ސިޔާސީ އެކި ފާޑުކިއުންތައް އަމާޒުކޮށް ޓުވީޓު ކުރަމުން ދާ ”ހަސަން ކުރުސީ“ އަކީ އެމްޑީޕީގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިންގަވާ އެކައުންޓެއްކަމަށް ގިނަ ބަޔަކު ދެކި، ގެއްލުން ވަމުންދާތީ، އެ މައްސަލަ ބަލައިދޭން އެދި އެމަނިކުފާނު ފުލުހަށް ހުށަހަޅައިފި އެވެ.
ޓުވިޓާގައި މަޝްހޫރު ”ހަސަން ކުރުސީ“ ގެ އެކައުންޓުން ސިޔާސީ އެކި ބޭފުޅުންނާއި ދިމާ ކުރައްވައި، ފާޑުކިއުންތައް އަމާޒުކޮށް، މީހުންގެ ޒާތީ ދިރިއުޅުމާއި ގުޅޭގޮތުން ވެސް ޓުވީޓު ކުރައްވަ އެވެ. އަދި ހާއްސަކޮށް އެމްޑީޕީގެ ސަރުކާރު ފެކްޝަނާއި ގުޅޭގޮތުން ދައްކަވާ އެކި ވާހަކަތަކުގެ ސަބަބުން އެބޭފުޅުން ދަނީ އެ އެކައުންޓު ހިންގަވަނީ ރައީސް ނަޝީދުކަމަށް ވިދާޅުވަމުންނެވެ.
މިއީ ރައީސް ނަޝީދު ހިންގަވާ އެކައުންތެއްކަމަށް ބުނެ ވާހަކަތައް ދެކެވެ އެވެ. އަދި އެ އެކައުންޓުގެ ޓުވީޓުތަކުގެ ބަސްމަގު ހުންނަނީ ރައީސް ނަޝީދާއި ދާދި އެއްގޮތަކަށްކަމަށް ތުހުމަތުކޮށް ރައީސް ނަޝީދަށް ފާޑުކިއުން އަމާޒު ވެއެވެ. އެގޮތުން ސަރުކާރުގެ ފެކްޝަނުގެ ބޭފުޅުން ވެސް އެ އެކައުންޓަށް ރައްދު ދެނީ، އެއީ ރައީސް ނަޝީދު ހިންގަވާ އެކައުންޓެއްކަމަށް ބުނެ އެވެ. އަދި އެމަނިކުފާނުގެ ނަން ބޭނުންކޮށްގެން ވެސް ބައެއް ބޭފުޅުން ރައްދު ދެއްވަ އެވެ.
Hassan Kurusee ge namugai hingaa twitter account ge olhunthah balllava dhevvumah edhi alhugadu MPS ah fonuvi sitee pic.twitter.com/wu7T0KUulu
— Mohamed Nasheed (@MohamedNasheed) April 18, 2023
ފަހަކަށް އައިސް ކުރީސީގެ އެކައުންޓުން ކުރާ ޓުވީޓުތައް ގިނަވެ، ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ އާއިލާއާއި ގުޅޭގޮތުން ވެސް ވާހަކަ ދައްކަ އެވެ. މައްސަލަ ފުލުހަށް ހުށަހަޅުއްވައި މިއަދު ރައީސް ނަޝީދު ވިދާޅުވީ ހަސަން ކުރުސީއަކީ އެމަނިކުފާނު ހިންގަވާ އެކައުންޓެއްކަމަށް ގިނަ ބަޔަކަށް ހީވެ އޮޅުންތައް އަރާފައިވާކަމަށެވެ. އަދި އެކަމުގެ ސަބަބުން އެމަނިކުފާނަށް އިންތިހާއަށް ގެއްލުން ލިބެމުންދާކަމަށް ފާހަގަކޮށް އެ އެކައުންޓުގެ އަސްލު ހޯދައިދިނުމަށް ފުލުހަށް ހުށަހެޅުއްވިކަން ހާމަ ކުރި އެވެ.
ސޯޝްލް މީޑިއާގައި ހިންގާ ”އެލެކްސް އަހުމަދު“ ނުވަތަ މިހާރުގެ ނަމުން ”އެމްއެން އަން އޮފިޝަލް“ އަކީ ވެސް ރައީސް ނަޝީދު ހިންގަވާ އެކައުންޓެއްކަމަށް ވާހަކަ ދެކެވެ އެވެ. އަދި އެކަން ގިނަ ބަޔަކު ފާހަގަ ކުރަމުން ދާތީ ޓުވީޓެއް ކުރެއްވުމަށް ފަހު އެއީ އެމަނިކުފާނުގެ ނުރަސްމީ އެކައުންޓުކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ. ނަމަވެސް ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ސުވާލު ކުރުމުން، ސީދާ އެކަން ކަށަވަރުކޮށްދޭ ޖަވާބެއް އެމަނިކުފާނު ނުދެއްވަ އެވެ.
އެ އެކައުންޓު 29،000 އަށް ވުރެ ގިނަ މީހުން ފޮލޯ ކުރެ އެވެ.

