ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންގެ ނަން އޮންނާނެކަމަށް އިދިކޮޅުން ބުނަނީ ކީއްވެ؟

އިދިކޮޅުގެ ރިޔާސީ ޓިކެޓު ރައީސް ޔާމީން އަށް އެރުވުން.
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ތައްޔާރީތައް ފަށާ، ޕާޓީތަކުން ރިޔާސީ ކެނޑިޑޭޓުން އިއުލާންކުރަމުންދާއިރު އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ކަނޑައެޅި ރިޔާސީ ކެނޑިޑޭޓު ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ. މަނީ ލޯންޑްރިން އާއި ރިޝްވަތު ގަބޫލު ކުރުމުގެ ކުށް އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ސާބިތުވި މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް ހުކުމްކުރީ ޕާޓީގެ ރިޔާސީ ޓިކެޓު ރަސްމީކޮށް އެމަނިކުފާނަށް އަރުވާފައިވަނިކޮށެވެ. އެއާއިއެކު ގިނަ ބައެއްގެ މެދުގައި އުފެދުނު ސުވާލަކީ ރައީސް ޔާމީންގެ ސިޔާސީ ހަޔާތަށް ވެގެންދާނީ ކިހިނެއްތޯއެވެ. އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމް ކަންތައްކުރާނީ ކިހިނެއްތޯވެސް ސުވާލުއުފެދުނެވެ.

މި ސުވާލުތަކުގެ ޖަވާބު އަދިވެސް ނުލިބިވާއިރު، ރައީސް ޔާމީނަށް ޖަލު ހުކުމެއް އިއްވި ނަމަވެސް 2023 ގެ ރިޔާސީ އިންތިހާބުގައި އެ މަނިކުފާނަށް ވާދަކުރުމުގެ ފުރުސަތު ނުގެއްލޭނެކަަމަށް ހުކުމު ކުރުމުގެ ކުރިންވެސް ޕީޕީއެމްގެ މެންބަރުން ދިޔައީ ބުނަމުންނެވެ. އިދިކޮޅުން ގަބޫލު ކުރާ ގޮތުގައި، ސަރުކާރުން ރައީސް ޔާމީނަށް ހުކުމް ކުރަން ބޭނުން ވީ ނަމަވެސް މައްސަލައިގެ ޝަރީއަތްތައް ދިޔައީ އާއްމުކޮށް ފެންނަހެންކަމަށްވުމާއި އެކު ކުށް ސާބިތުވެއްޖެ ނަމަ އެ ވާނީ ބޭއިންސާފު ހުކުމަކަށެވެ. ކޯޓުން ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތުވާކަމަށް ހުކުމްކުރި ނަމަވެސް، އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ނުގެއްލޭނެކަމަށް އިދިކޮޅުން ބުނާ ސަބަބަކީ އެފަދަ ހާލަތެއްގައި ކްރިމިނަލް ކޯޓުގެ ހުކުމް ދަމަހައްޓައި، ސުޕްރީމް ކޯޓުން ނިހާޔީ ހުކުމެއް ކުރުމާއި ހަމައަށް ރައީސް ޔާމީނަށް އިންތިހާބުގައި އިދިކޮޅުގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު އޮތީމައެވެ.

ގާނޫނު އަސާސީގެ 113 ވަނަ މާއްދާގައި ވާގޮތުން ރިޔާސީ ކެނޑިޑޭޓެއްގެ ޝަރުތުތަކަކާއި މެދު ހިލާފް އުފެއްދިއްޖެ ނަމަ ގޮތް ނިންމުމުގެ ބާރު އޮތީ ހަމައެކަނި ސުޕްރީމް ކޯޓަށެވެ. އަދި މީގެ ކުރިން ހުކުމް ތަންފީޒުކުރަމުން ގެންދިޔަ ފަރާތްތަކަށް އިންތިހާބުތަކުގައި ވާދަކުރުމުގެ ފުރުސަތުދީފައި އޮތުމަކީ އިދިކޮޅުގެ އުއްމީދު އާލާވާ ސަބަބެކެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ އިންތިހާބަށް ކެނޑިޑޭސީ ހުށައެޅުމަށް ހުޅުވާލުމުގެ ކުރިން އިދިކޮޅުގެ ރިޔާސި ކެނޑިޑޭޓު ގޮތުގައި ރައީސް ޔާމީން އަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ނެތްކަމަކަން ނުދެންނެވޭނެކަމަށެވެ. ފުއާދު ވިދާޅުވީ ރައީސް ޔާމީންއަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމް މިހާރު ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، ފޯމު ހުށައެޅުމަށް ހުޅުވާލާއިރު ހާލަތު ބަދަލުވެފައި އޮތުމަކީ އެކަށީގެންވާކަމެއްކަމަށެވެ. މި މައްސަލައިގައި ހައި ކޯޓުން ކޮންމެ ގޮތަކަށް ނިންމެވި ނަމަވެސް ސްޕްރީމް ކޯޓަށް ދިއުމުގެ ޖާގަ އެބަ އޮތްކަމަށް ފުއާދު ވިދާޅުވިއެވެ. އެހެން ކަންތައްވެއްޖެނަމަ ސްޕްރީމް ކޯޓުން ނިންމާނެ ނިންމުންވެސް އަދި ނޭނގޭކަމަށް ވިދާޅުވިއެވެ. އެހެންކަމުން ރައީސް ޔާމީންއަށް ފުރުސަތެއް ނެތްކަމަށް އަދި ނުނިންމޭނެކަމަށް ވިދާޅުވެ، ރައީސް ޔާމީންއަކީ ކުށެއް ނުކުރައްވާ ބޭފުޅެއްނަމަ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ދޭހަވާފަދަ މޭރުމަކުން ފުއާދު ވަނީ ވާހަކަދައްކަވާފައެވެ.

މިއާއިއެކު އިދިކޮޅުން 2023 އަށް ޖަހަމުން ދިޔަ ހިސާބަށް އިތުރު ފަސޭހަތަކެއް ލިބިފައިވީ ނަމަވެސް ރައީސް ޔާމީން މިނިވަންކޮށް، ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެ ފުރުސަތު ހޯދައިދިނުމަށް އިދިކޮޅުން އެކަށީގެންވާ މަސައްކަތްތަކެއް ކުރޭތޯ ސުވާލުއުފެދެއެވެ. ރައީސް ޔާމީންގެ އިސްތިއުނާފްގެ މައްސަލަ މިހާރު ލަސްވެފައި އޮތީ ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފު ނުކުތާތައް ލިޔުއްވައި ހުށަހެޅުންތައް ލަސްވެފައިވުމުންކަމަށް ދާދިފަހުންވެސް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުން ވަނީ ބުނެފައެވެ.

އިދިކޮޅުން ހުވަފެންދެކޭ ގޮތަށް ރައީސް ޔާމީންއަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ނުލިބިއްޖެނަމަ ދެން ކަން ކުރާނެގޮތެއްވެސް އިދިކޮޅުގެ މަގު ޗާޓުގައި އޮތުމަކީ މުހިންމުކަމެއްކަމުގައިވާއިރު، އިދިކޮޅުގެ މިފަދަ އެއްވެސް ނިންމުމެއް އޮތްކަމަކަށް އެނގިފައެއް ނެތެވެ. ޕާޓީގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ ބޭފުޅަކު މީގެ ކުރިން ޕާޓީއިން 2023 އަށް ކެނޑިޑޭޓެއް ނެރޭނެކަމަށް ވިދާޅުވެފައިވީ ނަމަވެސް އެވާހަކަ ތަފްސީލީ ގޮތެއްގައި ނުދައްކަވައެވެ.

ރައީސް ޔާމީން މިނިވަންކުރުމަށް އިދިކޮޅުން އިހުލާސްތެރިކަމާއިއެކު މަސައްކަތްނުކުރާކަމަށް ބުނެ އިނގިލިތައް އަމާޒުވާއިރު، ވާދަވެރި ފަރާތްތަކުން ބުނާ ގޮތުގައި އިދިކޮޅުގެ މަގްސަދަކީ މުޅިން އެހެން މަގްސަދެކެވެ. އިދިކޮޅުގެ ލީޑަރޝިޕުން މަސައްކަތްކުރަނީ ރައީސް ޔާމީން ޖަލުގައި ބަހައްޓާ އެމަނިކުފާނުގެ އަތްޕުޅުން ރިޔާސީ ޓިކެޓު އަތުލެއްވުމުގެ މަސައްކަތްކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެވެ.

މާލެ ސިޓީގެ މޭޔަރ ޑރ މުހައްމަދު މުއިއްޒު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓަކަށްވުމަށް އަމިއްލައަށް ކެމްޕެއިން ކުރާކަމަށް ބުނެ ރައީސް ޔާމީންގެ އާއިލާއިން ޕީޕީއެމްއަށް މައްސަލައެއް ހުށައަޅާފައިވާކަމަށް ބުނެ ވާހަކަތަކެއް ދެކެވިފައިވީ ނަމަވެސް އިދިކޮޅުން ވަނީ މި ވާހަކަތައް ދޮގުކޮށްފައެވެ. އަދި ތަކުރާރުކޮށް ބުނަމުންދަނީ އިދިކޮޅުގެ ރިޔާސީ ކެނޑީޑޭޓަކީ ރައީސް ޔާމީންކަމަށާއި، 2023 ގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންގެ ނަން އޮންނާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: