އިލެކްޝަންސް ކޮމިޝަނުން ވޯޓު އޮޅުވާލުމުގައި އެހީތެރިވާ ކަމަށް މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ތުހުމަތުކުރައްވައިފިއެވެ.
ގުރައިދޫ ބައި އިލެކްޝަން އެމްޑީޕީގެ ކެނޑިޑޭޓަށް ކާމިޔާބު ކުރެވިފައިވާއިރު، އިދިކޮޅު ޕީޕީއެމް އަދި އެހެނިހެން ޕާޓީތަކުންވެސް ދަނީ ވޯޓު ލުމުގެ ތެރެއިން އޮޅުވާލުންތަކެއް ހުރިކަމަށް ފާހަގަކޮށް ނުރުހުންފާޅުކޮށްފައެވެ. ވޯޓު ލުމުގެ ވަގުތު އިތުރުކުރިކުރުމަށް އިޝާރާތްކުރައްވާ ސައީދު ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރަކީ ”ޗޯރު“ ސަރުކާރެއްކަމަށެވެ.
އޭނާ ވިދާޅުވީ، ވޯޓުލުމުގެ ވަގުތަށް އެއް ގަޑިއިރު އިތުރު ކުރިކަމަށެވެ. އެހެންނަމަވެސް އެކަން ކުރީ ވާދަކުރާ ޕާޓީތަކާއި މަޝްވަރާކުރުމެއް ނެތިކަމަށް ސައީދު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، ގަޑި އިތުރުކުރީ ކިއުގައި އެއްވެސް ބަޔަކު ނެތިކަމަށެވެ.
މިއީހަމަ ޗޯރުސަރުކާރެއް.
1ގަޑިއިރުގެ ވަގުތު އިތުރުކުރީ ވާދަކުރާ ޕާޓީތަކާއި މަޝްވަރާނުކޮށް. އަދިއެވަރުގެ ކިޔޫއެއްވެސްނެތި.
އިތުރުކުރި 1ގަޑިއިރުތެރޭ ސަރުކާރުން ވޯޓަށްރިޝްވަތު
ހުށައެޅުމުގެ މަގު ފަހިކުރި. އެކަންކޮއްދިނީ އިލެކްޝަނުން https://t.co/piamPbw3Al— Mohamed Saeed (@em_saeed) April 15, 2023
އޭނާ ވިދާޅުވީ އިތުރު ކުރި ވަގުތުގެ ތެރޭގައި ފައިސާގެ ނުފޫޒު ބޭނުންކޮށްގެން އެމްޑީޕީއިންވަނީ ވޯޓު ހޯދާފައިކަމަށެވެ. އަދި އެކަން ކުރުމަށް އެމްޑީޕީއަށް މަގުފަހިކޮށްދީފައިވަނީ އިލެކްޝަންސް ކޮމިޝަނުންކަމަށް ސައީދު ތުހުމަތުކުރެއްވިއެވެ. އޭނާ ވިދާޅުވީ، ރައީސް ސާލިހުގެ ސަރުކާރަށް ސައްހަކަމާއިއެކު ބާއްވާ އިންތިހާބެއް ތަހައްމަލު ނުކުރެވޭނެކަމަށެވެ. އޭނާ ވިދާޅުވީ، އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް އާއި ބައްދަލުވެވަޑައިގެންނެވިކަމަށާއި މިހާރު އެ ކޮމިޝަން އޮތް ހާލަތާއިމެދު ހަމްދަރުދީވާކަމަށް ވިދާޅުވިއެވެ.

