ރައީސް އިބްރާޙިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ކުންފުނިތަކުގައި އިންތިހާއަށް ކޮރަޕްޝަން އިތުރުވީއިރު ވެސް އެކަމަށް އިހުމާލުވަމުންދާކަމަށް ކުރީގެ ނައިބު ރައީސް އަދި ރައީސް ޔާމީންގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ގުރައިދޫ ދާއިރާގެ ގޮނޑިއަށް ވާދަވެރިކަން ބޮޑުވެ، އެމްޑީޕީން ހިންގަމުންދާ ކެމްޕެއިން ހަރަކާތްތަކުގައި ރައީސް ސާލިހުވެސް ދަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ. ސަރުކާރުގެ އަމަލުތައް ބައްޓަންވެފައި ހުރި ގޮތާއިމެދު ޖަމީލު ނުރުހުން ފާޅުކުރެއްވިއެވެ.
އޭނާ ވިދާޅުވީ، ރައީސް ސާލިހުގެ ސަރުކާރުގައި އެންމެހާ ނިޒާމެއްވަނީ ބޮއްސުންލާފައިކަމަށެވެ. އެހެންކަމުން ކޮންމެ ދިމާލަކަށް ނަޒަރު ހިންގާލިނަމަވެސް ހަވާލުވެ ތިބި ބަޔަކު ބޭނުން ގޮތަކަށް އަމަލުކުރަމުންދާކަމަށް ފާހަގަކުރެއްވޭކަަމަށް ޖަމީލު ވިދާޅުވިއެވެ.
އިބޫގެ ސަރުކާރުގައި ހުރިހާ ނިޒާމެއް ބޮއްސުންލައިފި. ކޮންމެ ދިމާލެެއްގައި އެ މީހަކު ހިތުހުރި ގޮތެއް. ސަރުކާރު ކުންފުނިތައް ވައްކަމުގެ ހާއްޔަކަށް. ޕީޖީ، އީސީ ވާގިނެތިފައި. ރިޝްވަތާއި ނުފޫޒް ފޯރުވުން ޢާންމުވެއްޖެ. މަންޒަރު ސިފަވަނީ ލޯެލެސް ސްޓޭޓެއްގެ ގޮތުގައި. pic.twitter.com/UHNFjvG0iH
— Mohamed Jameel Ahmed (@MJameelAhmed) April 14, 2023
އޭނާ ވިދާޅުވީ، ރައީސް ސާލިހުގެ ބެއްލެވުމުގެ ދަށުގައި ވަނިކޮށް ސަރުކާރުގެ ކުންފުނިތައް މިހާރު އޮތީ ”ވައްކަމުގެ“ ހާއްޔަކަށް ވެފައިކަމަށެވެ. އޭނާ ވިދާޅުވީ، އެފަދަ އަމަލުތައް ފާހަގަކުރެވެމުންދާނަމަވެސް ޕީޖީ އޮފީސް އަދި އިލެކްޝަންސް ކޮމިޝަންވެސް އޮތީ ވާގި ނެތިފައިކަމަށް ޖަމީލު އިޝާރާތްކުރެއްވިއެވެ. އޭނާ ވިދާޅުވީ، މި ދައުރުގައި ފެނިގެންދަނީ ރިޝްވަތު ދިނުމާއި އެހެނިހެން ގޮތް ގޮތުން ނުފޫޒު ފޯރުވައިގެން ކަންކަން ކުރާ މަންޒަރުކަމަށެވެ. އަދި އެފަދަ އަމަލުތައް މިހާރު އާންމުވެފައިވާކަމަށާއި މިހާރު ރާއްޖެ ސިފަވެގެންދަނީ ގާނޫނީ ބާރެއް ނުހިނގާ ”ލޯލެސް“ ސްޓޭޓެއްގެ ގޮތުގައިކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

