ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދު އެ ކުރައްވަނީ ސިޔާސީ ޕާޓީއެއްގެ ތެރޭގައި ކުރެވިގެން ވާނެކަމެއްނޫން، ފިޔަވަޅު އަޅަންޖެހޭ: އީސަ

ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ ސަންގު ޓީވީގެ "ހަބަރަށްފަހު" ޕްރޮގްރާމުގައި.
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކުރިއަށްގެންދަވަނީ ޕާޓިއެއްގެ ތެރޭގައި ކުރެވިގެންވާނެކަމެއް ނޫންކަމަށާއި، ރައީސް ނަޝީދަށް ޑިމޮކްރެޓިކް ހަމަތަކުގެ ތެރެއިން ފިޔަވަޅު އަޅަންޖެހޭކަމަށް ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ދުވަސްވަރު ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ދެއްކެވި ވާހަކައާއި އެއްގޮތަށް ކޯލިޝަން ދަމަހައްޓާ، ވަރުދަގަދަ ކޯލިޝަން ސަރުކާރެއް އެމަނިކުފާނަށް ދެން ނުއުފެއްދޭނެ ކަމަށް ބުނެ ރައީސް ސާލިހާއި ވާދަވެރި ފަރާތްތަކުން ގެންދަނީ ވާހަކަ ދައްކަމުންނެވެ. ސަރުކާރު ކޯލިޝަނުގައި އޮތް އެންމެ ބޮޑު ޕާޓީ ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީއާއިއެކު ކޯލިޝަން ނުހެދުމަށް ނިންމާފައިވާތީވެސް ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ. އަދި މިހާރު އެމްޑީޕީއާއިއެކު ކޯލިޝަން ހެދުމަށް އެއްބަސްވެފައިވަނީ ސިޔާސީ ގޮތުން މާ ބޮޑު ބުރަދަނެއް ހުރި ޕޓީތަކެއް ނޫންކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެވެ. އެއީ އަދާލަތު ޕާޓީ އަދި އެމްޑީއޭއަށް އަމާޒުކޮށް ދެކެވޭ ވާހަކަތަކެކެވެ.

ސަންގު ޓީވީގެ “ހަބަރަށްފަހު” ޕްރޮގްރާމުގައި މިކަމާއި ގުޅިގެން ވާހަކަދައްކަވަމުން އީސަ ވިދާޅުވީ ދިވެހިރާއްޖޭގައި އެކި ވަރުގެ ސިޔާސީ ޕާޓީތައް އެބަހރިކަމަށާއި، މިހާރު އަމަލުކުރާ ގާނޫނު އަސާސީގެ ދަށުން ބޭއްވުނު ފުރަތަމަ އިންތިހާބުގައިވެސް އެއް ޕާޓީއަކަށް ރައްޔިތުން ވެރިކަން ނުދޭކަމަށާއި، އެއާއި ދެން ޖެހިގެން އައި އިންތިހާބުތަކުގައިވެސް ކަން ވެގެންދިޔައީ އެހެންކަމަށެވެ. އަބަދުވެސް އުފެދެމުން އަންނަނީ ކޯލިޝަން ސަރުކާރެއްކަމަށް އީސަ ފާހަގަކުރިއެވެ.

ސިޔާސީ ޕާޓިއެއް އުފެދި ދެމި އޮންނަނީ ވެރިކަމުގެ ބޭނުމުގައިކަމަށާއި، އެގޮތުން ޕާޓީތަކަށް އެ ޕާޓީތަކުގެ އަމިއްލަ ސިޔާސަތުތައް ތަންފީޒުކުރެވެނީ ވެރިކަމުގެ ބާރުގެ ތެރެއަށް ކޮންމެވެސް ގޮތަކަށް ވަދެވިގެންކަމަށް އީސަ ވިދާޅުވިއެވެ. މިފަދަ ޕާޓީތަކަށް ކޯލިޝަންގެ ތެރެއިން ޕާޓީގެ ބޭނުން ހާސިލްކުރެވޭކަމަށް އީސަ ވިދާޅުވިއެވެ. އަދި ޕާޓީތަކަން ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދިނުމުގެ ފުރުސަތުވެސް ގުޅިފައިވާ ސިޔާސީ ޕާޓިތަކާއިއެކު އެކުލަވާލާ މެނިފެސްޓޯގެ ތެރެއިން ލިބިގެންދާނެކަމަށްވެސް އީސަ ވިދާޅުވިއެވެ.

“ކުދި ޕާޓީތަކަށްވެސް ކޯލިޝަންއެއްގެ ތެރެއަށް ވަނީމަ އެބަ ފުރުސަތު ލިބޭ ސަރުކާރެއްގެ ތެރޭގައި ތިބެގެން އަދި ކޯލިޝަން މެނިފެސްޓޯއެއްގެ ތެރެއަށް އެބޭފުޅުން ބޭނުންވާ ކަންތައްތަކެއްވެސް، މި ދެންނެވިހެން އެ ޕާޓީ ގަބޫލުކުރާ ކަންތައްތަކެއް ލައިގެން ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދޭ”

ދިވެހިރާއްޖެ ސިޔާސީ މައިދާނުގައި ހުންނެވި އެންމެ ތަޖުރިބާކާރު ބޭފުޅަކީ ރައީސް ސާލިހުކަމަށް އިންސާފުވެރިކޮށް ސިޔާސީ މައިދާން ދިރާސާ ކުރައްވާ މީހުން ގަބޫލުކުރާނެކަމަށް ވިދާޅުވެ، އީސަ ފާހަގަކުރި ގޮތުގައި އެމްޑީޕީގެ ތާރީހުގައި ފާހަގަކުރެވޭ ހުރިހާކަމެއްގައި ވަރަށް އިސްކޮށް ރައީސް ސާލިހު ހަރަކާތްތެރިވިއެވެ. އެގޮތުން އެމްޑީޕީއިން ވެރިކަމަށް އައުމަށް ޕާޓީތަކާއިއެކު ކޯލިޝަން ހެދުމަށް ކުރި މަޝްވަރާތަކާއި، ދެއްކެވި ވާހަކަތައްވެސް ރައީސް ސާލިހަށް އެނގިވަޑައިގަންނަވާނެކަމަށާއި، މިކަންކަމުގައިވެސް ރައީސް ސާލިހު ވަރަށް އިސްކޮށް ހަރަކާތްތެރިވިކަމަށް އީސަ ވިދާޅުވިއެވެ.

އީސަ ވިދާޅުވީ ހުރިހާ ސިޔާސީ ޕާޓިއެއް އެއް ފަރާތެއްގައި ނޯންނާނެކަމަށާއި، ކޯލިޝަނަކާއިއެކު ވެރިކަމަށް އަންނާނެކަމަށް ރައީސް ސާލިހު ވިދާޅުވި ނަމަވެސް އޭގެ މާނައަކީ ކޯލިޝަންގައި ދިވެހިރާއްޖޭގައި ހުރި ހުރިހާ ސިޔާސީ ޕާޓިއެއް އޮންނާނެ ވާހަކަ ނޫންކަމަށެވެ.

ކާމިޔާބު ކޯލިޝަނެއް އެކުލަވާލުމަށް ރައީސް ސާލިހު ކުރައްވަމުންދާ މަސައްކަތްތައް ދަނީ ފުރިހަމަވަމުންތޯ ސުވާލުކުރުމުން އީސަ ވިދާޅުވީ، މިހާރު ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމާފައިވާ ރިޔާސީ ކެނޑިޑޭޓުންގެ ތެރެއިން އެބޭފުޅެއްގެ ފަހަތްޕުޅުގައި އެންމެ ގިނަ ސިޔާސީ ޕާޓީތައް އޮތީ ރައީސް ސާލިހާއިއެކުގައިކަމަށެވެ.

މީގެ އިތުރުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ޖުމްހޫރީ ޕާޓީއާއިއެކު ކުރައްވަމުން ގެންދަވާ މަސައްކަތަކަކަކީ، އެގޮތަށް ކުރެވިދާނެ މަސައްކަތްތަކެއްތޯ ސުވާލުކުރުމުން އީސަ ވިދާޅުވީ ރައީސް ނަޝީދަކީ ޑިމޮކްރަސީގެ ހަމަތަކާއި ބެހޭ ގޮތުން ވަރަށް ގިނަ ވާހަކަދެއްކެވި ބޭފުޅެއްކަމަށެވެ. އަދި އޭނާއަށް ޑިމޮކްރަސީ އާއި ބެހޭ ގިނަ ކަންކަން ދަސްވީވެސް ރައީސް ނަޝީދުގެ ފަރާތުންކަމަށް  ވިދާޅުވިއެވެ.

ނަމަވެސް ރައީސް ނަޝީދު މިހާރު މަސައްކަތްކުރައްވަމުން އެ ގެންދަވަނީ އެ ޑިމޮކްރަސީގެ ހަމަތަކާއި ހިލާފަށްކަމަށް އީސަ ވިދާޅުވިއެވެ. އެމްޑީޕީއަކީ ޑިމޮކްރެޓިކް ހަމަތަކާއި އުސޫލުތައް ދަމަހައްޓާ ޕާޓީއެއްކަމަށާއި، އެހެންކަމުން ގޯސްކޮށް ކުރައްވާ ކޮންމެކަމަކަށް ހަރުކަށި ފިޔަވަޅުތައް ނާޅާނެކަމަށް އީސަ ވިދާޅުވިއެވެ.

ނަމަވެސް ޕާޓީގެ އަސާސީ އުސޫލުތައް ހިފެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަންކަން އެމްޑީޕީއިން ކުރާނެކަމަށާއި، ކުރަން ޖެހޭ ވަގުތުގައި އެކަން ކުރަންޖެހޭ ގޮތަށް ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ. ރައީސް ނަޝީދު ހިންގަވަނީ ސިޔާސީ ޕާޓިއެއްގެ ތެރޭގައި ހިންގިގެން ވާނެ ހަރަކާތެއް ނޫންކަމަށް އޭނާވެސް އެއްބަސްވާކަމަށާއި، މިއީ ބަލަންޖެހޭ މައްސަލަތަކެއްކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: