ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދު އަމިއްލައަށް ނިކުމެ އިންތިހާބުގައި ވާދަނުކުރަނީ ވެރިކަން ހޯދޭނެ ފޯމިއުލާ ނެތީމަ!

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު.
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ ދިވެހިރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ ވަރުގަދަ، ނުފޫޒުގަދަ ސިޔާސީ ލީޑަރުކަމަށް ދެކޭ މީހުން އަދިވެސް މަދެއް ނޫނެވެ. އަދި އެމްޑީޕީއަކީ ރައީސް ނަޝީދުކަމަށް ދެކޭ މީހުންވެސް އެބަތިއްބެވެ.  އެމްޑީޕީ، ރައީސް ނަޝީދު ވަށައިގެން އެނބުރުނު އެނބުރުން ބަދަލުކޮށްލީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބެވެ. ރައީސް ނަޝީދު ހުކުމެއްގައި ހުންނެވުމުގެ ސަބަބުން މިހާރުގެ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު ލިބުނު ދުވަހުން ފެށިގެން ރައީސް ނަޝީދަށް އޮތް ތާއީދު އަންނަނީ ފަނޑުވަމުންނޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދު ވާދަކުރެއްވީ ކާމިޔާބީ ލިބޭނެކަމުގެ ޔަގީންކަމާއިއެކު، ޕްލޭން ބީ އަކާއި ނުލައެވެ. ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ވެރިކަން ބަދަލުކުރަން އުޅުނުއިރު، އެމަނިކުފާނަށް އެ އޮތް ތާއީދު އަދިވެސް އޮންނާނެކަމަށް ހީކުރައްވައިގެން ވާދަކުރެއްވި އެ އިންތިހާބުން ލިބިވަޑައިގަތީ ބޮޑު ތަނުން ނާކާމިޔާބީއެވެ. އެހިސާބުންވެސް ގޮތް ދޫނުކުރައްވައި އިންތިހާބު ބާތިލްކުރައްވަން ފެއްޓެވި މަސައްކަތް ކާމިޔާބު ނުވާނޭ ހީވުމުން މިހާރު އެމަނިކުފާނުގެ އަމާޒަކީ މި އަހަރުގެ ރިޔާސީ އިންތިހާބު ރައީސް ސާލިހަށް ގެއްލުވާލުމެވެ.

އެ މަސައްކަތުގައި ބައިވުމަށް ދިއްކޮއްލި އަތުގައި ހިތްޕެވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްއެވެ. އަބަދުވެސް ކޯލިޝަން ހެދުމަށް ފާޑު ވިދާޅުވާ ރައީސް ނަޝީދު މިހާރު ހުންނެވީ ގާސިމް އާއިއެކު، ގާސިމްގެ ފަހަތްޕުޅުގައެވެ.

އެމްޑީޕީގެ ރިޔާސި ޕްރައިމަރީއިން ލިބިވަޑައިގަތް ނާކާމިޔާބީ ރައީސް ނަޝީދު ގަބޫލުނުކުރެއްވީ އެމަނިކުފާނަށް އަދިވެސް ތާއީދު އޮތްކަމަށް ވިދާޅުވެއެވެ. އެ ވިދާޅުވާ ތާއީދު އަދިވެސް އޮތް ނަމަ އެމަނިކުފާނު އަމިއްލައަށް ވެރިކަމުގައި ވާދަ ނުކުރައްވަންވީ ކީއްވެގެންތޯއެވެ. އަދި އެމަނިކުފާނަކީ ރައީސް ސާލިހު ވާދަކޮށް ކުރި ހޯދޭނެ ބޭފުޅެއްކަމަށް ގަބޫލުކުރައްވަނީނަމަ އަމިއްލައަށް ވާދަކޮށް، ރައީސް ސާލިހު ބަލިކުރެއްވުމަށް އިންތިހާބަށް ކުރިމަތިނުލަނީ ކީއްވެގެންތޯއެވެ. ފިކުރެއް ދިރުވަން އެމަނިކުފާނު އެކުރައްވާ މަސައްކަތަށް އެމްޑީޕީއާއި ދިވެހި ރައްޔިތުންގެވެސް ތާއީދު އޮތްކަމަށް ގަބޫލުކުރައްވާނަމަ އިންތިހާބުގައި ވާދަނުކުރައްވާނެއެވެ. އޭގެ ބަދަލުގައި ގާސިމްގެ ފަހަތްޕުޅަށް އެރުއްވުމުން އިންތިހާބު ކާމިޔާބު ކުރެވޭވަރަށް ތާއީދު ނުލިބިދާނެކަން ރައީސް ނަޝީދު ގަބޫލުކުރައްވާކަން ސާފުވެއެވެ.

ޖުމްހޫރީ ޕާޓީގެ ފަހަތުގައި ހުންނަވައިގެން ރައީސް ނަޝީދު ބޭނުންވާހާ ކޮންމެ ކަމަކާއި، ހުށައަޅާ ކޮންމެ ކަމެއް ފުރިހަމަ ކުރުން ވާނީ ދަތިތަކަމަކަށް ޔަގީނެވެ. އެއީ ޖުމްހޫރީ ޕާޓީއާއިއެކު އިތުރު އެހެން ސިޔާސީ ޕާޓީތަކުންވެސް ކޯލިޝަން ހަދާނެކަމަށް ބެލެވޭއިރު، އެ ޕާޓީތަކުގެވެސް ހުށައެޅުންތަކެއް ހުންނާނެއެވެ. އެހެންކަމުން އަމިއްލައަށް ނިކުމެ ވެރިކަމަށް ކުރިމަތިލެއްވުމަކީ ރައީސް ނަޝީދު ބޭނުންވެލައްވާ ހުރިހާ ބާރަކާއި ކަންކަމެއް ފުރިހަމަކުރެވެން އޮތް ގޮތް ނަމަވެސް، އެ ގޮތް ދޫކޮށްލައި އެހެން ބޭފުޅެއްގެ ފަހަތަށް އަރައި ވަޑައިގަންނަވާނީ ތާއީދު ނުލިބި، ރިޔާސީ އިންތިހާބުގައިވެސް ނާކާމިޔާބީ އާއި ކުރިމަތިލާންޖެހިދާނެކަމަށް ގަބޫލުކުރައްވާތީއެވެ. ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަކީ ރައީސް ނަޝީދުގެ އެންމެ ބޮޑު އެއް ބޭނުންކަމުގައިވާއިރު، މިކަމަށް ބޭނުންވާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު އެހެން ބޭފުޅެއްގެ ވެރިކަމުގެ ޒައާމަތުގައި ނެގުމަށް އެއްބަސްވާނެކަމަކަށް ނުބެލެވެއެވެ.

ރައީސް ނަޝީދަކީ ކަމެއް ކުރެވޭނެކަމަށް ކިރިއާވެސް ހީވެއްޖެނަމަ އެކަމަކާއި ކުރިމަތިލައްވާ ބޭފުޅެކަށްވާއިރު، ނާކާމިޔާބީ ލިބޭނެކަމަށް ކިތައްމެ ގިނަ ބަޔަކު ބުނި ނަމަވެސް ހުދު އެމަނިކުފާނަށް ކާމިޔާބީ ލިބޭނެކަމަށް ގަބޫލުކުރެވެނީނަމަ މީހަކު ކިޔާނެ އެއްޗަކަށް ފަރުވާލެއް ނުބަހައްޓަވައެވެ. އެއީ އަޅުގަނޑުމެންނަށް މާޒީއަށް ބެލުމުން ސާފުކޮށް ފެންނަން ހުރި ކަންކަމެވެ. މިހެން ކަން އޮތްއިރު، އަމިއްލައަށް ނިކުމެ ވާދަކޮށްގެން އިންތިހާބު ކާމިޔާބުކުރެވޭނެކަމުގެ ކިރިއާވެސް ފޯމިއުލާއެއް އެމަނިކުފާނުގެ އަތްޕުޅުގައި އޮތް ނަމަ ވެރިކަމާއި ކުރިމަތިލައްވާނެއެވެ.

ރައީސް ނަޝީދާއި އަރިސް މެންބަރުން ވިދާޅުވާ ގޮތުގައި އެމަނިކުފާނު މަސައްކަތް ކުރައްވަނީ ވެރިކަމުގެ ބޭނުމުގައިއެއް ނޫނެވެ. ރައީސް ނަޝީދަކީ ވެރިކަމުގެ ބޭނުމުގައި މަސައްކަތްކުރައްވާ ބޭފުޅެއް ނޫންކަމަށް ބުނުމުން ދެން އެމަނިކުފާނުގެ އޮތް އިތުރު ބޭނުމަކީ ކޮބައިކަމެއް ސާފެއްނުވެއެވެ. ވެރިކަން ބޭނުންނުވާ ބޭފުޅަކު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި މަރުފަލިޖެހީ ކީއްވެގެންތޯ ސުވާލުއުފެދެއެވެ. އަދި އެތައް ބަޔަކަށް ވިސްނަދީގެން ބުރަ މަސައްކަތްތަކެއް ކުރައްވައިގެން ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރެއްވުމަށް، އެ މަސައްކަތް ކުރައްވަނީ ވެރިކަން ހޯދުން ނޫން ކޮން ބޭނުމެއްގައިތޯ ސުވާލުއުފެދެއެވެ.

ދެން އޮތް ސުވާލަކީ ރައީސް ނަޝީދު އިންތިހާބުގައި ވާދަކުރަން ނިންމަވައިފި ހާލަތެއްގައިވެސް އެއްވެސް ސިޔާސީ ޕާޓީއެއް އެމަނިކުފާނުގެ ފަހަތަށް އަރާ ކޯލިޝަން ހަދާފާނެތޯއެވެ. މި ވަގުތު ރިޔާސީ ކެނޑިޑޭޓެއް އިއުލާންނުކޮށް، އިންތިހާބަށް ވަކި ގޮތެއް ނުނިންމާ އޮތް ހަމައެކަނި ޕާޓީއަކީ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އެވެ. ނަމަވެސް އެ ޕާޓީއިން ރައީސް ނަޝީދުގެ ފަހަތަށް އެރުމަކީ ދުރުކަމެކެވެ. ރައީސް ނަޝީދު ވަނީ ދާދިފަހުންވެސް ރައީސް މައުމޫނަކީ ބިރުވެރި ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. ޖުމްހޫރީ ޕާޓީއިންވެސް އަމިއްލައަށް ނިކުމެ ވާދަކުރަން ނިންމާފައިވާއިރު، އިދިކޮޅުގެ ކޮންގްރެސް ކޯލިޝަންގެ އިން ރައީސް ނަޝީދާއިއެކު ކޯލިޝަން ހަދާފާނެކަމަކަށް ނުބެލެވެއެވެ.

އެހެންކަމުން އިންތިހާބަށް ނިކުމެވަޑައިގަތް ނަމަވެސް އެމަނިކުފާނަށް ނިކުންނަށް ޖެހިވަޑައިގަންނަވާނީ ގިނިކަންޏާއެވެ. އަދި ނާކާމިޔާބީ ލިބިއްޖެނަމަ ސިޔާސީ މަޝްރަހުން އެމަނިކުފާނުގެ އަޑު އެއްކޮށް ކެނޑިގެން ދިއުމަކީ އެކަށީގެންވާކަމެކެވެ. މީގެ ކުރިގައި އޮތް ފަދައިން ރައީސް ނަޝީދަށް ތާއީދެއް ނެތްކަން އެމްޑީޕީގެ ތެރެއިންނާއި، މަޖިލީހުގެ ތެރެއިންވެސް ސާފުވެއެވެ. އަދި ޕާޓީގެ އެތެރޭގެ އިންތިހާބުތަކުންވެސް އެކަން ސާފުވަމުންދާއިރު، އެމަނިކުފާނު އަމިއްލައަށް ވަކި ކެނޑިޑޭޓެއްގެ ގޮތުގައި ނިކުމެ ވާދަނުކުރައްވަނީ މި ސަބަބަށްޓަކައިކަމަށްވުން އެކަށީގެންވެއެވެ. ނޫނީ އިންތިހާބުގައި ކާމިޔާބުކުރެވޭވަރުގެ ހިތްވަރެއް ނެތީއެވެ.

ވަރަށް ގަދަ
64%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 36%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: