސްވަނަ އަހަރު ނިމުމުގެ ފަހު މަސްކޮޅު ގުނަމުންދާއިރުވެސް ދަނޑުވެރިންނަށް ލިބުނު ލުޔެއް ފެންނަން ނެތް ކަމަށެވެ.

މި 19 ވަނަ މަޖިލީހުން ދަނޑުވެރިކަމަށް އެތެރެކުރާ ތަކެތީގެ ޑިއުޓީ މާފްކުރުމަށް އިމްޕޯޓް އެންޑް އެކްސްޕޯޓް ގާނޫނަށް ގެނައި އިސްލާހާއި ގުޅިގެން ދަނޑުވެރިކަމަށް އެތެރެކުރާތަކެތިން ވަނީ ޑިއުޓީ އެއްކޮށް މާފުކުރެވިފައެވެ. އެހެން ނަމަވެސް ހިތާމައަކީ ގާނޫނުން ކަނޑާލި ޑިއުޓީގެ ލުއިކަމެއް ދަނޑުވެރިންނަށް ފެންނަން ނެތުމެވެ.

ޝިޔާން ވިދާޅުވި ގޮތުގައި ދަނޑުވެރިކަން ކުރުމަށް ބޭނުންކުރާ އާލަތްތައް ވިއްކާ ފިހާރަތަކުގައި އަދިވެސް މުދާ ގަންނަން ލިބެން ހުރީ ޑިއުޓީ ކަނޑާލުމުގެ ކުރިން ލިބެން ހުރި އަގު ނުވަތަ އެއަށް ވުރެ ބޮޑު އަގުގައެވެ. އެހެންކަމުން ދަނޑުވެރިން ކުރާ މަސައްކަތް ދުވަހެއް ދުވަހަށް ދަށްވެ ކުރާ މަސައްކަތުން ދެކޮޅު ނުޖެހި ދަރަނިވެރިވަމުންދާ ކަމުގެ ޝަކުވާތައް ތަފާތު އެކި ފޯރަމްތަކުގައި އެފަރާތްތަކުން ހިއްސާ ކުރަމުންދާކަމަށް ޝިޔާން ވިދާޅުވިއެވެ.

ސަރުކާރުން ދަނޑުވެރިންނަށް ހަމަ އަގު ހޯދައިދޭނެ ކަމަށްބުނެ، ސަރުކާރުން ސީދާ ދަނޑުހެއްދުމުގެ ތެރެއަށް އަތް ބާނައިފައިވާ ކަމުގެ ޝަކުވާތައްވެސް ލިބެމުންދެއެެވެ. އެކަމުގެ ސަބަބުން ދަނޑުހައްދައި ދަނޑުވެރިންނަށް ހަމައަގު ލިބޭތަނެއް ނުފެނެއެވެ. އެމްޑީޕީގެ ޖަޒީރާ މެނިފެސްޓޯގައި ދަނޑުވެރިންނަށް ވައުދުވެފައިވަނީ، ހެއްދިއެތިކޮޅު ފީނުވަނީސް ގަނެ އެތަކެތި ވިއްކާ ހުސްކޮށް ވަގުތުން އެތަކެއްޗަށް ފައިސާ ލިބޭނެ ދަނޑުގޮވާން ވެރިކަމެއް. މި ސިޔާސަތުގެ ދަށުން ޒަމާނީ އެގްރި ދަނޑުގައާއި ގޯތިގޯތީގައި ހެއްދޭ ދަނޑުގޮވާމާއި، ހައިޑްރޯފޮނިކްސް ސިސްޓަމުން އުފައްދާ ފެހިކާނާ، މުޅި ރާއްޖޭގެ ހުރިހާ ހިސާބަކަށް ހަމަޖެހިފައިވާ އެގްރިބޯޓް މެދުވެރިކޮށް ފޯރުވައި އެތަކެތި ވިއްކޭނެފަދަ އެގްރިސެންޓަރުތައް ގާއިމް ކުރެވޭނެއެވެ.

ޝިޔާން ވިދާޅުވީ މިސަރުކާރުން ދަނޑުވެރިންނަށް ވީ އެއްވެސް ވައުދެއް ފުއްދާފައިނުވާ ކަމަށެވެ. އަދި ސަރުކާރުން ރައްޔިތުންނަށް ހެވެއް އެދޭނަމަ ރައީސް ސާލިހް ދަނޑުވެރިންނަށް ވީ ވައުދު ފުއްދަންޖެހޭނެ ކަމަށް ޝިޔާން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: