ދިވެހިރާއްޖޭގެ ރަށްތަކުގެ ނަންތައް ބިދޭސީ ނަންތަކަށް ބަދަލުކުރުމުގެ ސަބަބުން އޮޅުން ބޮޅުން އަރަައިގެންދިއުމުގެ ފުރުސަތުތައް އޮތްކަމަށް ފާހަގަކުރައްވާ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ މުހިންމު މަގާމުތަކުގައި ގިނަ އަދަދެއްގެ ބިދޭސީން ތިބުމާއި ގުޅިގެން މަޖިލީހަށް ހުށައަޅާފައިވާ ގަރާރަކާއިމެދު ވާހަކަދައްކަވަމުން އިބްރާހިމް ވިދާޅުވީ، ޓުއަރިޒަމް މިނިސްޓްރީގެ ޒިންމާތައް ފުރިހަމައަށް އަދާނުކުރާކަން އޭނާއަށް ފާހަގަކުރެއްވޭކަމަށެވެ. އޭނާ ވިދާޅުވީ، މަޖިލީހުގެ ބަޖެޓު ކޮމިޓީއަށް ހިސާބުތައް ފޮނުވާފައި ހުންނަ އިރު ފޮނުވާފައި ހުންނަނީ ހިޔާލީ އަންދާޒާއެއްގެ ގޮތުގައިކަމަށެވެ. އެހެންނަމަވެސް ރާއްޖޭގެ ރިސޯޓުތަކުގައި ބިދޭސީންނާއި ދިވެހިން ތިބެންޖެހޭ ވަކި އަދަދުތަކެއް ކަނޑައެޅިފައިވާނެކަމަށް އިބްރާހިމް އިޝާރާތްކުރެއްވިއެވެ.
އޭނާ ވިދާޅުވީ، އެ އަދަދުތައް ކަނޑައެޅިފައިވާނަމަވެސް މޮނީޓާރކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ނުކުރެވޭކަމަށެވެ. އިބްރާހިމް ވިދާޅުވީ، ހިސާބުތައް ބަލަމުންދާގޮތާއިމެދު އޭނާ ވަނީ މީގެ ކުރިން ސުވާލު ކުރައްވާފައިކަމަށެވެ. އަދި އަންދާޒާއެއް ކުރާކަމަށް ޓުއަރިޒަމް މިނިސްޓްރީއިން ބުނެފައިވާކަމަށާއި އެއީ އެކަން އޮންނަން ޖެހޭ ގޮތް ނޫންކަމަށް އިބްރާހިމް ވިދާޅުވިއެވެ.
އިބްރާހިމް ވިދާޅުވީ، ރިސޯޓަކަށް ވަޑައިގެން ދިވެހިންނާއި ބިދޭސީންގެ އަދަދުތައް ބެލުމުން ތިބެނީ 70 އިންސައްތަ ބިދޭސީންކަމަށެވެ. އަދި 80 އިންސައްތަވެސް ބައެއް ރިސޯޓުތަކުގައި ވަޒީފާ އަދާކުރަމުންދަނީ ބިދޭސީންކަމަށާއި ދިވެހި މުއައްޒަފުންގެ ގޮތުގައި ތިބެނީ މަދު އަދަދެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ މަދު އަދަދެއްގެ ދިވެހިން ވަޒީފާ އަދާކުރަމުގެ އިތުރުން ރަށުގެ ނަންވެސް އޮންނަނީ ބިދޭސީ ނަމަކަށް ބަދަލުކޮށްފައިކަމަށެެވެ. އޭނާ ވިދާޅުވީ، މި ރަށްތަކަކީ ދިގު މުއްދަތަށް ކުއްޔަަށް ދީފައިވާ ރަށްތައް ކަމަށެވެ. އެހެންކަމުން ފޯޅަވައްސަށް ވެގެންދިޔަ ގޮތަށް މީގެ އަހަރުތަކެއް ފަހުން އެ ރަށްތަކަކީ ދިވެހިރާއްޖޭގެ ބައެއް ނޫންކަމަށް ބުނާ ހިސާބަށް ކަންކަން ގޯސްވެފައިވާކަމަށް އިބްރާހިމް ސިފަކުރެއްވިއެވެ. އޭނާ ވިދާޅުވީ ކޮންމެ ރަށަކަށް ”ގާސިއާ“ ކިއުމަށްފަހު 90 ވަރަކަށް އަހަރު ފަހުން އެއީ ރާއްޖެއިން ބައެއް ނޫންކަމަށް ބުނުމުގެ ފުރުސަތު ފުޅާވެފައިވާކަމަށެވެ.
އިބްރާހިމް ވިދާޅުވީ، ރިސޯޓުތަކުގައި މަސައްކަތްކުރާ އެޗްއާރް މުއައްޒަފުންގެ 60 އިންސައްތައަކީ ދިވެހިންނަށް ހެދުމަށް ގާނޫނީ ގޮތުން ކަނޑައެޅިފައިވާކަމަށެވެ. އެހެންނަމަވެސް އެކަން ތަންފީޒު ކުރެވިފައިނުވާކަމަށާއި، ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރަށް އެކަން ކުރުމުގެ ބަދަލުގައި ކޮތަޅުން ފައިސާ ނަގަން ފެށިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ކޮތަޅުން ފައިސާ ނެގުމަށް އޭނާ ވޯޓެއް ނުދެއްވާކަމަށެވެ. އަދި އެކަމާއި ގުޅިގެން އޭނާގެ މައްޗަށް ޕާޓީއިން ފިޔަވަޅުވެސް އަޅާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް ދިވެހިންނަށް ވަޒީފާ ދިނުމުގެ މަސައްކަތްތައް ކުރުމުގައި މި ސަރުކާރުންވަނީ ބޮޑެތި އިހުމާލުތަކެއް ވެފައިކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

